މަސް ދޯނިތަކުގައި ބިދޭސީން ގެންގުޅެން ހުއްދަ ދީފި

މަސް ދޯނިތަކުގައި ބިދޭސިން ގެންގުޅުމުގެ ހުއްދަ ދޭން ނިންމައިފި އެވެ. ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިކަން ކުރުމުގައި ގަވައިދާ ހިލާފަށް ބިދޭސީން ހަރަކާތްތެރިވާ މައްސަލާގައި ސަރުކ...

19 Apr 2021 | 09:19

މަސް ދޯނިތަކުގައި ބިދޭސިން ގެންގުޅުމުގެ ހުއްދަ ދޭން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިކަން ކުރުމުގައި ގަވައިދާ ހިލާފަށް ބިދޭސީން ހަރަކާތްތެރިވާ މައްސަލާގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި އޮޑިވެރިން އަދި އެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނާ މަޝްވަރާ ކުރުމަށް ފަހު، ދޯނި ފަހަރުގައި ކުރާ ބައެއް މަސައްކަތްތަކަށް ދިވެހިން ނުލިބުމުގެ ދަތިކަން އޮތްކަމަށް ފާހަގަވާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ މަސްވެރިކަމުގެ ސިނާއަތުގެ މަންފާއަށް ޓަކައި ވަކި ހަމަތަކެއްގެ މަތިން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި، ސީދާ މަސްވެރިކަން ކުރުމުގައި ބައިވެރިވުން ނުހިމެނޭ ގޮތަށް ބިދޭސިންނަށް ހަރަކާތްތެރިވުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދާފައިވާ މަސްވެރިކަމުގެ އާންމު ގަވައިދުގެ 13 ވަނަ މާއްދާގެ ދަށުން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ސަރުކާރުގެ ކަމާ ގުޅޭ އުސޫލުތަކާ އެއްގޮތަށް އެ އުޅަނދެއްގައި މަސައްކަތްކުރަން ހޯދާ ވޯކް ޕާމިޓެއްގެ ދަށުން ދެ ބިދޭސިންނަށް ހަރަކާތްތެރިވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ހަރަކާތްތެރިވުމަށް ބިދޭސިންނަށް ހުއްދަ ދިނުމަށް ހަމަޖެހިފައި ވަނީ ކައްކާއެއް ނުވަތަ ދޯނި ފޮޅާ ސާފުކުރާ ނުވަތަ ބަލަހައްޓާ މީހެއްގެ ގޮތުގަ އެވެ. އަދި ބިދޭސިންނަށް ހަރަކާތްތެރިވުމުގެ ހުއްދަ ދޭނީ ހަމަ އެކަނި އެކްސްޕޯޓު ކުރުމަށް ނުވަތަ އެކްސްޕޯޓުކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމުގެ ލައިސަންސް ނަގައިގެން ދޮށީގެ ނުވަތަ ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ފިޝަރީޒްގެ ބަޔާނުގައި ބުނީ ރާއްޖޭގެ މަސްވެރިކަމަކީ ދިގު ތާރީހެއް އޮތް، އެ މަސްވެރިކަމުގައި ސަގާފީ ގިނަ ސިފަތަކެއް އެކުލެވޭ މަސައްކަތެއް ކަމަށާއި އެއީ ރާއްޖޭގެ މަސްވެރިކަން ދުނިޔޭގެ ފެންވަރުގައި އިޝްތިހާރު ކުރުމަށް ލިބިފައިވާ ފުރުސަތެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ މަސްވެރިކަމުގެ ހާއްސަ ސިފަތައް އޭގެ އަސްލު ނުގެއްލި ހިފެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް ބަޔާނުގައި ބުންޏެވެ.

މަސްވެރިކަމުގެ ސިނާއަތަށް މި ގެނެވުނު ބަދަލަކީ މުޅި ސިނާއަތުގެ މަންފާއަށް އެޅުނު ފިޔަވަޅެއް ކަމަށާއި އެ ފިޔަވަޅުއެޅީ އޮޑިވެރިންނާއި ސިނާއަތުގެ މަސައްކަތްތެރިންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

ފިޝަރީޒް އިން ބުނީ މަސްވެރި އުޅަނދުފަހަރުގައި ހަރަކާތްތެރިވާ ބިދޭސިންނަކީ ގަވައިދާ އެއްގޮތަށް ސައްހަ ލިޔެކިޔުން އޮންނަ މީހުންކަން ޔަގީންކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް