ކޯވިޑް-19 ކޭސްތަކެއް ފެނި އިތުރު ހަތަރު ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި މޮނިޓަރިންއަށް ލާފައިވަނީ ކ. ހިންމަފުށި، ބ. އޭދަފުށި، އއ. ބޮޑުފުޅަދޫ އަދި ތ. ތިމަރަފުއްޓެވެ. މި ހަތަރު ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދު އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ މި ހަތަރު ރަށުގެ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެ ރަށްތައް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.
އަދި މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަ ނެތި މި ރަށްރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
ތިމަރަފުއްޓާއި، ހިންމަފުށި އަދި އޭދަފުއްޓާއި ބޮޑުފުޅަދޫގެ ކޯވިޑް ކޭސްތަކާއި ގުޅޭ މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ.
މީގެ ތެރެއިން އެންމެ ހަލުވިކަމާއި އެކު މިހާރު ކޯވިޑް ފެތުރެމުން ދަނީ ތިމަރަފުށި ހިމެނޭ ތ. އަތޮޅުގައި އެވެ. ކޯވިޑް ކޭސްތައް ފެނި ތިމަރަފުށިގެ އިތުރުން އެ އަތޮޅުގެ އިތުރު ހަ ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.
އެއީ ވޭމަންޑޫ، ވިލުފުށި، އޮމަދޫ، ގާދިއްފުށި، ކިނބިދޫ އަދި މަޑިފުއްޓެވެ. މީގެ އިތުރުން މޮނިޓަރިންއަށް ލާފައިވަނީ ޅ. ނައިފަރު، ހިންނަވަރު، ފެލިވަރު، ކ. ހުރާ، ދިއްފުށި، އދ. މާމިގިލި އަދި ބ. މާޅޮހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް