ސްޓާ ޕްލަސްއިން ދައްކަމުން އަންނަ ކުރީގެ މަޝްހޫރު ޑްރާމާ ސިލްސިލާ ކަސައުޓީ ޒިންދަގީ ކީ ގެ ދެވަނަ ސީޒަން ކުރިޔަށް ނުގެންދެވިގެން ނިންމާލާކަން ޔަގީން ވެއްޖެ އެވެ.
ކަސައުޓީ ޒިންދަގީ ކީ2 ސްޓާ ޕްލަސްއިން ދައްކަން ފެށީ 2018 ވަނަ އަހަރު އެވެ. އެ ޝޯ ހުއްޓާލަން މަޖުރުވީ ބެލުންތެރިންގެ ފަރާތުން އެއްވެސް ވަރަކަށް ތަރުހީބު ނުލިބުމާއި ޝޯގެ މުހިންމު ތަރިންތައް ޝޯ އާއި ވަކިވަމުންދާތީ އެވެ.
ކަސައުޓީ2 ދައްކަން ފެށި ދުވަސް ކޮޅު ބެލުންތެރިންގެ މެދުގައި މަގުބޫލު ނަމަވެސް އެކަން ހިފަހައްޓާލެވުނީ ހަ މަހެއްހާ ދުވަހު އެވެ. އޭގެ ފަހުން ދޭތެރެ ދޭތެރެއިން އެ ސިލްސިލާ ހުއްޓާލާ ވާހަކަ އަޑު އިވުމަށް ފަހު ފަހުން ކަސައުޓީގެ ޓީމުން އެކަން ދޮގު ކުރެ އެވެ.
މިފަހަރު އެކަމަކު އެ ޝޯ ހުއްޓާލާކަން ވަނީ ޔަގީންވެފައި އެވެ. މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކަސައުޓީގެ މަސައްކަތްތަކުގައި ބައިވެރިވި ހުރިހާ އެންމެން އެކުވެގެން ޝޯ ހުއްޓާލަން ނިންމާފައިވާތީ އެކަން ފާހަގަ ކުރުމަށް ޕާޓީއެއް ބާއްވާފައި އެވެ.
މި ޝޯ ނިންމާލަނީ ލީޑް ދެ ތަރިން ކަމަށްވާ އަނޫރާގް އާއި ޕްރޭނާ އެކީގައި މަރުވެގެންނެވެ. އެ ސިލްސިލާގެ ތިން ވަނައަށް އެންމެ މުހިންމު ރޯލު ކުޅެމުންދާ މިސްޓާ ބަޖާޖްގެ ބައިވެސް މިހާރު ނިންމާލައިފި އެވެ. އަދި ފަހު އެޕިސޯޑުގައި ކޮމޯލިކާވެސް މަރުވަނީ އެވެ.
މި ޝޯގެ އެންމެ ފަހު އެޕިސޯޑުގެ މަންޒަރުތައް ވަނީ ނަގާ ނިމިފައި އެވެ. މި ޝޯގެ އެންމެ ފަހު އެޕިސޯޑު ދައްކާނީ އަންނަ އޮކްޓޯބަރު މަހުގެ ތިނަ ވަނަ ދުވަހު އެވެ.
ކަސައުޓީގެ ދެވަނަ ސީޒަނަށް މާބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް ދެ ވަނަ ބައިގައި ޕްރޭނާ އާއި އަނޫރާގްގެ ރޯލުން ފެނިގެން ދާ އެރިކާ ފެނާންޑޭޒް އާއި ޕާތް ސަމްތާންގެ އެކްޓިންއަށް ގިނަ ބަޔަކު ތައުރީފު ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް