ފުލިދޫގެ ބަނދަރުގެ މަސައްކަތާއެކު ބާރަ ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ވ. ފުލިދޫގެ ބަނދަރުގެ މަސައްކަތާ އެކު ބާރަ ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. އެމަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ، ހަތަރު އަ...

19 Sep 2025 | 17:18
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވ. ފުލިދޫގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވ. ފުލިދޫގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ވ. ފުލިދޫގެ ބަނދަރުގެ މަސައްކަތާ އެކު ބާރަ ހެކްޓަރުގެ

ބިން ހިއްކަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު

ދެއްވައިފިއެވެ.

އެމަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ، ހަތަރު އަތޮޅެއްގެ

މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، އެ ރަށުގެ ރައްޔިތުންނާ

ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ

ވަޢުދެއްކަން ފާހަގަކުރައްވައި، ރައީސް ވަނީ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރުމުގެ

ކުރިން، ބިން ހިއްކުމަކީ ރައްޔިތުން ބޭނުންވާ ކަމެއްކަން ލިޔުމުން ކައުންސިލް މެދުވެރިކޮށް

ސަރުކާރަށް އެންގުމަށް އެދިވަޑައިގަންނަވާފައެވެ.

ދާދި ފަހުން އެހެން ރަށެއްގައި ބިންހިއްކުމުގެ މަސައްކަތުގެ

މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރިފަހުން، އެ މަސައްކަތް ކުރިއަށް ގެންދަން ރައްޔިތުން

ބޭނުންނުވާތީ އެކަން ހުއްޓާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ފުލިދޫއަކީ

ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ރަށުގެ

މޫދާއި ފަޅުގެ ރީތިކަން ދަމަހައްޓަން ރައްޔިތުން ބޭނުންވާނެކަން އެނގިވަޑައިގަންނަވާ

ކަމަށާއި އެކަން އެގޮތުގައި އޮންނާނެ ގޮތަކަށް ބިންހިއްކުމުގެ މަސައްކަތް ކުރިއަށް

ގެންދިއުމަށް އެމަނިކުފާނުވެސް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ރައްޔިތުން ގޮތް ނިންމުމުން، ބިން

ހިއްކުމުގެ މަސައްކަތުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށުމަށް ބޭނުންފުޅުވާކަމަށެވެ.

ފުލިދޫ އަކީ ޓޫރިޒަމްގެ ދާއިރާއިން ރާއްޖޭގެ އިޤުތިޞާދުގައި

ބޮޑުހިއްސާއެއް އަދާކުރާ، ރަށުގައި ޑޮލަރު ދައުރަވަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި

އެމަނިކުފާނު ވަނީ އަންނަ އަހަރުގެ މާރިޗް މަހުގެ ކުރިން ފެލިދޫގައި ޑޮލަރު އޭޓީއެމެއް

ބަހައްޓަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޞިއްޙަތާއި ހަށިހެޔޮކަމުގެ ދާއިރާގެ ކަންކަމަށް އަލިއަޅުއްވާލައްވައި

އެމަނިކުފާނު ވަނީ، މިއަދު ފުލިދޫގައި ޢަމަލީ މަސައްކަތްފެށި ޞިއްޙީ މަރުކަޒުގައި ވަސީލަތްތައް

އިތުރުވާނެކަމަށާއި އެތަން ނިމޭއިރު ވިހި އެނދު ހުންނާނެކަން ފާހަގަކުރައްވާފައެވެ.

އަދި ރަށުގެ ޒުވާނުން ފުޓްބޯޅަ ކުޅުމަށް ފުޓްސަލް ދަނޑެއްގެ ޢަމަލީ މަސައްކަތް މިއަހަރު

ފެށޭނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

ރައީސް ފުލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ޖަލްސާގައި،

އެރަށު ވޮލީ ކޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް

އެންޑް ރެކްރިއޭޝަނާއި ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވަނީ ސޮއިކޮށްފައެވެ.

ރައީސް ފުލިދޫއަށް ކުރެއްވި ދަތުރުފުޅުގެތެރެއިން، މިއަދު

އެރަށުގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތްފަށްޓަވައި ރަށުގެ ބަނދަރު

ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ އިތުރުން ޞިއްހީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ

ވެސް އަޅުއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް