ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތު މަދު ކޮށްފި

ކޯވިޑް-19 އާ ގުޅިގެން މިހާރު އޮތް ނިއު ނޯމަލްގައި ސްކޫލުތަކުގައި ކިޔަވައިދެމުންދާ ގަޑިތަކުގެ ދިގުމިނަށް ބަދަލު ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފިއެވެ. މާލޭގައި އިއުލާނުކޮށްފައިވާ ފުރަބަ...

19 Aug 2020 | 05:43

ކޯވިޑް-19 އާ ގުޅިގެން މިހާރު އޮތް ނިއު ނޯމަލްގައި ސްކޫލުތަކުގައި ކިޔަވައިދެމުންދާ ގަޑިތަކުގެ ދިގުމިނަށް ބަދަލު ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފިއެވެ.

މާލޭގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދިނުމަށްފަހު، ސްކޫލުތަކަށް ހާޒިރުވެ ނިއު ނޯމަލްގައި ކިޔަވައިދޭން ފަށާފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުއްވި ސަރކިއުލާގައި ބުނީ، އަންނަ ހަފްތާގެ އާދިއްތަ ދުވަހުންފެށިގެން ސްކޫލުތަކުގައި ކިޔަވއިދޭ ވަގުތު މަދުކޮށްފައިވާކަމަށެވެ. އެގޮތުން ކުރިން މާއްދާއެއް 45 މިނެޓަށް ކިޔަވައިދިން ނަމަވެސް އާދީއްތަ ދުވަހުން ފެށިގެން މާއްދާއެއް ކިޔަވައިދޭނީ 35 މިނެޓަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީއިން ބުނީ އެގޮތަށް ނިންމާފައިވަނީ ޕްރިންސިޕަލުންނާއި ޓީޗަރުންނާ މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ.

އަދި އެ ބަދަލުތަކާއެކު ހަފްތާއެއްގައި މާއްދާއަކަށް ކިޔަވައިދޭ ވަގުތަށްވެސް ބަދަލު އަންނާނެ ކަމަށް މިނިސްޓްރީއިން ބުނެފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވަނީ އަލަށް ގެންނަ ބަދަލާއެކު ސެޝަންގެ ތެރެއިން އަތް ދޮވުމާއި އެހެން ކަންކަމަށް އެއްގަޑިއިރު ލިބޭގޮތަށް ސެޝަންގެ ދިގުމިން ހަތަރު ގަޑިއިރަށްވުރެ ދިގު ނުވާނެ ގޮތަށް ކްލާސްތައް ރޭވުމަށް އެދޭ ކަމަށެވެ.

އަދި އުސޫލުގައި ބުނެފައިވާ ގަޑިއަށް ފެތޭ ވަރަށް ކްލާސް ނުގެންދެވޭ ނަމަ އެ ގަޑި އޮންލައިންކޮށް ނެގުމަށްވެސް ސާކިއުލާގައި ފާހަގަކޮށްފައިވެ އެވެ.

މި މަހުގެ 23 އިން ފެށިގެން ކްލާސްތަކުގެ ގަޑިއަށް ބަދަލު ގެނެސް ކްލާސްތައް ބައްޓަން ކުރުމަށް މިނިސްޓްރީގެ ސާކިއުލާގައި ވަނީ އަންގާފަ އެވެ.

ކޯވިޑް-19ގެ ސަބަބުން 3 މަހަށްވުރެ ގިނަދުވަސްވަންދެން ސްކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. މާލެ ނޫން ހުރިހާ ރަށެއްގައި ގްރޭޑް 1 އިން ފެށިގެން ކިޔަވައިދޭން ފެށިނަމަވެސް މާލޭގައި ކިޔަވައިދޭން ފަށާފައިވަނީ ގްރޭޑް 9 އިން 12 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް