މާލޭގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރާ ވީބީގެ މުވައްޒަފުންތަކެއް ކޯވިޑަށް ޕޮސިޓިވްވެގެން އެ ކުންފުނީގެ ހުރިހާ ފިހާރަތަކެއް ބަންދު ކުރިތާ ތިން ދުވަސް ފަހުން ހުޅުވައިފި އެވެ.
އަލުން ފިހާރަތަށް ހުޅުވީ ކުރިން މަސައްކަތް ކުރި ހުރިހާ މުވައްޒަފުން އައިސޮލޭޝަންގައި ބައިތިއްބައި މުޅިން އާ ޓީމަކާއި އެކު ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އެ ކުންފުނީގެ ހުރިހާ ފިހާރައެއް ޑިސްއިންފެކްޓުކޮށްފައިވާ ކަމަށް ބުނެ އެވެ.
ޕޮސިޓިވްވި ވީބީގެ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ވީބީ ބާޒާރު ފިހާރައިގައި މަސައްކަތްކުރާ ބިދޭސީއަކާއި ގަލޮޅު ފިހާރައިގައި މަސައްކަތްކުރާ ތިން ބިދޭސީއަކާއި މާފަންނު ފިހާރައިގައި މަސައްކަތްކުރާ ހަތަރު މީހުންނެވެ. ޕޮސިޓިވްވި މުވައްޒަފުންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވީބީން ބުންޏެވެ.
ވީބީން ބުނީ ހުރިހާ ފިހާރައެއް ހުޅުވައި ހިދުމަތް ދޭން ފެށުމާއި އެކު ޑެލިވަރީގެ ހިދުމަތް ދޭނެ ކަމަށެވެ. އަދި ފިހާރަތަށް ބަންދު ކުރުމާއި ހިސާބަށް އޯޑަރު ދީފައި ހުރި މީހުންނަށް ތަކެތި ޑެލިވަރީ ކޮށްދޭނެކަމަށް ބުނެ އެވެ.
ވީބީ އަކީ، ކޯވިޑް-19 ފެތުރެން ފެށުމާ އެކު، ރައްކާތެރިކަމުގެ ފިޔަވަޅު އެންމެ ރަނގަޅަށް އަޅައިގެން ކަސްޓަމަރުންނަށް ހިދުމަތް ދެމުން އަންނަ އެއް ތަނެވެ. އެ ފިހާރައަށް ފަހަރަކު ދެ ކަސްޓަމަރުންނަށް ވަދެވޭއިރު ކޮންމެ ކަސްޓަމަރެއް ވަނުމުގެ ކުރިން ހުން ޗެކު ކުރެ އެވެ. ކަސްޓަމަރުންގެ އަތް ސެނިޓައިޒް ކުރާއިރު މުދަލުގައި އަތް ލުމަކީ ވެސް މަނާކަމެކެވެ. އެ ކަސްޓަމަރުން ބޭނުންވާ ތަކެތި ނަގައިދޭނީ މާސްކް އަޅައިގެން އަތަށް އަންގި ލައްވައިގެން ހަރަކާތެރިވާ މުވައްޒަފުންނެވެ.
ޕޮސިޓިވްވި ވީބީގެ މުވައްޒަފުން ގުނާނީ ޕްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ގޮތުގައި އެވެ. އެޗްޕީއޭއިން ބުނީ ސިއްހީ ދާއިރާ އާއި ސަލާމަތީ ހިދުމަތްތަކާއި، ކުނި އުކުމާއި، ޑެލިވަރީ އާއި ފިހާރަތައް ފަދަ ތަންތަނުން މިހާތަނަށް199 މީހަކު ޕޮސިޓިވްވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް