އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފުލަމްއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ލީޑްސް ޔުނައިޓެޑުން އެމީހުންގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
މިރޭ ލީޑްސް ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ފުލަމްގެ މައްޗަށް ކުރި ހޯދީ 3-4 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، ލީޑްސްއިން ވަނީ ހެލްޑާ ކޮސްޓާ ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ފުރަތަމަ ފަސް މިނެޓު ތެރޭ މެޗުގެ ލީޑު ނަގާފައެވެ. ނަމަވެސް ލީޑްސް އަށް މި ލީޑުގައި ދެމި އޮވެވުނީ ވަކި ހިސާބަކަށެވެ. މެޗުގެ 31 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ފުލަމްއިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލީ ސާބިއާ ފޯވާޑް އަލެކްސަންޑްރޯ މިޓްރޮވިޗް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑްސްއިންް ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑް ނަގާފައެވެ. މި ފަހަރު ލީޑް ނެގީ ޕޮލަންޑް މިޑްފީލްޑަރ މަތިއުޒް ކްލިޗް ކާމިޔާބު ކޮށްދިން ލަނޑުނެވެ. މި ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ.
ލީޑްސް ޔުނައިޓެޑުން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލި އިރު، މެޗުގައި އެޓީމުން ކާމިޔާބު ކުރި ތިންވަނަ ލަނޑު މެޗުގެ50 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޕެޓްރިކް ބެމްފޮޑް އެވެ. އޭގެ ފަހުން ލީޑްސްއިން މެޗުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރި އިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ހެލްޑާ ކޮސްޓާއެވެ. ލީޑްސްއިން ހަތަރުވަނަ ލަނޑު ކާމިޔާބު ކުރިތާ ހަތަރުވަރަކަށް މިނެޓުފަހުން ފުލަމްއިން ވަނީ ޖެހިޖެހިގެން ދެ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް މި މެޗު ނިމިގެން ދިޔައީ ލީޑްސް އެއް ލަނޑުގެ ތަފާތުން މޮޅުވެގެންނެވެ.
މިރޭގެ މެޗުން ލީޑްސް މޮޅުވި އިރު، އެޓީމު ލީގުގައި ފުރަތަމަ ކުޅުނު މެޗުން ވަނީ ލިވަޕޫލް އަތުން 3-4 ގެ ނަތީޖާއިން ބަލިވެފައެވެ. އަދި މިރޭ ލީޑްސްއަތުން ބަލިވި ފުލަމް ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުންވެސް ބަލިވެފައެވެ.
ލީޑްސް ޔުނައިޓެޑު ދެން ނިކުންނާނީ ރަށުން ބޭރުގައި ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށެވެ. އަދި ފުލަމް ނިކުންނާނީ އެސްޓަން ވިލާއާއި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް