ބޭރުން ކެއުމަކީ ބަރުދަން، ބަރުވުމަށް ދިމާވާ އެއް ސަބަބު ކަމުގައި ގިނަ ބަޔަކު އިއްތިފާގު ވާނެއެވެ. ހޮޓާ ރެސްޓޯރެންޓްތަކަށް ރަހުމަތްތެރިންނާއެކު ގޮސް ކެއުން ބުއިންތަކަށް އިންސާފު ކުރާއިރު ތެލަށް ހަކުރަށް ބެލުމެއް ނޯވެއެވެ. އަދި ނުވިތާކަށް އެކުގައި ތިބި މީހުންގެ މޫނަށް ކަނދުރާއަށްވެސް ބެލުމެއް ނެތި ކެވޭ ނުކެވޭ ވަރެއްވެސް ގިނަ ފަހަރަށް ނޭނގެއެވެ.
ނަމަވެސް އަމިއްލައަށް ކައްކައިގެން ނުވަތަ ގޭގައި އާއިލާއާއި އެކުގައި ކާއިރު ތެލަށްވެސް ހަކުރަށްވެސް ބެލޭކަން އެވެސް ގިނަ ބަޔަކު ގަބޫލު ކުރާނެ ހަގީގަތެކެވެ.
އިންޑިއާގެ ޑައިޓީޝަން، އަދި ޔޫޓުބް ފިޓްނަސް އިންސްޓްރަކްޓަރެއް ކަމުގައިވާ ޕްރަތިމާ ލޮކްވާނީ ނަމަކަށް ކިޔާ މީހަކު މިވަނީ 10 މަސް ތެރޭގައި އޭނާގެ ބަރުދަނުން 51 ކިލޯ ދުއްވާލާފައެވެ.
މީގެ 10 މަސް ކުރިން ބަރުދަނުގައި 112.5 ކިލޯ ހުރި، އިސްކޮޅުގައި ފަސް ފޫޓު ތިން އިންޗި ހުރި، ޕްރަތިމާގެ މިހާރުގެ ބަރުދަނަކީ 62 ކިލޯއެވެ.
ޓައިމްސް އޮފް އިންޑިއާއަށް، ޕްރަތިމާގެ "ފެޓް ޓު ފިޓް" ސްޓޯރީ ކިޔާދެމުން އޭނާ ބުނެފައިވާގޮތުގައި ހިކުމުގެ އެންމެ ބޮޑު ސިއްރަކީ "ގަރްކާ ކާނާ" އާދެ، ބޭރުން ކެއުމުގެ އާދަ ދޫކޮށްލައި ގެއިން ކެއުމުގެ އާދަ ކަމަށެވެ.
އޭނާ ބުނެފައިވާގޮތުގައި ހިކެން ނިންމި ހިސާބަކީ ހަށިގަނޑު މާ ބޮޑަށް ބަރުވެ، ޕީސީއޯޑީއާއި ތައިރޮއިޑަށް ހުށަހެޅުނު ހިސާބެވެ. އެ ހިސާބުން "އިނަފް އިސް އިނަފް" ކަމަށް ނިންމާ މަސައްކަތް ފެށީ ކަމަށް އޭނާ ބުނެފައިވެއެވެ.
ގެއިން ކާއިރު، ކެއުމުގައި ވީހާވެސް މަދުން ކެއުމަށް އިސްކަން ދިން ކަމަށާއި އެއާއެކު ކަސްރަތު ކުރުންވެސް ކުރިއަށްގެންދިޔަ ކަމަށް އޭނާ ބުނެފައިވެއެވެ.
ބަރުދަން ލުއިކުރުމަށް ޕްރަތިމާ ފެށި ދަތުރުގައި އޭނާ މިހާރު ވަނީ ފިޓްނަސް އިންސްޓްރަކްޓަރަކަށްވެސް ވެފައެވެ. އެގޮތުން ޔޫޓިއުބުގައި ފިޓްނަސް ޗެނަލެއްވެސް ޕްރަތިމާ މިހާރު ހިންގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް