ކޯވިޑް-19 އަންމުންގެ މެދުގައި ފެތުރެމުންދާ މިހާލަތުގައި އަތޮޅު ތެރެއަށް ބޭނުންވާ ސާމާނު އެ ރަށްރަށުގައި ހުރިތޯ ބަލައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ރިޕޯޓު ނެރެފައިވަނީ ފުރިހަމަ ނުކޮށް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ރިޕޯޓަކީ އެންމެ27 ކައުންސިލެއް މެދުވެރިކޮށް ހޯދާފައިވާ މައުލޫމާތު ކަމަށެވެ. އަދި ރިޕޯޓު އެކުލަވާލާފައިވަނީ އެޗްއާރުސީއެމުން ފޮނުވި ފޯމު ފުރިހަމަ ކައުންސިލްތަކުން ލިބުނު މައުލޫމާތަށް އެކަނި ބަލައިގެން ކަމަށެވެ.
މަބްރޫކް ވިދާޅުވީ އެ ރިޕޯޓުގައި ބައެއް ރަށްރަށުގައި އެކަށީގެންވާ އަދަދަށް މާސްކާއި، ޕީޕީއީ، އަދި އަންގިފަދަ ތަކެތި ނެތް ކަމަށް ބުނެފައިވާއިރު އެ ބުނެފައިވާ އެކަށީގެންވާ އަދަދަކީ ކޮބައިކަން ބުނެދޭން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ހެލްތް މިނިސްޓްރީން ކަނޑައަޅާ އެކަށީގެންވާ އަދި އެންމެ މަދުން ހުންނަން ޖެހޭނެ އަދަދަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ޕީޕީއީ، މާސްކު އަދި އަންގި ފަދަ ތަކެތި އެބަ ހުރި ކަމަށެވެ.
އަދި ހާލަތު ގޯސްވާ ނުވަތަ ހާލަތު ބަދަލުވާ ރަށްރަށަށް އެތަކެތި ފޮނުވާލެއް އިތުރުވާނެ ކަމަށާއި ކޮންމެ އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްތަކުގައި އަތޮޅަށް ބޭނުންވާ ވަރަށް ސާމާނު ހުންނާނެ ކަމަށެވެ. މަބްރޫކް ވިދާޅުވީ މިކަންކަމަށް ބަލާއިރު އެ ރިޕޯޓު ފުރިހަމަ ކޮށް އެ ކޮމިޝަނުން އަލުން ނެރޭޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މީގެ އިތުރުން އެ ރިޕޯޓުގައި ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ބަހެއް ހިމަނާފައިނުވާ ކަމަށާއި އެހެންކަމުން އެއީ ފުރިހަމަ ރިޕޯޓެއް ނޫންކަމަށެވެ. މަބްރޫކް ވިދާޅުވީ އުންމީދު ކުރައްވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ބަސް ހިމަނައި އޭގެ ފުރިހަމަ ރިޕޯޓު އެޗްއާރުސީއެމުން ނެރޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް