އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވެސްޓް ބްރޮމްވިޗް އަލްބިއޮލްއާއި ދެކޮޅަށް ކުޅުނު މެޗުން ފަސޭހަ ކަމާއި އެކު އެވަޓަން އިން ކާމިޔާބު ކޮށްފިއެވެ.
މިއަދު ހަވީރު ވެސްޓް ބްރޮމްއާއި ދެކޮޅަށް ކުޅުނު މެޗުން އެވަޓަން ކުރިހޯދާފައިވަނީ 2-5 ގެ ނަތީޖާއަކުންނެވެ.
އެވަޓަންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެވަޓަންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ އެސްޓްބްރޮމް އިންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ގްރެޑީ ޑަޔަންގަނާއެވެ. އެވަޓަންއިން ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ 31 ވަނަ މިނެޓުގައި ޑޮމިނިކް ކަލްވަޓް ލެވިން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި އެވަޓަން އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހާ ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. އެވަޓަންއަށް ލީޑު ނަގައިދިން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިފަހަރުގެ ސީޒަންގައި ރެއާލް މެޑްރިޑުން އަލަށް އެޓީމާއި ގުޅުނު ކޮލަމްބިއާ ފޯވާޑް ހަމޭސް ރޮޑްރިގޭޒް އެވެ.
މެޗުގެ ފުރަތަމަ ހާފު އެވަޓަން ލީޑުގައި އޮވެ ނިންމާލިއިރު، މެޗުގެ ފަހުހާފު ފެށިގެން 3 ވަނަ މިނެޓުގައި ވެސްޓް ބްރޮމް އިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މެތިއަސް ޕެރޭރާއެވެ. އޭގެ ހަތަރު މިނެޓު ފަހުން އެވަޓަންއަށް ދެވަނަ ފަހަރަށް މެޗުގެ ލީޑުނަގައި ދިނީ މަތިއަސް ކީން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭގެ ފަހުން އެވަޓަންއިން މެޗުގައި ކާމިޔާބު ކުރި ދެ ލަނޑުވެސް ކާމިޔާބު ކޮށްދީފައިވަނީ ޑޮމިނިކް ކަލްވަޓް ލެވިން އެވެ. އޭނާ ވަނީ މި މެޗުގައި ތިން ލަނޑު ޖަހާ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
މިއަދުގެ މި މޮޅާއި އެކު އެވަޓަންއިން ވަނީ ލީގުގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެފައެވެ. އެގޮތުން ކުޅުނު ދެމެޗުން ވެސް މޮޅުވެ 6 ޕޮއިންޓާއި އެކު އެވަޓަން ވަނީ ވަގުތީ ގޮތުން ތާވަލުގެ އެއްވަނަ އަށް ޖެހިލާފައެވެ.
އެވަޓަންއިން ދެން ކުޅެން ޖެހޭ މެޗުގައި ބައްދަލުކުރާނީ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް