ބޮލީވުޑްގައި ކުރިއަރަމުން އައި އެކްޓަރު ސުޝާންތް ސިންގ ރާޖްޕުޓް ކުއްލިގޮތަކަށް އަމިއްލައަށް މަރުވުމުގެ ފަހަތުގައި އެ އިންޑަސްޓްރީގައި އުފެދިފައިވާ ވާދަވެރިކަމާއި ގުޅުން އޮތްތޯ ބެލުމަށް މުމްބާއީ ފުލުހުން ވަރުގަދަ ތަހުގީގެއް ފަށައިފި އެވެ.
ފުލުހުން އެ ތަހުގީގު ފެށީ މަހާރާޝްޓްރާ ސްޓޭޓުގެ ސަރުކާރުން މުމްބާއީ ފުލުހުންގެ މައްޗަށް ކުރި އަމުރަކާއި ގުޅިގެންނެވެ. މަހާރާޝްޓްރާގެ ވެރިރަށް މުމްބާއީގެ ބަންދްރާގައި ސުޝާންތު ދިރިއުޅޭ ގޭގައި ދަންޖެހިގެން މަރުވެފައި ހުއްޓަ ފެނިފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ބޮލީވުޑްގެ ވާދަވެރިކަމާއި ސުޝާންތުގެ މަރާއި ގުޅުން އޮތް ވަރު ބަލަން އެންގުމުގެ އިތުރުން އެ ސްޓޭޓުގެ ސަރުކާރުން ވަނީ ސުޝާންތު ޑިޕްރެޝަނަށް ބޭސް ބޭނުން ކުރަން ޖެހުނު މައިގަނޑު ސަބަބު ދެނެގަނެ އަކަން ތަހުގީގު ކުރަން އަންގާފައި އެވެ.
މިހާތަނަށް މި މައްސަލައިގަ ސުޝާންތުގެ އާއިލާގެ އެންމެންނާއި ތިމާގެ މީހުންގެ ތެރެއިން އޭނާ އާއި ގާތްގުޅުން ބާއްވާ އެންމެންގެ ބަޔާން ނަގާފައިވެ އެވެ. އަދި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމަށް ބުނާ އެކްޓްރެސް ރިއާ ޗަތްރަބޮތީގެ ބަޔާން ނަގާފައިވެ އެވެ.
މުމްބާއީ ފުލުހުން މީޑިއާގައި ބުނެފައިވަނީ މި މައްސަލައިގަ ތަހުގީގަށް ބޮލީވުޑްގެ މަޝްހޫރު ހުރިހާ ޑައިރެކްޓަރުންނާއި ފިލްމު އުފައްދާ ކުންފުނިތަކުގެ ވެރިންގެ ބަޔާން ނަގާނެ ކަމަށެވެ. މީގެ އިތުރުން ބޮލީވުޑްގައި ސުޝާންތާއި އެންމެ ގާތްކޮށް އުޅުނު މީހުންގެ ބަޔާން ނަގަމުންދާކަމަށް ބުނެފައިވެ އެވެ.
މިހާތަނަށް ބޮލީވުޑްގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން ބަޔާން ދިން އެކަކުވެސް ސުޝާންތާއި މެދު ބޮލީވުޑްގައި މަސައްކަތް ކުރާ ބަޔަކު ޖައްސާލައިގެން ނުވަތަ އޭނާއަށް މަސައްކަތްތައް ދިނުމާއި ދެކޮޅަށް މަސައްކަތް ކުރި ކަމަށް ބަޔާން ދީފައި ނުވާކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމަކު އަމިއްލަ މަސައްކަތުން ބޮލީވުޑްގައި ފައިތިލަ ސާބިތުކޮށް ކުރި އަރަމުންދާ ބައެއް މީހުން ވަނީ ފިލްމީ އާއިލާތަކަށް ނިސްބަތްވާ މީހުން ޕްރޮމޯޓު ކޮށް ކުރީގެ މަޝްހޫރު ތަރިންގެ ދަރިން ދާއިއާރަށް ނެރެ ކުރިއެރުވުމުގައި އިސްކޮށް އުޅޭ ޑައިރެކްޓަރު ކަަރަން ޖޯހަރު ސުޝާންތާއި ދެކޮޅަށް މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައިވެ.
ސުޝާންތުގެ މަރާއި ގުޅިގެން ކަރަން ޖޯހަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒު މުޅި ބޮލީވުޑް ދަނީ ކެކި އަރަމުންނެވެ. މި މައްސަލައިގެ ތެރެއަށް އިންޑިއާގެ މައި ސަރުކާރުވެސް ވަދެފައިވާއިރު ވެރިކަން ކުރާ މައި ޕާޓީން ވަނީ ސުޝާންތުގެ މަރުގެ ތަހުގީގު ރަނގަޅަށް ކުރެވެން ޖެހޭ ކަމަށް ބުނެފައި އެވެ.
ސުޝާންތު މަރުވި އިރު އޭނާއަތުގައި ކުރިޔަށް ކުޅޭނެ އެއްވެސް ފިލްމެއް ނެތެވެ. އޮތީ ކޯވިޑާއި ހެދި ރިލީޒް ނުކުރާ ފިލްމެއް އެކަންޏެވެ. މިދިޔަ ހަ މަހެއްހާ ދުވަހުގެ ތެރޭގައި އޭނާ އަތުން ހަތް ފިލްމެއް ގެއްލިފައިވާއިރު ސުޝާންތު ޑިޕްރެޝަނަށް ދިޔައީ އެހެންވެ ކަމަށް ބެލެވޭކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް