ގދ. ހޯނޑެއްދޫއިން ކޯވިޑް-19 މީހަކު ޕޮސިޓިވް ނުވާތާ ދެ ދުވަސް ވެއްޖެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެެ.
ހޯނޑެއްދޫއިން ކޯވިޑްއަށް މީހަކު ފުރަތަމަ ޕޮސިޓިވްވެފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެ ރަށުގައި ހޯމް ކަރަންޓީންގައި ތިބި ދެ މީހަކު އެ ދުވަހު ޕޮސިޓިވްވެފައިވެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެންމެ ފަހުން އެ ރަށުން މީހަކު ޕޮސިޓިވްވީ މިމަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އޭގެ ފަހުން އިއްޔެ ޑައިރެކްޓު ކޮންޓެކްޓުންގެ ތެރެއިން ކަރަންޓީން ފުރިހަމަ ކުރި ފަސް މީހެއްގެ ސާމްޕަލް ޓެސްޓު ކުރި ކަމަށާއި އެ އެންމެން ނެގެޓިވްވެފައިވާއިރު މިއަދުވެސް އަށް މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.
މިހާތަނަށް އެ ރަށުން ޕޮސިޓިވްވެފައިވަނީ 44 މީހުންނެވެ. އޭގެ ތެރެއިން 25 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްއީއޯސީން ބުނެ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ހޯނޑެއްދޫއިން ޕޮސިޓިވްވި މީހުންނާއި ގުޅުން ހުރި 230 މީހުން އަދިވެސް އެ ރަށުގައި ހޯމް ކަރަންޓީންގައި އެބަތި ކަމަށެވެ. އަދި ޕޮސިޓިވް މީހުންގެ ތެރެއިން ގާތުން ފަރުވާ ދޭންޖެހޭ އުމުރުން ދުވަސްވީ ދެ މީހަކު ގއ. ވިލިނގިލީ ކޯވިޑް ފެސިލިޓީއަށް ބަދަލުކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.
އިތުރަށް ވިދާޅުވީ ހޯނޑެއްދޫއިން ކޯވިޑް ކޭސްތައް ފެނުމާއި ގުޅިގެން އެ ރަށާއި އެކު މޮނިޓަރިންގެ ހާލަތަށް ގެނައި މަޑަވަލިން މިހާތަނަށް ކޯވިޑްގެ އެއްވެސް ކޭސްއެއް ފެނިފައި ނުވާ ކަމަށެވެ. އެކަމަކު އަދިވެސް އެ ރަށުގައި ރެންޑަމް ސާމްޕަލް ނަގަމުންދާ ކަމަށާއި މިއަދު 61 ސާމްޕަލް ނަގާފައިވާ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެ ރަށް މޮނިޓަރިންގެ ހާލަތުން ނެގުމާއި މެދު ގޮތެއް ނިންމާނީ މި ސާމްޕަލް ތަކުގެ ނަތީޖާ ލިބުމުން ކަމަށެވެ.
ހޯނޑެއްދޫ އަކީ މާލެ ފިޔަވައި އެންމެ ގިނަ މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވާ ރަށެވެ. އެ ރަށުން ޕޮސިޓިވްވަމުން ދަނީ ކަރަންޓީން ފުރިހަމަ ކުރި އިރު ޕޮސިޓިވްކަން އެނގުނު ދެ މީހުންގެ އާއިލާ މީހުންނެވެ.
ހޯނޑެއްދޫއިން ބަޔަކު ކޯވިޑަށް ޕޮސިޓިވްވުމާއި ގުޅިގެން ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް ދަނީ އެ ރަށާއި މަޑަވެލީގައި ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް