ދިވެހިންގެ ތާރީޚުގެ ސަފުހާތަކުން ހިރަފުސް ފޮޅާލާ އިރު، މީގެ އަހަރުތަކެއް ކުރިން "ވޯރާ ވިޔަފާރިވެރިން" ނަމަކަށް ކިޔާ ބަޔަކު އުޅުނެވެ.
ނަމަވެސް މިހާރު މިއޮތީ ޒަމާން ބަދަލުވެފަ އެވެ. މިހާރު ރާއްޖޭގައި މިއުޅެނީ ވޯރާ ވިޔަފާރިވެރިންގެ އެންމެފަހުގެ ވައްތަރު ކަމަށް ވެދާނެ އެވެ.
އެެހެން މިބުނީ ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ ބޭރު މީހުން ނުވަތަ ބިދޭސީން ކަމާއިމެދު އެއްވެސް މީހަކު ޝައްކެއް ނުކުރާނެއެވެ. ފިހާރަ، ހޮޓާ، ކެފޭ ރެސްޓޯރެންޓު ފަދަ ތަންތަނާއި އަޅުގަނޑުމެންގެ ގޭގޭގެ ބަދިގެ ތެރެވެސް ރަމަތަ ކުރުމުގެ އިތުރުން އަމިއްލަ މައިންބަފައިންވެސް ބަލަހައްޓަނީ އެވެރީންނެވެ.
އެހެންކަމުން ދިވެހިންގެ ދިވެހިވަންތަކަން މިވަނީ ގެއްލިފައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އަމިއްލައަށް ކުރަމުން އައި މަސައްކަތްތައް ބިދޭސީން ބޭނުން ގޮތަކަށް ކުރުމަށް ދޫކޮށްލުމަކީ އާދައިގެ ކަމެއް ނޫނެވެ.
މީގެ އިތުރުން ރާއްޖޭގެ ރަށެއްގައި ކުރާ ދަނޑުވެރިކަމަށް ބަލައިލިޔަސް ދަނޑުގައި ކުރާ ހުރިހާ މަސައްކަތަކާއި އެތަކެތި މާލެ ގެނައުމާއި އެތަކެތި ވިއްކުމާއި އެތަކެތި ގަނެ، ނުވިތާކަށް ވިއްކަނީވެސް އެމީހުން ނެވެ.
މިކަން ގަބޫލު ނުކުރާ ބަޔަކުވެސް ތިބުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިކަމުގެ ހަގީގަތް މާލޭގެ އެކި ސަރަހައްދުތަކަށް ބަލައިލުމުން ވަރަށް ރަނގަޅަށް ފެންނަމުންދާނެ އެވެ.
"ދަތުރުވެރިންގެ މާރުކޭޓު" ގައި ބަނޑަހަ ޖަހައިގެން ތިބި ބިދޭސީން އެތަނުން ބޭރު ކުރުމުން މާލޭގެ އެކި ސަރަހައްދުތަކުގައި ބަނޑަހަ ޖަހަމުން އެދަނީ ވަރަށް ވިސްނުންތަރިކަމާއި އެކު ބިރެއް ނެތި ކެރިގެންނެވެ. މާލޭގެ އެކި ދިމާތަކުގައި ހުސްތަންކޮޅެއް އޮވެއްޖެނަމަ، ތަރުކާރީއާ މޭވާ ވިއްކާ ތަނެއް، ނުވަތަ ކޮންމެވެސް އެހެން ވިޔަފާރިއެއް ފެންނާނެ އެެވެ. އޯނަރުންނަކީވެސް ސޭޓުންގެ ގޮތުގައި ތިބެނީވެސް އެމީހުންނެވެ.
ސޭޓުންގެ ގޮތުގައި ބިދޭސީން ތިބުމަކީ "މަނާ" ކަމެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް އެކަމަށް ފިޔަވަޅު އެޅޭތަނެއް ނުފެނެއެވެ.
ކޮންމެވެސް ސަބަބުތަކާ ހުރެ އެކަން ނުވެ އޮތީ، މީގެ ޒަމާންތަކެއް ކުރިން ގަވައިދު ތަންފީޒު ކުރަން ފެށިފައި ނެތުމުންނެވެ.
ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އެއްވެސް ދިވެއްސަކު އަޑީގައި ނެތި، އަދި ރަޖިސްޓްރީ ވެސް ނުކޮށް ބައެއް ތަންތަން ބޭރު މީހުން ހިންގަމުން އަންނަކަމީ ބޮޑު ސިއްރެކެވެ. ނޫންނަމަ، ދިވެހީންގެ ތެރޭގައި ހިމެނޭ ކަމުވޮށިވެގެންވާ މީހަކު އަޑީގައި ހުރުމުން އެފަދަ ކަންކަން ހުއްޓުވުމުގައި ދަތިތަކެއް ހުންނަކަންވެސް މިއީ އެންމެން ދައްކާ ވާހައެކެވެ.
މިއީ އަދުގެ ޖީލުން ވަރަށް ފުންކޮށް ވިސްނާ، އެދެވޭ ފިޔަވަޅު ނާޅައިފިނަމަ، އަޅުގަނޑުމެންގެ ދަރީންނަށް ދެވޭ ވަރަށްބޮޑު ނިކަމެތިކަމަކަށް ނޫނީ ނުވާނެ އެވެ.
ދިރިއުޅުމުގެ ހުރިހާ ކަމެއް އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލުމުގެ ސަބަބުން ދިވެހީންގެ ބައެއް ޢާއިލާތައް ރޫޅިފައިވެސް އެބަ ހުއްޓެވެ.
އެހެންކަމުން މުސްތަގުބަލް އެހެންބައެއްގެ އަތްމަޗަށް ދޫކޮށްލައިގެން އަޅުގަނޑުމެން ތިބެންވީތޯ އެވެ. ނުވަތަ ހުންގާނު ނެތް ދޯންޏެއްގެ މިސާލުގައި އަޅުގަނޑުމެންގެ ދިރިއުޅުން ދޫކޮށްލާނީތޯ އެވެ؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް