ފ. ބިލެތްދޫގައި މަސައްކަތްކުރާ ފުލުހުން އިންތިޒާމުކޮށްގެން އެރަށުގެ ކަނބަލުންނަށް އަމާޒުކޮށްގެން މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި ބިލެތްދޫ ކައުންސިލާއި ބިލެތްދޫ ހެލްތު ސެންޓަރުގެ އެހީތެރިކަމާއެކު ފުލުހުން ކުރިއަށް ގެންދާ މި ކަސްރަތު ޕްރޮގްރާމަކީ ބިލެތްދޫ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ ބަޔަކަށް ހެދުމާއި ފުލުހުންނާއި އާއްމު ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ޖުލައި 15 ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އިޖުތިމާއީ ގައިދުރުކަން ދަމަހައްޓައިގެން ކަމަށާއި މި ޕްރޮގްރާމް ފައްޓަވާ ދެއްވީ ފ.އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ.ހަސަން އުމަރު ކަމުގައި ފުލުހުން ބުނެއެވެ.
"މި ޕްރޮގްރާމުގައި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ކުރަންވީ ކަންތައްތަކާއި، ކެއުން ބަހައްޓަންވީ ގޮތްތަކާއި ކަސްރަތު މުހިންމުކަމާއި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތައް އުނގަންނައި ދިނުމަށްވަނީ ހަމަޖެހިފައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި ޖުމްލަ 61 ބައިވެރިންނާއެކު ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ މުދައްރިބެއްގެ ގޮތުން ހަރަކާތްތެރިވަނީ ނިލަންދޫ ޔޫތު ސެންޓަރުގެ ސްޕޯޓްސް ކައުންސެލަރ ޒީނާ އިސްމާއީލް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް