ކޯވިޑްގެ ހާލަތުގައި މިދިޔަ އަހަރުގެ ރަމަޟާން މަސް ދިވެހިންނާ ބައްދަލުކޮށް އަލްވަދާއުކީ، ރަމަޟާން މަހެއްގެ މާ ބޮޑު އިހުސާސެއްވެސް ނުކުރެވޭ ހާލުގައެވެ.
އެހެން ނަމަވެސް މި އަހަރު ރަމަޟާން މަސް އަހަރެމެންނާ ބައްދަލުކޮށް، މާދަމައަށް ހަފްތާއެއް ވާއިރު ކޯވިޑްގެ ހާލަތަށް މިވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ކޮވިޑާއެކު އެކު އުޅެން އަހަރެމެންނަށް މިވަނީ ދަސްވެފައެވެ. ކުރިން އަޅާފައި އޮތް ފިޔަވަޅުތައް ބޮޑުތަނުން މިވަނީ ދޫކޮށްލާފައެވެ. ވެކްސިން ޖެހުން އެ ދަނީ ބާރަށް ކުރިއަށެވެ.
ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެވެ. ހަމަ އެއާއެކު އާއިލާތައް އެކުގައި އެއް ސުފުރާއެއްގެ މަތީގައި ރޯދަވީއްލުމާއި ހާރު ކެއުން ކުރިއަށްގޮސް ދޭދޭ ގުޅުންތައް ބަދަހިކޮށްދޭ މަހެއް ކަމުގައިވެސް ރަމަޟާން މަސް ވެއެވެ.
މި ހިސާބުން އަންނަނީ ކާބޯތަކެތީގެ އަގުތަކުގެ ވާހަކަ އެވެ. ކޮވިޑުގައި ބައެއް ގައުމުތަކުގައި އިގްތިސާދު ވަނީ ފުނޑުފުނޑު ވެފައެވެ. އިންފްލޭޝަން ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. ލުބުނާނާއި ފިލިޕިންސް ފަދަ ގައުމުތަކުގައި މުސްލިމުން މި ރަމަޟާން މަހު އުޅެނީ ވަރަށް ހާލުގައެވެ. އަގުތައް އުޅެނީ 2019، 2020 ވަނަ އަހަރާ އަޅާ ބަލާއިރު ފަސް ގުނަ ހަ ގުނަ މަތީގައެވެ.
އެހެން ނަމަވެސް، އަލްހަމްދުލިﷲ ރާއްޖޭގެ ހާލަތު އެ ފަދަ ހާލަތަކަށް ނުގޮސް މި ފެންނަނީ މުޅީން ތަފާތު މަންޒަރެކެވެ. ފެންނަނީ އެހެން އަހަރު ތަކުގެ ރަމަޟާން މަހާ އަޅާ ބަލާއިރު އަގުތައް މައްޗަށް ނުގޮސް އެއްވަރެއްގައި ހިފެހެއްޓިފައި ހުންނަ މަންޒަރެވެ. ނުވަތަ ތަކެތީގެ އަގު ހެޔޮ ވާ މަންޒަރެވެ.
މިރުސް ކިލޯއެއް މިދިޔަ އަހަރު ދެ ހާހުން މައްޗަށް ދިޔައިރު މި އަހަރު އަގު ހުރީ އޭރާ އަޅާ ބަލާއިރު ވަރަށްވެސް ދަށުގައެވެ. ކިލޯއެއް 200 އިން ދަށުން ގަންނަން އެބަ ލިބެއެވެ. ބައެއް ދުވަސް ދުވަހު އަގު 100 އިންވެސް އެބަ ދަށްވެއެވެ. ކަރާވެސް ހުރީ 20 ރުފިޔާ، 15 ރުފިޔާގައި ހިފެހެއްޓިފައެވެ.
މީގެ ކުރިން ބިސް ފިޔާ އަލުވީގެ އަގުވެސް އަތް ނުފޯރާ ފަރަށް އަރައިގެން ދިޔައެވެ. އެހެން ނަމަވެސް މި އަހަރު އަގުތައް ހުރީ އެހެން ރަމަޟާން މަސްތަކާ އަޅާބަލާއިރު ހެޔޮ އަގުތަކެއްގައި ހިފެހެއްޓިފައެވެ.
އަގުތައް އެއްވަރެއްގައި ހުރުމުގައި ފާހަގަކޮށްލަންޖެހޭ ބައެއް ކަންކަން އެބަ ހުއްޓެވެ. ދިވެހި ސަރުކާރުން ދަނޑުވެރިންގެ އުފެއްދުންތައް ގަނެ ވިއްކާ، މާކެޓް ކުރުމަށް އުފެއްދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާ، ސަރުކާރުގެ ވިޔަފާރި މައި ކުންފުނި އެސްޓީއޯ އާއި އެސްޓީއޯއިން އަލަށް ހުޅުވި އެގްރި ސެންޓަރާ ރާއްޖޭގެ އިގްތިސާދީ ބަނދަރާ އަމިއްލަ ބައެއް ވިޔަފާރިވެރިންގެ ވިޔަފާރިތަކުން މި އަހަރު އަގުތައް އެއްވަރެއްގައި ނުވަތަ ހެޔޮ އަގެއްގައި ހިފެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށްލަން ޖެހެއެވެ.
އިގްތިސާދީ ބަނދަރު، އެމްޕީއެލްގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު ހަފްތާއެއްގެ ތެރޭގައި ޕެރިޝެބަލް ގުޑްސްގެ 700 އަށްވުރެ ގިނަ ކޮންޓޭނަރ ހުސްކޮށްފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ.
އެސްޓީއޯއިން އަންނަނީ ބިހާއި ފިޔާ އަލުވި ފަދަ އާންމުކޮށް ދިވެހިންނަށް ބޭނުންވާ މިފަދަ ބާވަތްތަކުގެ އަގު އެއްވަރެއްގައި ބެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އެސްޓީއޯގެ މީޑިއާ އޮފިސަރު އަބްދުﷲ މުހައްމަދު (އަބޯ) ވިދާޅުވީ އެސްޓީއޯއިން ބެލީ ވީހާވެސް ހެޔޮ އަގެއްގައި ރައްޔިތުންނަށް ރޯދައަށް ތަކެތި ލިބޭނެ ގޮތެއް ހެދުމަށް ކަމަށެވެ. އަދި ރޯދަމަސް ނިމި ހަ ރޯދަ އީދަށްވެސް ހެޔޮ އަގު ދެމެހެއްޓުމަކީ އެސްޓީއޯގެ އަމާޒު ކަމަށެވެ.
"ރޯދަ ފެށެން އައި އިރު އެންމެ ހެޔޮކޮށްވެސް ފިޔާ ކިލޯއެއް ހުރީ 10 ރުފިޔާއަށް، އެސްޓީއޯއިން ކިލޯއެއް ވިއްކަނީ 9.50 ލާރިއަށް، ހޯލްސޭލް ފަރާތްތަކަށް އަދި އެއަށްވުރެވެސް ހެޔޮ އަގުގައި ލިބޭނެ" އަބޯ އިތުރަށް ވިދާޅުވިއެވެ.
އަބޯ އިތުރަށް ވިދާޅުވީ މި އަހަރު ސީދާ އައްޑުއަށް، ތިނަދުއަށް އަދި ކުޅުދުއްފުއްޓަށްވެސް ފިޔާ ބިސް އަލުވިފަދަ މުދާ ބާލާއިރު މާލެއެކޭ އެއް އަގެއްގައި ރާއްޖޭގެ ރަށްރަށުންވެސް ލިބެން ހުންނާނެ ކަމަށެވެ.
އުންމީދަކީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ބާޒާރުގެ އަގުތައް އަތް ފޯރާ ފަށުގައި ހުރުމެވެ. ހިފެހެއްޓިފައި ހުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް