ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު އަނެއްކާވެސް ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މިއީ މަޖިލީހުގެ މުވައްޒަފަކު ކޯވިޑަށް ޕޮސިޓިވްވި ދެވަނަ ފަހަރެވެ. ފުރަތަމަ ޕޮސިޓީވްވީ މެއިންޓަނަންސް ޑީޕާޓްމަންޓުގައި މަސައްކަތް ކުރި މުވައްޒަފެކެވެ.
އެމީހާ އާއި ގުޅުން އެ މަޖިލީހުގެ 29 މުވައްޒަފަކު ކަރަންޓީން ކުރި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މިފަހަރު ޕޮސިޓިވްވީ މަޖިލީހުގެ ކޮމިޓީ ސެކްޝަންގެ މުވައްޒަފެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ މުވައްޒަފާއި ގުޅުން ހުރި މީހުން ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭއިން ކުރަމުން އަންނަ ކަމަށެވެ.
މުވައްޒަފަކު ޕޮސިޓިވްވުމުން މަޖިލީހުގެ އިދާރާ ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މަޖިލީހުގެ މުވައްޒަފަކު ޕޮސިޓިވްވި ވިޔަސް ޖަލްސާތަކާއި ކޮމިޓީތައް މެދުކަނޑާ ނުލުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަންގަވާފައި އެވެ. އޭގެ ބަދަލުގައި އެޗްޕީއޭއިން އަޅަން އަންގާފައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ފަހު މަސައްކަތްތައް މެދުކަނޑާނުލައި ކުރިޔަށް ގެންދިއުމަށް އަންގަވާފައިވެ އެވެ.
ފުރަތަމަ މުވައްޒަފަކު ޕޮސިޓިވްވުމުންވެސް އަމަލު ކުރީ އެހެންނެވެ. ގުޅުން ހުރި މީހުން ދެނެގަނެ، މަޖިލީސް ޑިސްއިންފެކްޓު ކުރުމަށް ފަހު މަސައްކަތްތައް އަލުން ފެށީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް