ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކޮށްފި އެވެ.
އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގަށެވެ. މިރޭ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އަލީ ވަހީދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ މިރޭ 8:30 ގައި އެވެ. އޭނާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވަޑައިގެންފައިވަނީ މަޝްހޫރު ގާނޫނީ ވަކީލު އަބްދުﷲ ހަސީން އެވެ.
އަލީ ވަހީދަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން އިސްތިއުފާ ނުދެއްވުމުން ވަނީ މަގާމުން ވަކިކޮށްފައި އެވެ. މި މައްސަލައިގަ ފުލުހުން ކުރާ ތަހުގީގަށް މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވެ އެވެ.
އަދި އަލީ ވަހީދު ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހައްޓާފައިވެ އެވެ. މީގެ އިތުރުން އޭނާގެ ލެޕްޓޮޕާއި ފޯނުވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ގެންގޮސްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް