ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑް އެމްބާޕޭއަށް!

ފީފަ ވޯލްޑްކަޕް ތާރީހުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑް ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއަށް ލިބިއްޖެ އެވެ. މި ޝަރަފު އޭނާއަށް ލިބުނީ ރޭ އިންގްލޭންޑާއި އެކު ކުޅުނު ތިން ވަނަ ހޮވާ މ...

19 Jul 2026 | 06:59
އެމްބާޕޭ --

އެމްބާޕޭ --

ފީފަ ވޯލްޑްކަޕް ތާރީހުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑް ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއަށް ލިބިއްޖެ އެވެ.

މި ޝަރަފު އޭނާއަށް ލިބުނީ ރޭ އިންގްލޭންޑާއި އެކު ކުޅުނު ތިން ވަނަ ހޮވާ މެޗުގައި ޖެހި ދެ ގޯލާއި އެކު އެވެ. ރެކޯޑު އެމްބާޕޭއަށް ލިބުނަސް ރޭ މެޗުން 4-6 ން ފްރާންސް ބަލިވީ އެވެ.

ތިން ވޯލްޑް ކަޕެއްގައި ޖުމުލަ 22 ގޯލް ޖަހައި ޢުމުރުން 27 އަހަރުގެ އެމްބާޕޭ ވެފައިވަނީ ވޯލްޑް ކަޕް ތާރީޚުގައި މިހައިތަނަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އަށެވެ. ލޯ މެޑެލް މެޗުގައި އޭނާ ރެކޯޑު ހެދީ ގޯލްޑަން ބޫޓުގެ ރޭހުގައި އާޖެންޓީނާގެ ލިއޮނެލް މެސީއާ ވާދަކޮށްގެން ކުރި ހޯދައިގެންނެވެ.

މެސީގެ ރެކޯޑަށް ބަލާއިރު އޭނާ ވަނީ ހަ ވޯލްޑް ކަޕެއްގައި 21 ގޯލް ޖަހާފައި އެވެ. އެމްބާޕޭ އާއި ހަމަކުރަން މިރޭ ކުޅޭ ފައިނަލް މެޗުގައި މަދުވެގެން ދެ ގޯލް ޖަހަން ޖެހޭނެ އެވެ.

ނޮކްއައުޓް ބުރު ފެށުނު ހިސާބުން ދެ ތަރިންގެ ވާދަވެރިކަން ވަރުގަދަވެ ކޭޕް ވާޑޭ ބަލިކުރި މެޗުގައި މެސީ ހަތް ގޯލަށް ފުރަތަމަ ވާޞިލުވީ ނަމަވެސް އޭގެ އެއް ދުވަސް ފަހުން ޕެރެގުއޭ ކޮޅަށް ގޯލް ޖަހައި އެމްބާޕޭ އެ ޢަދަދާ ހަމަކުރިއެވެ.

މި މުބާރާތުގައި އިތުރު ކުޅުންތެރީންވެސް ތަފާތު ދައްކާފައިވެއެވެ. އިންގްލެންޑުގެ ޖޫޑް ބެލިންހެމް ނޮކްއައުޓް ބުރުގައި ސްކޯ ކުރުމުގެ ފޯމް ދައްކައި ފްރާންސާ ދެކޮޅަށް ހެޓްރިކް ހެދުމާ އެކު ހަތް ގޯލާ ހަމައަށް ވާޞިލުވިއެވެ. އެއީ އެ ޓީމުގެ ކެޕްޓަން ހެރީ ކޭން ޖެހި ހަ ގޯލަށްވުރެ އިތުރު ޢަދަދެކެވެ. ނޯވޭގެ މަޤުބޫލު ފޯވާޑް އާލިން ހާލަންޑްވެސް ފުރަތަމަ ވޯލްޑް ކަޕުގައި ހަތް ގޯލް ޖެހިއެވެ.

ރަން ބޫޓަކީ މުބާރާތް ނިމޭއިރު އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށް ފީފާއިން ދޭ އެވޯޑެކެވެ. ދެ ކުޅުންތެރީން ގޯލްގެ ޢަދަދުން ހަމަހަމަ ވެއްޖެ ނަމަ ފުރަތަމަ ބަލާނީ އެސިސްޓުގެ ޢަދަދަށެވެ. އެ ގޮތުންވެސް ތަފާތު ނުކުރެވިއްޖެ ނަމަ މަދު މިނެޓު ކޮޅެއްގެ ތެރޭގައި ގޯލާއި އެސިސްޓު ހެދި ކުޅުންތެރިޔާއަށް އެވޯޑު ލިބޭނެއެވެ.

މި އެވޯޑު މިހާރު ހޯދައިގެން ހުރީ 2022 ވަނަ އަހަރު ޤަޠަރު ވޯލްޑް ކަޕުގައި އަށް ގޯލް ޖެހި އެމްބާޕޭއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް