ޔުވެޓަސް ދޫކޮށް ހިގުއައިން އިންޓަ މިއާމީއަށް ބަދަލުވެއްޖެ

އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އައި އާޖެންޓީނާގެ ޔަޖުރިބާ ކާރު ފޯވަޑް ގޮންޒާލޯ ހިގުއައިން އެމެރިކާގެ މޭޖާ ލީގުގައި ވާދަކުރަމުން އަންނަ އިންޓަ މިއާމީއަށް ސޮއިކޮށްފިއެވެ. މިހާރު އުމުރުން 32 އަހަރުގެ ހ...

19 Sep 2020 | 03:06

އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އައި އާޖެންޓީނާގެ ޔަޖުރިބާ ކާރު ފޯވަޑް ގޮންޒާލޯ ހިގުއައިން އެމެރިކާގެ މޭޖާ ލީގުގައި ވާދަކުރަމުން އަންނަ އިންޓަ މިއާމީއަށް ސޮއިކޮށްފިއެވެ.

މިހާރު އުމުރުން 32 އަހަރުގެ ހިގުއައިން އިންޓަ މިއާމީއާ ގުޅުނީ ޔުވެންޓަސްގެ އައު ކޯޗު އަންދްރޭ ޕިރްލޯގެ ޕްލޭނުގައި އޭނާ ނުހިމެނޭތީ، އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހުއެވެ.

ހިގުއައިން އިންޓަ މިއާމީއާ ގުޅުނީ ދެއަހަރުގެ އެއްބަސްވުމެއްގެ ދަށުން 7.5 މިލިއަން ޔޫރޯގެ އަގަކަށް ކަމަށް ރިޕޯޓުތަށް ބުނެއެވެ. އަދި އޭނާއަކީ އިންޓަ މިއާމީގެ ތާރީޚުގައި ތިންވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ.

ރިވާ ޕްލޭޓުން 2004 ވަނަ އަހަރު ކެރިއަރު ފެށި ހިގުއައިން މީގެ ކުރިން ވަނީ ރެއާލް މެޑްރިޑާއި ނާޕޮލީއަށް ކުޅެފައެވެ. އަދި ޔުވެންޓަސްއަށް ކުޅުނުއިރު ހިގުއައިން ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނާއި ޗެލްސީއަށްވެސް ކުޅެފައެވެ. ޔުވެންޓަސްއަށް ހިގުއައިން ކުޅެދިން 148 މެޗުގައި 66 ލަނޑު އޭނާ ކާމިޔާބުކޮށްފައިވާއިރު، ހިގުއައިން ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

އިންޓަ މިއާމީއަށް ހިގުއައިން ބަދަލުވިއިރު، މިދިޔަ އޮގްސްޓަ މަހު ހިގުއައިންއާއެކު ޔުވެންޓަސްއަށް ކުޅުނު ފްރާންސްގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީވެސް ވަނީ އިންޓަ މައާމީއަށް ބަދަލުވެފައެވެ. އުމުރުން 33 އަހަރުގެ މަޓުއިޑީވެސް އިންޓަ މަޔާމީއާ ގުޅުނީ ޔުވެންޓަސްއާއެކު ހަދާފައި އޮތް އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް