ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަރައިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފި އެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ދުބާއީ ކުންފުނި މެދުވެރިކޮށް ވެންޓިލޭޓަރު ގެންނަން ނިންމީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން މަޖިލީހުގައި އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. އެހެން ކަމުން މަޖިލީހުގެ އިމްތިޔާޒުތަކަށް މިނިސްޓަރު އަރައިގެންފައިވާތީ އެކަން ބެލުމަށް އިމްތިޔާޒު ކޮމިޓީއަށް އަންގަވާފައިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މިނިސްޓަރު އަމީން މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބެލެވޭ މައްސަލައެއް މަޖިލީހުން ބަލަން ފަށާއިރު، ވެންޓިލޭޓަރުތަކުގެ މައްސަލާގައި މިނިސްޓަރު އަމީން ވަނީ އަމިއްލަފުޅަށް މިނިސްޓްރީގެ މަސައްކަތުން އެކަހެރިވެވަޑައިގެންފައެވެ. އަދި މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ ވަނީ ހަވާލުކޮށްފައެވެ.
ހެލްތު މިނިސްޓްރީން ކޯވިޑް-19 އާއި ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ރިޕޯޓާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް އޭސީސީ އާޢި ފުލުހުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އަންގަވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް