ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާ އިން ގްރީކްގެ އޮލިމްޕިއާކޯސް އަތުން 3-1 ގެ ނަތީޖާއިން މޮޅުވިއިރު، ފްރާންސްގެ ޕީއެސްޖީ އިން ވަނީ 4-0 ގެ ނަތީޖާއިން ބެލްޖިއަމްގެ އަންޑާލެކްޓް ބަލިކޮށްފައެވެ.
ބާސެލޯނާއިން ރޭގެ މެޗް ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެން ކުޅެމުން ދިޔައިރު، ފުރަތަމަ ގޯލަކީ އޮލިމްޕިއާކޯސްގެ ޒުވާން ޑިފެންޑަރ ނިކޮލާއޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ބާސެލޯނާގެ ދެވަނަ ގޯލު ކާމިޔާބު ކޮށްދިނީ 61 ވަނަ މިނިޓުގައި އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމަކުން އެ ޓީމުގެ ތަރި ލިއޮނަލް މެސީއެވެ. މި ހިތްގައިމު ފްރީކިކް ގޯލާއެކު މެސީ ވަނީ ޗެމްޕިއަންސް ލީގުގައި 100 ގޯލު ހަމަކޮށްފައެވެ.
ބާސެލޯނާގެ ތިންވަނަ ގޯލު މެޗުގެ 64 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ މެސީ ދިން ޕާހަކުން ޑީނޭއެވެ. ޑީނޭގެ ގޯލަށް ފަހުގައިވެސް ބާސެލޯނާއިން އޮލިމްޕިއާކޯސްގެ ގޯލަށް ނުރައްކާ ކުރަމުން އައިއިރު އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ބައިކޮޅަށް ގޯލެއް ޖެހުނު ޑިފެންޑަރ ނިކޮލާއޯ ވަނީ އޮލިމްޕިއާކޯސްގެ ހަމައެކަނި ގޯލު ކާމިޔާބު ކޮށްދިނީ 89 ވަނަ މިނިޓުގައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާގެ ޑިފެންޑަރ ޕީކޭ އަތުން ގޯލެއް ޖެހުމުގެ ސަބަބުން ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ފުރަތަމަ ހާފު ނިމެނިކޮށް ވަނީ ދަނޑުން ފޮނުވާލާފައެވެ.
މި ނަތީޖާއާއެކު މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން 9 ޕޮއިންޓާއެކު ގްރޫޕް ޑީ ގެ އެއްވަނާގައި ބާސާ އޮތްއިރު ދެވަނާގައި 6 ޕޮއިންޓާއެކު އޮތީ ޔުވެންޓަސްއެވެ. ޔުވެންޓަސް ވަނީ ރޭގައި ސްޕޯޓިންއަތުން ހަނިގޮތަކަށް 2-1 ގެ ނަތީޖާއިން މޮޅުވެފައެވެ.
ރޭ ޕީއެސްޖީ ކުޅުނު މެޗުގައި އެޓީމަށް ފުރަތަމަ ގޯލު 3 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އެމްބާޕޭ އެވެ. މިއާއެކު އެމްބާޕޭ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލު ކާމިޔާބު ކުރި ފުރާވަރުގެ (ޓީނޭގް) ކުޅުންތެރިޔާއަށެވެ. އަނެއް ތިން ގޯލު ކާމިޔާބު ކޮށްދިނީ ކަވާނީ، ނޭމާ އަދި ޑިމަރީއާ އެވެ.
މި މޮޅާއެކު ޕީއެސްޖީ އިން ވަނީ މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ. އަދި ބައިކޮޅަށް ގޯލެއްވެސް ވަދެފައެއް ނުވެއެވެ. ޕީއެސްޖީ ގްރޫޕް ބީ ގެ 1 ވަނާގައި އޮތްއިރު ދެވަނާގައި އޮތީ ރޭ ސެލްޓިކް އަތުން 3-0 ގެ ނަތީޖާއިން މޮޅުވި ބަޔާން މިޔުނިކެވެ. ބަޔާންއަށް ރޭ ގޯލު ޖަހައިދިނީ މުލާ، ކިމިޗް އަދި ހުމެލްސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް