ގައުމު ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑު ވަޒީރުކަން ބޭނުންފުޅުވާކަމަށް ރޭގައި ވިދާޅުވި، ރައީސް ނަޝީދުގެ ރާގު މިއަދު ބަދަލުވެއްޖެއެވެ.
މިއަދު ހަވީރު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމީ ޝައްކެއް ނެތް ކަމެއް ކަމަށެވެ.
"ނިޒާމު ބަދަލު ކުރުމުގެ ކޮންމެ މަޝްވަރާއަކީ އަދި ކޮންމެ މަސައްކަތަކީ ފެންނަ ނުފެންނަ ވޯޓާއި ގުޅޭ ކަންކަން" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އެހެން ނަމަވެސް ރޭގައި ރައީސް ނަޝީދު ރައީސް ސޯލިހަށް ފޮނުވި މެސެޖުގައި ރައްޔިތުންގެ ނަންވެސް ގެންފައެއް ނުވެއެވެ.
ރައީސް ނަޝީދުގެ އެ މެސެޖުގައި ވިދާޅުވެފައިވަނީ އެއް ފަރާތުގައި ހުންނަން އުނދަގޫ ކަމަށާއި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑު ވަޒީރުކަން ބޭނުންފުޅުވެލައްވާކަމަށެވެ. ރައީސަކީ މަޖިލީހުން ހޮވާ މީހެއް ކަމުގައިވާން އެދިލައްވާކަމަށެވެ.
https://twitter.com/MohamedNasheed/status/1384124668634820617
ރައީސް ނަޝީދުގެ އެ މެސެޖަށް ރައީސް ސޯލިހް މިއަދު ވަނީ ޖަވާބުވެސް ދެއްވާފައެވެ.
ރައީސް ސޯލިހް ފާހަގަކުރައްވާފައިވަނީ މިކަމުގައި ރައްޔިތުން ކުރިން ވަނީ ބަސް ބުނެ ގޮތް ނިންމާފައި ކަމަށެވެ. އަދިވެސް ގޮތެއް ނިންމާނީ ރައްޔިތުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް