ކޯވިޑް-19އާއި ގުޅިގެން ޖިމް އަދި ފިޓްނަސް ސެންޓަރުތަކުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.
އެޗްޕީއޭއިން ބުނެފައިވާގޮތުގައި މި އުސޫލަކީ ޖިމް އަދި ފިޓްނަސް ސެންޓަރުތަކުގައި ކޯވިޑް-19 އިން ރައްކާތެރި މާހައުލެއް ގާއިމް ކުރުމަށްޓަކައި ކުރަންވީ ކަންތައްތައް ބަޔާންކުރާ އުސޫލެވެ.
މި އުސޫލުގައި ބުނެފައިވާގޮތުން ޖިމް އަދި ފިޓްނަސސް ސެންޓަރުތަކުން އަޅަންޖެހޭ ފިޔަވަޅުތައް
ހ. އެއް ވަގުތެއްގައި އަންނަ މީހުންގެ އަދަދު ކަނޑައަޅާ ޝެޑިއުލް ހެދުން، ކުރިއަށް އެޕޮއިންޓްމަންޓް ހޯދައިގެން ޖިމް އަދި ފިޓްނަސް ސެންޓަރު ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން، އެޕޮއިންޓްމަންޓް ދިނުމުގައި ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް (ހުން އައުން، ކެއްސުންފަދަ) ހުރިތޯ ސުވާލުކުރުމާއި އެއްވެސް އަލާމާތެއް ހުރިނަމަ ތަނަށް ނައުމަށް އެންގުން.
ށ. މީހުން ހަރަކާތްތެރިވާއިރު މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ކަށަވަރު ކުރެވިފައި ހުރުން.
ނ. އެޕޮއިންޓްމަންޓް ލިބިފައިވާ ގަޑީގެ ފަސް މިނެޓު ކުރިން ދިއުން.
ރ. ސެޝަންތައް ފަށާގަޑިއާއި ނިމޭގަޑިތަކުގައި މީހުން ބައްދަލުވުނުވާ ގޮތަށް އަދި އެއް ތަނަކަށް ގިނަ ނުވާގޮތަށް ގަޑިތަކުގެ އިންތިޒާމު ހަމަޖެއްސުން، ގައިދުރުކަން ކަށަވަރު ކުރުމަށްޓަކައި ޖިމަށް ވަންނައިރު އަދި ނުކުންނައިރު ދެމީހުންގެ ދެމެދުގައި މަގުވެގެން ތިން ފޫޓު ދުރުމިން ހުންނަގޮތަށް ކިޔުއެއްގައި ތިބެގެން ވަދެ ނުކުމެވޭނެގޮތް ހަމަޖެއްސުން.
ބ. ތަނުގައި ބޭނުންކުރާ އާލާތްތައް ސާފުކުރިކަން ކަށަވަރުކުރުމަށްޓަކައި އެކަމަށް މުވައްޒަފަކު ހުރުން ނުވަތަ އެކަން ކަށަވަރު ކުރެވޭނެ އިންތިޒާމެއް ތަނުގައި ހަމަޖެއްސުން.
ޅ. ކޯވިޑް-19 އިން ރައްކާތެރިވުމާ ގުޅޭ މައުލޫމާތާއި އަމަލުތައް ބަހައްޓަންވީ ގޮތުގެ އިރުޝާދު (މާސްކު އެޅުން، މަދުވެގެން ތިން ފޫޓު ގައިދުރުމިން ބެހެއްޓުން، އަތުގެ ސާފުތާހިރުކަން، ބޭނުންކުރާ އާލާތްތައް ސާފުކުރުން ފަދަ) ތަނަށް ވަންނަ ދޮރު ކައިރީގައި އަދި ތަނުގެ އެތެރޭގައި ފެންނަގޮތަށް ބެހެއްޓުން.
ކ. ފައިސާގެ މުއާމަލާތްތައް ކުރުމުގައި ކޭޝްލެސް ޕޭމަންޓް ހެދުން.
އ. ތަނުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ ނުވަތަ ސެނަޓައިޒަރ އިން އަތް ސާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
މ. މަދުވެގެން ތިން ފޫޓަށްވުރެ ގައިދުރުމިން ނުބެހެޓޭނަމަ ގްރޫޕް ކްލާސްތައް ނުބޭއްވުން.
ޖިމް އަދި ފިޓްނަސް ސެންޓަރުތައް ސާފުކުރުމާއި ޑިސް އިންފެކްޓް ކުރުމުގައި އަމަލުކުރާނެ ގޮތްވެސް މި އުސޫލުގައި ބުނެދީފައިވާއިރު އިތުރަށް ބުނެފައިވަނީ ސައުނާ އަދި ސްޓީމް ރޫމް ފަދަ ތަންތަން މިވަގުތު ބޭނުން ކުރުން އެދެވިގެން ނުވާކަމަށާއި ކާބޯތަކެތި ވިއްކާ ތަންތަން ޖިމްގައި ހުރެގެން ނުވާނެކަމަށެވެ. އަދި ފެނުގެ ހިދުމަތްދޭނަމަ، ހަމައެކަނި އެމީހަކު ގެންދާ ފެންފުޅި ރީފިލް ކުރެވޭނެ ގޮތަށް މެޝިނެއް ބެހެއްޓުން އެންމެ ރަނގަޅު ކަމަށާއި ފެން ބުއިމަށް ވަކިން ބޭނުންކޮށް އެއްލާލެވޭ ޑިސްޕޯސަބަލް ތަށިވެސް ބޭނުން ކުރެވިދާނެ ކަމަށް މި އުސޫލުގައި ބުނެފައިވެއެވެ.
މި އުސޫލު އާންމު ކުރި ނަމަވެސް އެފަދަ ތަންތަން ހުޅުވާ ހިދުމަތް ދިނުމުގެ ހުއްދަ އަދި ދީފައެއް ނުވެއެވެ. ނަމަވެސް ޖުލައި އެކަކުން ފެށިގެން އެ ހުއްދަ ދޭނެ ކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް