އެޑެން ހަޒާޑް މި ސީޒަނުގައި ޗެލްސީއަށް ފުރަތަމަ ފަހަރަށް ކާމިޔާބު ކޮށްދިން ގޯލުތަކާއެކު ރޯމާއަތުން ބަލިނުވެ ޗެލްސީ ސަލާމަތްވެއްޖެއެވެ. ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ފޯރިގަދަ މި މެޗު ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ.
ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާ ޗެލްސީއަށް ރޭގެ މެޗުގެ ފެށުން ދިޔައީ ވަރަށް ރަނގަޅަށެވެ. މެޗު ފަށައިގެން 11 ވަނަ މިނިޓުގައި ޗެލްސީން ވަނީ ލީޑު ނަގާފައެވެ. ޑޭވިޑް ލުއިސް މޮރާޓާއަށް ޖައްސާލި ބޯޅަ މޮރާޓާއަށް ލިބުނަ ނުދީ ރޯމާގެ ޑިފެންޑަރ ޖުއާން ޖީސަސް ދިފާއު ކުރަން ޖައްސާލި އިރު، ދެވަނަ ފަހަރަށް އެ ބޯޅަ ލިބިގަނެ ޑޭވިޑް ލުއިސް ވަނީ އޭރިއާގެ ބޭރުން ބާރު ހަމަލާއެއް ފޮނުވާލާ ގޯލުގެ ކަނާތްފަރާތު ތިރީ ކަނަށް ވައްދާލާފައެވެ.
ޗެލްސީން ލީޑު ފުޅާކުރީ ފުރަތަމަ ހާފު ނިމެން 8 މިނިޓަށް ވެފައިވަނިކޮށް އެޑެން ހަޒާޑް ޖެހި ގޯލުންނެވެ. މޮރާޓާ ވާއަތް ފަރާތުން އޭރިޔާގެ ތެރެއަށް ވަދެ ހަޒާޑަށް ދޭން މަސައްކަތްކުރި ބޯޅަ ރޯމާގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ދެން ތިބި ޑިފެންޑަރުންގެ ބޯމަތިންގޮސް ސީދާ ހަޒާޑަށް ލިބުނުއިރު އޭނާ ވަނީ އެއް ފަހަރުން ބޯޅަ ގޯލަށް ފޮނުވާލާފައެވެ.
ރޯމާއަށް އުންމީދު އާވީ ފުރަތަމަ ހާފު ނިމުނުގެ 5 މިނިޓް ކުރިން ކޮލަރޯވް ކާމިޔާބު ކޮށްދިން ގޯލުންނެވެ. ވާއަތް ފަރާތުން ޗެލްސީގެ ޑިފެންޑަރެއް ކައިރިން ނައްޓާލާފައި އޭރިއާ ތެރެއަށް ވަދެ ކޮލަރޯވް ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ. ގޯލަށް ބޯޅަވަނީ ޗެލްސީގެ ޑިފެންޑަރ ކްރިސްޓެންސަންގެ ފައިގާ ކޮންމެވެސް ވަރަކަށް ޖެހިފައެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 63 ވަނަ މިނިޓުގައި ރޯމާއަށް އެއްވަރު ކޮށްދިނީ އެޑިން ޖެކޯ އެވެ. ރޯމާގެ ފެޑެރީކޯ މެދުރޮނގެއްހާ ހިސާބުން، މަތިން އޭރިޔާ ތެރެއަށް ވައްޓާލި ބޯޅަ ބިމު ޖެހުމުގެ ކުރިން އެޑިން ޖެކޯ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މިއީ މި ސީޒަންގައި ޗެމްޕިއަންސް ލީގުގައި ފެނުނު އެންމެ ރީތި އެއް ގޯލެވެ.
މެޗުގެ 70 ވަނަ މިނިޓުގައި ކޮލަރޯވް އޭރިއާގެ ތެރެއަށް ފޮނުވާލި ހިލޭޖެހުމެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެޑިން ޖެކޯ ޖެހި ދެވަނަ ގޯލާއެކު، ރޯމާ ފަހަތުން އަރާ ލީޑު ނަގައި، މެޗުން މޮޅުވުމުގެ އުންމީދު ހޯދިއެވެ. އެހެން ނަމަވެސް 75 ވަނަ މިނިޓުގައި ޕެޑްރޯ މަތިން ދިން ޕާހެއް ބޮލުން ގޯލަށް ފޮނުވާލައިގެން ހަޒާޑް ކާމިޔާބު ކުރި ގޯލުން ޗެލްސީ އެއްވަރުކުރިއެވެ.
މި ނަތީޖާއާއެކު ޗެލްސީ 7 ޕޮއިންޓާއެކު ގްރޫޕްގެ 1 ވަނާގައި އޮތްއިރު، ރޯމާ ދެވަނާގައި އޮތީ 5 ޕޮއިންޓާއެކުގައެވެ. މި ގްރޫޕްގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ގަރަބާގް ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރުވެ، އެތުލެޓިކޯއަށް ވަނީ ދެވަނަ ބުރަށް ދިއުމަށް އުނދަގޫ ހަނގުރާމައެއް ކުރަން ޖެހިފައެވެ. ކުޅުން ތިން މެޗުން އެތުލެޓިކޯއަށް ހޯދިފައިވަނީ އެންމެ 2 ޕޮއިންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް