މޯލްޑީވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކިޔެވުން މިމަހުގެ31 ގައި ފެށުމަށް ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފު ވިދާޅުވީ ކޯވިޑް-19 ގެ ހާލަތަށް ބަދަލެއް ނައި ނަމަވެސް އެ ދުވަހު ކިޔެވުން ފަށަން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވަނީ އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ކަމަށެވެ.
އޭނާ ވިދާޅުވީ އެމްއެންޔޫއަކީ މީގެ22 އަހަރު ކުރިން ފެށިގެން ދުރުންދޭ ތައުލީމު ދޭން ފަށާފައިވާ ތަނަކަށް ވާތީ އޮންލައިންކޮށް ކިޔަވައިދިނުމުގައި މާބޮޑު އުނދަގުލެއް ކުރިމަތި ނުވާނެ ކަމަށެވެ. އަދި މިއީ އެ ޔުނިވާސިޓީއަށް އާ ތަޖުރިބާއަކަށް ނުވާތީ އެގޮތަށް ކިޔަވައިދޭން ފެށުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކާއި އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އެހެންނަމަވެސް ޕްރެކްޓިކަލް ގިނަ މާއްދާތަކެއް ހުރުމުން ހުރިހާ މާއްދާއެއް އޮންލައިންކޮށް ކިޔަވައިދޭ މާއްދާތަކަކަށް ބަދަލުކުރުމަށް ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުންނާނެކަމަށް ޝަރީފު ވިދާޅުވި އެވެ. އެކަމަށް ތައްޔާރުވުމަށް ވަގުތުތަކެއް ނަގާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އޮންލައިންކޮށް ނަމަވެސް ކިޔަވައިދޭން ފަށަން އެމްއެންޔޫއިން ނިންމީ ކޯވިޑް-19 އާއި ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއި ގުޅިގެން ޔުނިވާސިޓި ބަންދަކޮށްފައި ހުރުމުން ކިޔަވައިދިނުމުގެ ވަރަށް ބޮޑުބައެއް ގެއްލިފައިވާތީ އެވެ. އެ ޔުނިވާސިޓީން ބުނީ ކިޔެވުމުގެ ހަތް ހަފްތާ ގެއްލިފައިވާ ކަމަށެވެ.
އެމްއެންޔޫއިން އޮންލައިންކޮށް ކިޔަވައިދޭން ފަށަން ތައްޔާރުވަމުންދާއިރު އެ ޔުނިވާސިޓީގެ އެކި ފެކަލްޓީތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި މުވައްޒަފުން ދަނީ ކޯވިޑް-19 އާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ހާއްސަކޮށް ޑޮކްޓަރުކަމާއި ނަރުސްކަން ކިޔަވާ ކުދިން ދަނީ ފުރާނަ ނުރައްކަލަށް ހުށަހެޅިގެން ކުރާ މަސައްކަތްތައް ކަމަށްވާ ސާމްޕަލް ނެގުމުގައިވެސް އަމަލީ ގޮތުން ހަރަކާތްތެރިވަމުންނެވެ.
އެމްއެންޔޫއިން ބުނީ އެ ޔުނިވާސިޓީގެ1،300 އަށްވުރެ ގިނަ ދަރިވަރުންނާއި މުވައްޒަފުން ކޯވިޑް-19 ގެ ފްރޮންޓްލައިންގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް