ކަންގަނާއަށް ކުރާ ތުހުމަތުތަކާއި ގުޅިގެން އިތުރު ޗެލެންޖެއް ސޯޝަލް މީޑިއާގައި

ސުޝާންތު ސިންގް ރާޖްޕުޓް އަމިއްލައަށް މަރުވި މައްސަލައިގެ ޒިންމާ ބޮލީވުޑްގެ ޑައިރެކްޓަރުންގެ ބޮލުގައި އަޅުވައި އެތައް ވާހަކަތަކެއް ދައްކައި ހަދަމުންދާ ބޮލީވުޑްގެ ބަލަތާ ކަންގަނާ ރަނާވަތު އިތުރު ޗެލެން...

19 Sep 2020 | 02:56

ސުޝާންތު ސިންގް ރާޖްޕުޓް އަމިއްލައަށް މަރުވި މައްސަލައިގެ ޒިންމާ ބޮލީވުޑްގެ ޑައިރެކްޓަރުންގެ ބޮލުގައި އަޅުވައި އެތައް ވާހަކަތަކެއް ދައްކައި ހަދަމުންދާ ބޮލީވުޑްގެ ބަލަތާ ކަންގަނާ ރަނާވަތު އިތުރު ޗެލެންޖެއް ސޯޝަލް މީޑިއާގައި ކޮށްފި އެވެ.

ބޮލީވުޑްގެ ޑައިރެކްޓަރުންގެ ބޮލުގައި ސުޝާންތުގެ މަރުގެ ޒިންމާ އެޅުވުމުގެ އިތުރުން ކަންގަނާ ވަނީ އެ މައްސަލަ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅުން ހުރިކަން އެނގުމުން އެކަމާއި ގުޅޭގޮތުންވެސް ވާހަކަ ދައްކާފައި އެވެ. މި މައްސަލަގަނޑުގެ ތެރޭގައި މިއީ ކަންގަނާ ބަޔަކާއި ޗެލެންޖު ކުރާ ދެވަނަ ފަހަރެވެ.

މިފަހަރު ޗެލެންޖު ކޮށްފައިވާ ސޯޝަލް މީޑިއާގައި އެވެ. ކަންގަނާ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސުޝާންތުގެ މަރާއި ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތަކުގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން އެއްވެސް ވާހަކައެއް އޭނާ އިސްވެ ފަށައި ނުވަތަ އެ ވާހަކައެއް އާންމުކޮށްފައި ނުވާނެ ކަމަށެވެ.

ކަންގަނާ މުޅިންވެސް ހިޔާލު ފާޅުކޮށްފައިވާނީ އެހެން މީހުން ދައްކާ ވާހަކައަށް ކަމަށާއި އޭނާ އިސްވެ އެއްވެސް މައްސަލައިގަ މައުލޫމާތެއް އާންމު ކުރި ކަމުގެ ހެކި ދައްކައި ނަމަ ޓުވިޓާ ބޭނުން ކުރުން ހުއްޓާލާނެ ކަމަށެވެ. އޭނާ މިހެން ބުނީ ކުރީގެ ބޮލީވުޑް ބަތަލާ އުރުމިލާ މަތުންދްކަރާއި ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯން ކުޅޭ ފިލްމުތަކާއި ގުޅޭގޮތުން އޭނާ ދެއްކި ވާހަކައަކާއި ގުޅިގެންނެވެ.

ކަންގަނާ ބުނީ ސުޝާންތުގެ މަރާއި ބޮލީވުޑްގެ ޑައިރެކްޓަރުންނާއި ގުޅުވައިގެން އޭނާއަށް ލިބިފައިވާ މައުލޫމާތާއި ކުރެވުނު ތަޖުރިބާ ތަކުގެ ވާހަކަދެއްކީ ބަޔަކު ބޮލީވުޑްގެ ޑައިރެކްޓަރުންނާއި އެ މަރު ގުޅުވައި މީޑިއާގައި ވާހަކަ ދެއްކުމުން ކަމަށެވެ. އަދި މަސްތުވާތަކެއްޗާއި އޭނާ އާއި ގުޅުމެއް ވާކަން ފުލުހުން ސާބިތުކޮށްދީނަމަ ބޮލީވުޑާއި މުމްބާއީ ދޫކޮށް ދާނެ ކަމުގެ ޗެލެންޖު ކުރީ ސުުޝާންތު މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ވާހަކައިގެ ތެރެއިން މަހާރާޝްޓްރާގެ ހޯމް މިނިސްޓަރު ކަންގަނާވެސް މަސްތުވާތަކެތި ބޭނުންކޮށް އޭނާއަށް މަސްތުވާތަކެތި ދޭން އުޅުނު ކަމަށް މީޑިއާގައި ބުނުމުން ކަމަށެވެ.

ކަންގަނާ ބުނީ އޭނާ އަކީ ބޭކާރު މައްސަލަތަކުގެ ތެރެއަށް ވަންނަ މީހެއް ނޫން ކަމަށެވެ. ކަންގަނާ އާއި މަޝްހޫރު އެކި ފަރާތްތަކާއި ދެމެދު ހިޔާލުތަފާތުވުން އުފެދިފައި ވަނިކޮށް އޭނާގެ އޮފީހުގައި ބަޔަކު ވަނީ ރޯކޮށްލާފައި އެވެ.

މިކަންކަމާއި ގުޅިގެން ބައެއް ފިލްމު ޑައިރެކްޓަރުން މިހާރު ބުނަމުން ދަނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދަށުން ކަންގަނާއަށް ބޭނުން އެއްޗެއް ކިޔުމުގެ އިހުތިޔާރު އޮންނާނެ ކަމަށެވެ. އަދި ކަންގަނާއަކީ ކުޅަދާނަ ބަތަލާއެއް ކަމުން ފިލްމެއް އޭނާއަށް ދީގެން ހާސްވާން ނުޖެހުނަސް އޭނާ ސިޔާސީ ފަރާތްތަކާއި ދެކޮޅަށް ވާހަކަދެއްކުމަކީ ފިލްމު އުފައްދާ ފަރާތްތަކަށް އޭނގެ ނުރައްކާތެރިކަން ބޮޑުވެ މަސައްކަތަށް ހުރަސްތަކާއި ކުރިމަތިވާނެ ކަމެއް ކަމަށް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް