ކުރިޔަށް އޮތް ބޮޑު އީދު ބަންދާއި ދިމާކޮށް ރަށްރަށަށް ދަތުރު ނުކުރުމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އެދެގި އެވެ.
އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ފަރާތުން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ އީދާ ދިމާކޮށް ގިނަ ބަޔަކު ރަށްރަށަށް ދިއުމަށް ރާވަމުންދާ ކަމަށެވެ. އެކަމަކު ކަރަންޓީން ވާން ނަމަވެސް މި ދުވަސްވަރު ދަތުރު ކުރުމަކީ ރައްކާތެރި ކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަތޮޅު ތެރޭ ރަށްރަށުގައި ބަލި ފެތުރުނަ ނުދީ ހިފަހައްޓަމުން ދަނީ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. އެހެންކަމުން ކޮންމެހެން ދާންޖެހިގެން ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެއިން ރަށްރަށަށް ދަތުރު ނުކުރުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.
ރަށްރަށުން އެއްވެސް ހުރަހެއް ނެތި މީހުންނަށް މާލެ އަދެވުނަސް މާލެއިން ރަށްރަަށް ދާ މީހުންނަށް އެނބުރި މާލެ އާދެވޭނީ 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކޮށްފައި އެވެ.
ޑރ. ޝަހީދު ވިދާޅުވީ މާލޭގައި ކޯވިޑް ޖެހޭ މީހުންގެ ނިސްބަތް މިހާރު އިތުރުވެފައިވާ ކަމަށެވެ.
އަދި މިފަހަކަށް އައިސް ރަށްރަށަށް ކަރަންޓީން ވާން ދާ މީހުންގެ ކޯވިޑަށް ޕޮސިޓިވްވުންވެސް ވަނީ އިތުރުވެފައި އެވެ.
މިހާތަނަށް ކޯވިޑަށް 2،930 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 2،354 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
މި ބަލީގައި15 މީހުން މަރުވެއްޖެ އެވެ. އޭގ ތެރޭގައި ހިމެނެނީ10 ދިވެހިންނާއި ފަސް ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް