ދައުލަތުގެ މަސްއޫލިއްޔަތެއް އަދާ ކުރާ އެއްވެސް އިދާރާއެއްގެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތަކީ ރައްޔިތުންނަށް ސިއްރުވާން ޖެހޭ މައުލޫމާތެއް ނޫންކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ބުނެފި އެވެ.
އައިކޮމްއިން މިހެން ބުނެފައިވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބޭ އަދަދު ބަޔާންކޮށް މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑީއާގައި ލީކުވި މައްސަލަ ބެލުމަށް ސްޓެލްކޯއިން މަސައްކަތް ކުރާތީ އެވެ. އެ ސިޓީގައި ވާގޮތުން މުޣުނީއަށް މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު98،000 އަށް ވުރެ ގިނަ ރުފިޔާ ލިބެ އެވެ.
އައިކޮމްއިން އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާ ކުރާ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތަކަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން މުއައްސަސާތަކުގެ އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތުކަމަށެވެ. މިމަގުން ހުރިހާ ކުންފުނިތަކާއި އިދާރާތައް ހިންގުމަށް އައިކޮމްއިން އެދިފައިވެ އެވެ.
އެބަޔާނުގައި ބުނެފައިވަނީ ސްޓެލްކޯގެ އެމްޑީގެ މުސާރަ ބަޔާންކޮށް މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވި ސަބަބު ހޯދަން އުޅުމަކީ އެ އިދާރާއިން ކަންބޮޑުވާ ކަމެއް ކަމަށެވެ. އައިކޮމްއިން އެދިފައިވަނީ އެކަން ތަހުގީގު ކުރުމުގެ ބަދަލުގައި ހާމަކަން ބޮޑު ހިންގުމުގެ ސަގާފަތެއް ގާއިމްކޮށް މަސައްކަތް ކުރުމަށެވެ.
އައިކޮމްއިން ބުނީ ހާމަކަން ބޮޑު ހިންގުމުގެ ނިޒާމެއް ގާއިމްކޮށް އެ ސަގާފަތަށް އަހުލުވެރިކުރުމަކީ ފަސާދަ މަދުވެ ދައުލަތާއި މެދު ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށެވެ.
ސްޓެލްއޯން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސްޓެލްކޯގެ އެމްޑީގެ މުސާރަ ކަނޑައަޅަނީ ފިނޭންސް މިނިސްޓްރީން ކަމަށެވެ. އަދި މުސާރައިގެ ގޮތުގައި ދެނީ ފިނޭންސް މިނިސްޓްރީ އޭ ގެޓަގަރީގެ ކުންފުނިތަކަށް ދޭން ކަނޑައަޅާފައިވާ މުސާރަ ކަމަށާއި އެ ކުންފުންޏަކީ އޭ ކެޓަގަރީގެ ކުންފުންޏެއް ކަމަށެވެ.
އެ ކުންފުނިން އެމްޑީގެ މުސާރަ ބަޔާންކޮށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާއްމުވުމުން އެ މުސާރަ ބޮޑުކަމުން އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އޭގެ ނަތީޖާ އަކީ، ކަރަންޓުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުންޏާ މެދު މީހުން ދެކޭގޮތް ބަދަލު ކުރުމަށް ބަޔަކު މަސައްކަތް ކުރުން ކަމަށް ވާތީ، އެ ސިޓީ ލީކުވި މައްސަލަ ބަލައި ދިނުމަށް ސްޓެލްކޯ އިން ވަނީ މަޖިލީހުގައި އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް