ސިލްސިލާ ވާހަކަ: ޒާރާ - ހަތްވަނަ ބައި

''ނުވެއްޓޭތި އިނގޭ'' ބަންޕަރުތަކަށް އަރާއިރު ވިސްނައިގެން އިންނާތި... '' ކުޑަކުއްޖަކަށް ވިސްނާފަދައިން އާދިލް އެބުނި އެއްޗަކާ ދޭތެރޭ ޒާރާއަށް ވިސްނާލެވުނެވެ. ހިފަހައްޓާނީ ކޮންތާކު ހެއްޔެވެ؟ އެއްއަތުގަ...

18 May 2020 | 22:57

''ނުވެއްޓޭތި އިނގޭ'' ބަންޕަރުތަކަށް އަރާއިރު ވިސްނައިގެން އިންނާތި... '' ކުޑަކުއްޖަކަށް ވިސްނާފަދައިން އާދިލް އެބުނި އެއްޗަކާ ދޭތެރޭ ޒާރާއަށް ވިސްނާލެވުނެވެ.

ހިފަހައްޓާނީ ކޮންތާކު ހެއްޔެވެ؟ އެއްއަތުގައި ދަބަސް އޮތުމުން އިތުރަށް އުދަގޫވިއެވެ. އާދިލް ގައިގައި އަތްލާކަށް ޒާރާއަކަށް ނުކެރޭނެއެވެ. ވިސްނަން މާ ގިނައިރުތަކަކެއް ނުލިބުނެވެ. ސައިކަލު ދުއްވާ ލުމާއެކު ހަށިގަޑު ބެލެންސް ކުރަން ޖެހުނު ފުރަމަ ލޮޅުން ސައިކަލު އިޚްތިޔާރު ކުރިވަގުތު ބޭ އިޚްތިޔާރުގައި ޒާރާގެ އަތުން އާދިލްގެ ކޮނޑުގައި ހިފަހައްޓާލެވުނެވެ.

ޒާރާ ހުންނަ ގެއާ ހަމައަށް ދެވުނުއިރު ރޭގަނޑު 11 ޖަހަނީއެވެ. ސައިކަލު މަޑުކުރުމާއެކު ޒާރާގެ ދަބަހާއި ފޮތްތައް ހިފައިގެން އަވަސް އަވަހަށް ގެއަށް ވަންނަން ހިނގައިގަތެވެ.

''ޒާރާ....'' އާދިލް ގޮވާލި އަޑުއިވުނު ނަމަވެސް މީހަކަށް ފެނިދާނެތީ ޒާރާ މަޑެއްނުކުރިއެވެ. ކުއްލިއަކަށް ފިޔަވަޅު ހުއްޓުނީ ކީއްވެކަމެއް ހުދު ޒާރާއަކަށް ނޭނގުނެވެ. އޭނާ ފަސް އެބުރި ބަލާލިއެވެ. އާދިލް ފެންނާކަށް ނެތެވެ. ޒާރާ ދެރަވިއެވެ. އެންމެ ކުޑަމިނުން އާދިލް ކޮށްދިން ކަންތައްތަކަށް ޝުކުރުވެސް އަދާނުކުރެވުނީމައެވެ. އަމިއްލަ ނަފުސު ކުށްވެރިކުރަމުން ޒާރާ ކުރިއަށް ހިނގައިގަތެވެ.  ކޮރުޖަހަމުން ސިޑިން އެރުންވީ ވަރަށް ވޭން ހުރި ކަމަކަށެވެ.

ޒާރާ ހުންނަނީ މަހުފީ ދައްކައިގެން ކުދިން ކިޔަވަން ބައިތިއްބާ ދެމަފިރިއަކު ކައިރީގައެވެ. ޒާރާގެ ކޮޓަރީގައި އިތުރު 3 ކުދިން އުޅެއެވެ. އެކުދިންނަކީ ޒާރާއާއި ދާދި އެއް އުމުރެއްގެ ކުދިންކަމުން މިވީ ހަތަރުމަހެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގާތް ގުޅުމެއް އެކުދިންގެ މެދުގައި އުފެދިފައި ވެއެވެ. އެއްކުއްޖަކު އަނެއްކުއްޖަކަށް އެހީތެރިވެދީ ރަށުން ފޮނުވާ ހަދިޔާ ފަދަތަކެތި ޝެއަރ ކުރެއެވެ.

''ޒާރާ.....'' ދޮރުގައި ޓަކި ޖަހާލުމާއެކު ލީނާ ދޮރުހުޅުވިއެވެ. ލީނާ ދެލޯބޮޑުކޮށްލީ ޒާރާގެ ފައިގައި އަޅާފައިވާ ބެންޑޭޖް ފެނުމުންނެވެ.

''ކިހިނެއްވީ ޒާރާ...'' ސައިނާ ފިލާވަޅު ކިޔަން އިދެފައި ދުވެފައި އައިސް ޒާރާ އަށް އެހީވެދީގެން އެނދާއި ހަމައަށް ގެންގޮސްދީނެވެ.

''ސާފީ.... މިއޮއްއައީ ޒާރާ..." ލީނާ އެގޮވަނީ އިސްތިރިކުރަން ހުރި ސާފީ އަށެވެ.

ހުރިހާކުދިންގެ ސުވާލުތަކަށް ޒާރާ އިނީ ޖަވާބުދޭން ތައްޔާރުވެގެނެއް ނޫނެވެ. ޒާރާ އަށް އެކުދިންގެ ސުވާލުތައް އަޑުއިވުނު ނަމަވެސް ސިނކުނޑީގައި އެނބުރެމުންދަނީ އާދިލްގެ ޚިޔާލުތަކެވެ. ކުރިމަތީގައި ސިފަވަމުންދަނީ އާދިލްގެ މޫނާއި އެ ހިނިތުންވުމެވެ. ކަންފަތުގައި ހަރުލާފައިވަނީ އާދިލް އާއެކު ކުރެވުނު ދަތުރުގައި އޭނާ ދެއްކި އެކިއެކި ވާހަކަތަކެވެ. ޒާރާ މާގިނަ ވާހަކަ ނުދެއްކި ނަމަވެސް ސައިނާ އަނގަހުއްޓާނުލާ ވާހަކަ ދެއްކިއެވެ.

"އޭތް.. ތިވެގެން އުޅޭގޮތެއް ނިކަން ކިޔާދީބަލަ..'' ސާފީ ޒާރާގެ ބޮލުގައި އަތުން ޖަހާލިއެވެ. ޒާރާ ކުރުގޮތަކަށް އެކުދިންނަށް އެރޭގެ ހާދިސާ ކިޔާދިނެވެ. އަދި ގެއްލުނު ކުލާސް ޓެސްޓް ހޯދުމަށް މާދަމާ ލެކްޗަރާ އަށް ގުޅަން އެކުދިން ލަފާދިނެވެ.

ރޭގަނޑުގެ އެތައް ދަމެއް ފާއިތުވެގެން ދިޔައިރުވެސް ޒާރާއަކަށް ނުނިދުނެވެ. ފައިގައި ރިއްސާވަރުން ބައްޕަ މަތިން މާބޮޑަށް ހަނދާންވަނީއެވެ. ބައްޕަ ދެރަވާނެވަރު ޒާރާއަށް އިހްސާސް ކުރެވެއެވެ. ޒާރާ ބަލިވެއްޖެއްޔާ ޒާރާ ގާތުގައި ގިނަ ވަގުތު ބައްޕަ ހޭދަކުރެއެވެ. ފިރުމާދީ އަބަދުވެސް ހިތްވަރުދެއެވެ. ބައްޕަ މަތިން ހަނދާންވުމުން ޒާރާއަށް ރޮވުނެވެ. އަދިވެސް އެއްފަހަރު ފޯނު ހުޅުވޭތޯ ބަލާލަން ޒާރާ ބޭނުންވިއެވެ. ބައްޕައަށް ގުޅާލަން ބޭނުންވާތީއެވެ. ބައްޕަ ޒާރާއަށް އެތައްފަހަރަކު ގުޅަން މަސައްކަތް ކުރާނެކަން އެނގުމުން ކަންބޮޑުވެ އިތުރަށް ދެރަވިއެވެ.

ދަބަސް ނަގާ ފޯނުލާފައި އިންބައިގެ ޒިބު ދަމާލުމަށްފަހު ފޯނު ގެނިއެވެ. ލިބުނީ ހައިރާންކަމެކެވެ. ޒާރާ އަށް ފެނުނީ އޭނާގެ ފޯނެއް ނޫނެވެ. އޭނާގެ ފޯނުގެ ބަދަލުގައި އޮތީ އައިފޯނެކެވެ. ޒާރާ ހަނދާނަށް އައީ އާދިލް އޭނާއަށް ދިއްކޮށްގެންހުރި ފޯނެވެ. މިއީ ހަމަ އެފޯނެވެ. ޒާރާ އަށް ހިނިތުން ވެވުނީ ބޭއިޚްތިޔާރުގައެވެ. ފޯނު އޮތީ ނިއްވާލާފައެވެ. އަވަސް އަރާފަ ހުރިވަރުން އާދިލްގެ ފޯނު ޒާރާގެ އަތްދަބަހަށް ލެވުނީ ކަމަށް ޒާރާ ނިންމިއެވެ.

ޒާރާއަށް ފޯނު މޭގާ ޖައްސާ ލޯމަރާލެވުނީ ކީއްވެކަމެއް ނޭގެއެވެ. އޭނާ ފޯނު އޮން ކޮއްލިއެވެ. ފޯނުގައި ލޮކް ކޯޑް ޖަހާފައެއް ނުވެއެވެ. އާދިލްގެ ފޯނު އޭނާ ހުޅުވީމާ ގުޅާނީ ކާކުބާވައޭ ޒާރާގެ ހިތައް އެރިއެވެ. ފޯނަށް މެސެޖެއް އައެވެ. މެސެޖު ބަލާނުލެވިގެން އުޅެކޮށް އަންނަންފެށީ ކޯލެކެވެ.

ކާކުގެ ކޯލެއްބާވައެވެ.. ހަދާނީ ކިހިނެއްކަމެއް ނޭނގުނެވެ. ފޯނު ނަގަންވީ ބާވައެވެ. ސޭވްކޮށްފައި އިން ނަމްބަރެއް ނޫންކަމުން ޒާރާ ނިންމީ އާދިލް ގެ ގާތްމީހަކަށް ނުވާނެ ކަމަށެވެ. ފޯނު ކެނޑުނު އިރުވެސް ޒާރާ އަށް ހުރެވުނީ ހަދާނެގޮތެއް ނޭގިފައެވެ. ދެވަނަ ފަހަރަށް ހަމަ އެނަމްބަރުން ގުޅި އައެވެ. ފޯނު ނުހުޅުވުނު ނަމައޭ ޒާރާގެ ހިތަށް އެރިއެވެ. ފޯނު ކެނޑިއްޖެއެވެ. ރާޒާ ނިންމީ އަވަހަށް ފޯނު ނިއްވާލާށެވެ. ނިންވާލަން ޕަވަރ ބަޓަންގައި އިނގިލި ޖައްސާލި ވަގުތު ދެވަނަ މެސެޖެއް އައެވެ. މެސެޖް ބަލާލަން ޒާރާބޭނުން ވިއެވެ. ކޮންމެ މީހެއްގެ މެސެޖަކަށް ވިޔަސް ބަލާލުމަކުން ގޯހެއް ނެތްކަމަށް ނިންމާ، މެސެޖް ހުޅުވާލިއެވެ. ޒާރާ އަށް ލިބުނީ އިތުރު ސިހުމެކެވެ.

އެ މެސެޖްގައިވަނީ ޒާރާ ގެ ނަމެވެ.

މެސެޖް ބަލަން ހުއްޓާ ކޯލު އަންނަން ފެށިއެވެ. އެ ކޯލަށް ޖަވާބު ދޭން ބޭނުންވި ނަމަވެސް ހިތްވަރެއް ނުލިބުނެވެ.

ފުލުފުލުގައި މެސެޖް އަންނަން ފެށިއެވެ. ޒާރާގެ ނަމުން ގޮވާފައެވެ.

ފޯނަށް ޖަވާބުދިނުމަށް އެދިފައެވެ.

އެތައް އާދޭހަކަށްފަހު ކޯލު އަންނަން ފެށިއެވެ. ޒާރާ ނިންމީ ފޯނު ނަގާށެވެ. އެކޮޅުން ދާއްކާ ވާހަކައެއް އަޑުއަހާލުމަށް  ޒާރާގެ ހިތް ބުނަމުން ދިޔައެވެ.

ޒާރާ ފޯނު ކަންފަތުގައި ޖައްސާލިއެވެ.

''ޒާރާ...." އެކޮޅުން ގޮވާލި އަޑު ޒާރާއަށް އިވުނެވެ. އެ އަޑު ޖެހުމާއެކު ޒާރާގެ އަތްތިލަ ތުރުތުރު އަޅައިގެން ދިޔައެވެ. މުޅި ހަށިގަޑު ފިނިވެގެން ދިޔައެވެ. މޭގައި އޮތް ހިތް ތެޅިގަތީ އަމަށަކު ވަރަކަށް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް