ސާމްޕަލް ނަގަން ގޭގެއަށް ދާ ޓީމްތަކުގެ މަސައްކަތް އަވަސް ކުރުމަށް ބަދަލުތަކެއް!

މާލޭގެ އެކި ސަރަހައްދުތަކުގައި އާއި ގޭގޭގައި ކޯވިޑް-19 އަށް ސާމްޕަލް ނެގުމަށް ހަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމްތަކުގެ މަސައްކަތް އަވަސްކޮށް، އެއް ދުވަހާ ނެގޭ ސާމްޕަލްތަކުގެ އަދަދު އިތުރު ކުރުމަށް ...

19 May 2020 | 04:44

މާލޭގެ އެކި ސަރަހައްދުތަކުގައި އާއި ގޭގޭގައި ކޯވިޑް-19 އަށް ސާމްޕަލް ނެގުމަށް ހަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމްތަކުގެ މަސައްކަތް އަވަސްކޮށް، އެއް ދުވަހާ ނެގޭ ސާމްޕަލްތަކުގެ އަދަދު އިތުރު ކުރުމަށް މިހާރު މަސައްކަތް ރޭވިފައިވާ ގޮތަށް ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.

ރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ ފަރާތުން އަބްދުﷲ ހަމީދު ވިދާޅުވީ މާލޭގެ މަގުތައް ހުންނަ ގޮތުންނާއި މަގުތަކުގައި ދުއްވައިގެން ދާން ބޭނުންވާ މަންޒިލަށް ދެވޭލެއް ލަސްވުމަކީ ގޭގެއަށް ސާމްޕަލް ނަގަން ދެވުން ލަސްވާ އެއް ސަބަބު ކަމަށެވެ. އެކަން ހައްލު ކުރުމުގެ ގޮތުން އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް މަޝްވަރާތަކެއް ކުރެވުނު ކަމަށާއި މަޝްވަރާތަކަށް ފަހު ނިންމީ ހަނި ގޯޅިތަކުގައި ހުންނަ ގޭގެއަށް ސާމްޕަލް ނަގަން ދާއިރު ބަގީ ބޭނުން ކުރަން ކަމަށެވެ.

އޭނާ ވިދާޅުވީ މާލޭގެ ގޭގޭގައި ތިބި ބައްޔަށް ޝައްކު ކުރެވޭ މީހުންގެ ޓެސްޓު ކުރުމަށް ހަރަކާތްތެރިވާ ޓީމުތައް ދެން ދާނީ އެގޭގެ އެންމެ ތިރީ ފްލޯ އާއި ހަމައަށް ކަމަށެވެ. އަދި ސާމްޕަލް ނަގަން ޖެހޭ މީހާ ގެންނާނީ އެ ގެއެއްގެ އެންމެ ތިރިއަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ތިރިއަށް ނުފޭބޭ ބަލި ހާލަތު ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނަގަން ޓީމުތައް އެމީހަކު ދިރިއުޅޭ އެޕާޓްމަންޓަކަށް އަރާނެ ކަމަށް ވިދާޅުވި އެވެ.

މި ދުވަސްވަރު މޫސުން ގޯސްވުމަކީވެސް ނުރައްކަލަށް ހުށަހެޅިގެން މަސައްކަތް ކުރާ އާރްއާރުޓީއަށް އުނދަގޫތަކާއި ކުރިމަތިވަމުންދާ ކަމެއް ކަމަށް ހަމީދު ވިދާޅުވީ އެވެ. އެއީ ވާރޭވެހުމުން އެމީހުން ލައިގެން ތިބޭ ޕާސަނަލް ޕޮރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ގައި ވައިރަސް ތަތްލަވައި އެމީހުންނަށް އޭގެެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވާތީއެވެ.

ހަމީދު ވިދާޅުވީ އަމަލު ކުރަމުންދާ ގަވައިދުގެ ދަށުން އާރުއާރުޓީމްތައް އެހާ ގިނަ އިރު އެއްބަޔަކު މަސައްކަތް ނުކުރާނެ ކަމަށެވެ. އެއީ އެމީހުން ލައިގެން ތިބޭ ޕީޕީއީ ލައިގެން އެހާ ގިނަ އިރު ތިބުމަކީ ރައްކާތެރިކަމަށް ނުވާތީ ވަރަށް އަވަސް އަވަހަށް ޕީޕީއީ ބަދަލުކޮށް ފެންވަރަން ޖެހޭތީ. ސާމްޕަލް ނަގަން ދިއުމުގައި ލަސްތަކެއް އުޅެނީ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލަތައް ވީހާވެސް ބޮޑަށް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް1،106 މީހަކު ޕޮސިޓިވްވެފައިވާއިރު 80 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. މިހާރު ފަރުވާދެމުންދަނީ1،020 މީހުންނަށެވެ.

މި ބަލީގައި ހަތަރު މީހަކު މަރުވެފައިވާއިރު އޭގެ ތެރެއިން އެކަކީ ބިދޭސީއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް