ކޮންޓެއިންމެންޓު ސައިޓުތަކުގައި ތިބި ބިދޭސީންނަށް ކުރިން ބަލި ޖެހިފައިވޭތޯ ބަލަނީ!

ހުޅުމާލެއާއި ގުޅީފަޅުގައި ސަރުކާރުން ގާއިމްކޮށްފައިވާ ކޮންޓެއިންމެންޓް ސައިޓުތަކުގައި ތިބި ބިދޭސީންނަށް ކުރިން ކޯވިޑް-19 ޖެހިފައިވޭތޯ ބެލުމުގެ މަސައްކަތް ފަށައިފި އެވެ. ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކ...

19 May 2020 | 17:44

ހުޅުމާލެއާއި ގުޅީފަޅުގައި ސަރުކާރުން ގާއިމްކޮށްފައިވާ ކޮންޓެއިންމެންޓް ސައިޓުތަކުގައި ތިބި ބިދޭސީންނަށް ކުރިން ކޯވިޑް-19 ޖެހިފައިވޭތޯ ބެލުމުގެ މަސައްކަތް ފަށައިފި އެވެ.

ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެމީހުންނަށް ކުރިން ބަލި ޖެހިފައިވޭތޯ ބަލަން ނިންމީ ކޯވިޑް-19 އާއި ގުޅިގެން އުފައްދާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް) އިން ކަމަށެވެ. އޭނާ ވިދާޅުވީ އެ ޓީމުން ނިންމާފައިވަނީ އެތަންތަނުގައި ތިބި ބިދޭސީންނަށް ބަލި ޖެހިފައިވޭތޯ ބަލަން ހަދާނީ އެންޓީ ބޮޑީ ޓެސްޓު ކަމަށެވެ.

މަބްރޫކް ވިދާޅުވީ މި ބަލި ކުރިން ޖެހިފައިވާ މީހަކު ރަނގަޅުވެފައިވޭތޯ ބަލަން ޓެގްޓީމުން ބޭނުންވާ ކަމަށެވެ. އެހެންވެ މިއަދު ސާމްޕަލް ނަގަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

އެކަމަކު ނަގަނީ ކިހާ އަދަދެއްގެ ސާމްޕަލެއް ކަމެއް ހާމައެއް ނުކުރެ އެވެ.

މިހާތަނަސް ރާއްޖެއިން ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން 37 ޕަސެންޓު މީހުންނަކީ ބަލީގެ އެއްވެސް އަލާމާތެއް ނެތް މީހުންނެވެ. ޑޮކްޓަރުން ލަފާ ކުރާގޮތުގައި ބަލި ޖެހެމުންދާ މީހުންގެ އުމުރު ފުރާގެ ގޮތުން މީގެ ކުރިން ބަލި ޖެހުނުކަން ނޭނގި އަމިއްލަ ޒާތުގައި ރަނގަޅުވެފައި ތިބި ބަޔަކުވެސް އުޅެދާނެ އެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގައި އެންމެ ގިނައިން ޕޮސިޓިވްވަމުންދަނީ ދިފާއީ ނިޒާމު ވަރުގަދަ އުމުރުފުރާތަކުގެ މީހުން ކަމަށެވެ. އެހެންވެ މާބޮޑު އަސަރެއް އެމީހުންގެ ހަށިގަނޑަށް ވައިރަހުގެ ސަބަބުން ނުކޮށް އަދި ފަރުވާ އެއް ދޭންނުޖެހި ރަނގަޅުވާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން1،143 މީހަކު ވައިރަހަށް ޕޮސިޓިވްވެފައިވެ އެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފައި އެވެ. ބަލިން ރަނގަޅުވެފައިވަނީ86 މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް