ރައީސް ނަޝީދުގެ ހުށައެޅުން ރައީސް ޞާލިޙް ގަބޫލުފުޅު ނުކުރެއްވި!

ސަރުކާރު ހިންގާ ނިޒާމް ބަދަލުކުރަން ކުރީގެ ރައީސް ނަޝީދުގެ ހުށައެޅުއްވި ހުށައެޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ގަބޫލުފުޅު ނުކުރެއްވިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަ...

19 Apr 2021 | 11:03

ސަރުކާރު ހިންގާ ނިޒާމް ބަދަލުކުރަން ކުރީގެ ރައީސް ނަޝީދުގެ ހުށައެޅުއްވި ހުށައެޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ގަބޫލުފުޅު ނުކުރެއްވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މީޑިއާތަކަށް މިއަދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ނަޝީދު ކުރެއްވެވި މެސެޖް ރައީސް ޞާލިހަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.އަދި  މިހާރު އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލު ކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށްވާތީ މިކަމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެފަދަ ވޯޓަކަށް ދިއުމަށް ސަރުކާރުން ތައްޔާރުތޯ އާއި ނަޝީދު ވިދާޅުވާ ގޮތަށް އެފަދަ ފުރުސަތެއް ތަނަވަސްކޮށްދޭން ތައްޔާރަށް އޮތްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ އެފަދަ ނިންމުމެއް ނިންމާފައި ނެތް ކަމަށެވެ.

ގައުމު ހިންގަވަން ބޭނުންފުޅުވާ ކަން ފާހަގަކުރައްވައި މަޖިލީހުގެ ރައީސް ނަޝީދު، ރައީސް ޞާލިހަށް މެސެޖެއް ފޮނުއްވީ އިއްޔެ ހަވީރެވެ. ނަޝީދު އެދިވަޑައިގަތީ 2023ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި އާ ސަރުކާރެއް ހޮވުމުގެ ރިޔާސީ އިންތިހާބު އެ އަހަރު ނުބޭއްވުމަށް ވެސް އެދިވަޑައިގަތެވެ.

ނަޝީދު ވިދާޅުވީ 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާ އިރު ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް