މާލީގައި އިއްޔެ ހިނގާދިޔަ އަސްކަރީ ހަމަނުޖެހުމުގައި ސިފައިންގެ ބައެއްގެ އަތްދަށަށް ގެންގޮސް ހައްޔަރުކޮށްފައި ހުރި، މާލީގެ ރައީސް އިބްރާހިމް ބުއޯބަކަރް ކެއިތާ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ބޮލުގައި ބަޑިޖައްސާފައިވާ ހާލުގައި ހުރި ރައީސް އިބްރާހިމް އިސްތިއުފާ އިއުލާނު ކުރެއްވީ އެ ގައުމުގެ ގައުމީ ޓީވީ މެދުވެރިކޮށެވެ.
އިސްތިއުފާ އިއުލާނުކުރައްވަމުން ރައީސް އިބްރާހިމް ވިދާޅުވެފައިވަނީ އަސްކަރިއްޔާއިން ބަޔަކު އެކަމަށް ބޭނުންވާއިރު އޭނާއަށް އިތުރު "ޗޮއިސް"އެއް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އިސްތިއުފާ އިއުލާނުކުރެއްވި އިރުވެސް އޭނާ ހުންނަވީ އަސްކަރިއްޔާގެ ބެލުމުގަ ދަށުގައެވެ.
އިއްޔެ އެ ގައުމުގައި ހިނގާދިޔަ ހަމަނުޖެހުމުގައި އެ ގައުމުގެ ރައީސްގެ އިތުރުން ބޮޑުވަޒީރު ބޮއުބޮއު ކައިސޭވެސް ވަނީ އަސްކަރިއްޔާގެ އަތްދަށަށް ގެންގޮސްފައެވެ.
ހަމަނުޖެހުން ފެށުނީ އަސްކަރިއްޔާއިން ބަޔަކު ނިކުމެ އަސްކަރީ ބޭސްއެއް ހިފި ހިސާބުންނެވެ. އެއަށްފަހު އެމީހުން ވަނީ ރައީސާއި ބޮޑުވަޒީރު ހައްޔަރުކޮށްގެން އަސްކަރީ އެ ބޭހަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް