ރަށަށް ނިސްބަތްނުވާ މީހުން ވޯޓުލާފައި ހުރުމުން ގާދިއްފުއްޓާއި މާވަށުގައި އަލުން ވޯޓުލަނީ

ތ. ގާދިއްފުއްޓާއި ލ. މާވަށުގައި އަލުން ވޯޓުލުން ކުރިޔަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ. އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް އަހްމަދު ...

19 Apr 2021 | 18:33

ތ. ގާދިއްފުއްޓާއި ލ. މާވަށުގައި އަލުން ވޯޓުލުން ކުރިޔަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އެ ދެ ރަށުގައި އަލުން ވޯޓުލުން ކުރިއަށްގެންދަން ނިންމީ އެދެ ރަށަށް ނިސްބަތް ނުވާ މީހުން ރަށު ކައުންސިލަށް ވޯޓުލާފައިވާތީ ކަމަށެވެ. އެހެން ވެފައިވަނީ އޮފިޝަލުންނަށް އޮޅިގެން އެ ރަށްރަށަށް ވޯޓުލީ އެހެން ދާއިރާތަކުގެ ބައެއް މީހުންނަށް އެ ރަށްރަށުގެ ވޯޓު ކަރުދާސް ދެވިގެން ކަމަށް ޝަރީފު ވިދާޅުވި އެވެ.

ގާދިއްފުށީފައި ވޯޓުލުން ކުރިއަށްގެންދަން ނިންމާފައި ވަނީ ކައުންސިލް މެމްބަރު އަންހެން ގޮނޑިއަށް ކުރިމަތިލި އެމްޑީޕީގެ ކެންޑިޑޭޓް މަރްޔަމް ހަސަން އާއި ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ އަބްދުލްހާދީއާ ދެމެދު އެވެ. މާވަށުގައި އަލުން ވޯޓުލުން ކުރިއަށްގެންދާނީ ކައުންސިލްގެ ރައީސް ކަމުގެ ވޯޓާއި ކައުންސިލް މެންބަރުންގެ ގޮނޑިއަށް ވާދަ ކުރި އެމްޑީޕީގެ ހަސަން ޝިފާޒް އާއި ޕީޕީއެމްގެ އިބްރާހިމް އަބޫބަކުރާއި ދެމެދުގައި ކަމަށް ޝަރީފް ވިދާޅުވި އެވެ.

މަރްޔަމް ހަސަންއަށް ލިބިފައިވަނީ 222 ވޯޓެވެ. އަދި ހައްވާ އަބްދުލްހާދީއަށް ލިބިފައިވަނީ 224 ވޯޓެވެ.

މާވަށުގައި ކައުންސިލް ރައީސަކު ހޮވުމަށް އަލުން ވޯޓުލާނީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އަބްދުއްރަހްމާންއާއި ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު މޫސާއާ ދެމެދުގަ އެވެ. އެ ދެ ކެންޑިޑޭޓުންގެ ވޯޓު ވަނީ އެއްވަރުވެފައި އެވެ.

އަދި އެ ރަށު ކައުންސިލް މެންބަރުންގެ ގޮނޑިއަށް ވާދަ ކުރި އެމްޑީޕީގެ ހަސަން ޝިފާޒް އާއި ޕީޕީއެމްގެ އިބްރާހިމް އަބޫބަކުރުގެ ވޯޓުވެސް ވަނީ އެއްވަރުވެފަ އެވެ. ޝަރީފު ވިދާޅުވީ އެ ދާއިރާތަކަށް އަލުން ވޯޓު ލާން ނިންމީ އެހެން ދާއިރާތަކުގެ މީހުން ވޯޓުލާފައި ހުރުމުން ސައްހަ ނަތީޖާ ދެނެގަތުމަށެވެ.

ޝަރީފް ވިދާޅުވީ އެ ދާއިރާތަކުގައި އަލުން ވޯޓުލާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް