ކޮރަޕްޝަން ހުއްޓުވަން ރިޝްވަތު ހުށަހަޅާ ކުންފުނިތަކަށް ހަރުކަށި އަދަބު ދޭންޖެހޭ

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ސަރުކާރުގެ ޕްރޮޖެކްޓުތައް ކުރިޔަށް ގެންދިއުމަށް ރިޝްވަތު ހުށަހަޅާ ކުންފުނިތަކަށް ހަރުކަށި އަދަބު ދޭން ޖެހޭ ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅު...

19 Sep 2020 | 06:18

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ސަރުކާރުގެ ޕްރޮޖެކްޓުތައް ކުރިޔަށް ގެންދިއުމަށް ރިޝްވަތު ހުށަހަޅާ ކުންފުނިތަކަށް ހަރުކަށި އަދަބު ދޭން ޖެހޭ ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވީ ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކޮށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރަށް ދައުވާ އުފުލައިދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދުމުންނެވެ.

އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ސަރުކާރެއްގައި ރިޝްވަތު ހުށަހަޅާ ކުންފުނިތަކުގެ މައްސަލަ ބަލައި ފިިޔަވަޅު އަޅާތަން ނުފެންނަ ކަމަށެވެ. އޭގެ ބަދަލުގައި ފެންނަމުން ދަނީ އަނެއްކާވެސް އުސޫލުން ބޭރުން އެ ކުންފުނިތަކަށް ޕްރޮޖެކްޓުތައް ހަވާލު ކުރާތަން ކަމަށް އުޝާމް ވިދާޅުވި އެވެ.

https://twitter.com/a_usham/status/1306970243881824257

އޭސީސީން މިއަދު ބުނީ އެ މައްސަލައިގައި ދައުވާ އުފުލައިދޭން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދުނީ ޒިޔާދުގެ އިތުރުން އޭރު އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި މ. މުހައްމަދީއާބާދު، އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ކަމަށެވެ.

އޭސީސީން ބުނިގޮތުގައި، ޒިކުރާ މިސްކިތުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި ބީލަމަށް ނުލައި ބަޔަކާ ހަވާލުކުރުމުގެ ހުއްދައަށް އެދި ދެ ފަހަރެއްގެ މަތިން ރައީސް އޮފީހުގައި އެދުމަށް ފަހު، ހުއްދަ ނުލިބެނީސް އެސްޖޭއާ ހަވާލުކުރީ އެންމެ ލުއިގޮތް ހުށަހެޅީ އެ ކުންފުނިން ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް