ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފައިބާ ނެޓްވޯކެއް އެޅުމުގެ މަސައްކަތް ހުޅުމާލޭގައި ކުރިއަށް އެބަ ގެންދެއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި ތަރައްގީ ކޮށްފައިވާ ޓެލެކޮމް ވިއުގާތަކަކީ ދުރު މުސްތަގުބަލަށް ބޭނުން ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ވިއުގާ ތަކެކެވެ. މިއީ ރާއްޖެގައި މުުޅިން އަލަށް ތާއާރަފްވެގެން ދާނެ ކޮންސެޕްޓެކެވެ.
މިފަދަނެޓްވޯރކްތަކަށް ކިޔާ އުޅޭނަމަކީ، އޯޕަން އެކްސެސް ނެޓްވޯރކް ނުވަތަ މުނިސިޕަލް ނެޓްވޯރކެވެ. ނިއުޒިލެންޑް، ދެކުނުއެމެރިކާގެ ޤައުމުތަކާއި އަދި ޔޫރޕްގެ ޤައުމުތަކުންވެސް މިފަދަ ނެޓްވޯރކްތަށް ބޭނުންކުރަމުން ދެއެވެ.
މި ނެޓްވޯކްތައް ބިނާކުރަން ބޮޑެތި ޚަރަދުތައް ހިނގައެވެ. ސަބަބަކީ މިނެޓްވޯކްތައް ބިނާކުރެވެނީ ގިނަފަހަރަށް ބިމުގެ އަޑީގައި ކަމަށްވެފައި، ކޭބަލްތައް އެޅުމުގެ ކުރިން ވަކި ހޮޅިލައިނެއް ނުވަތަ ޑަކްޓް ނެޓްވޯކެއް އަޅަންޖެހުމެވެ.
މީގެ އިތުރުން ، ނެޓްވޯކްގެ ބައިތައް އެކި ހިސާބުތަކަށް ފޯރުކޮއްދިނުމަށްޓަކައި، މޭންހޯލް ، ހޭންހޯލެ އަދި ޓަރމިނޭޝަން ފޮށި އެކި އެކި ސަރަހައްދު ތަކުގައި ބަހަށްޓަންޖެހެވެ. ޙާއްސަކޮށް ރާއްޖެގެ ރަށްތަކުގެ މަގުތަކަކީ ވަރަށް ކުދި އަދި މަގުގެ ދެފާރާތަކީވެސް އެހެނިހެން ބޭނުންތަކަށް ބޭނުން ކުުރަންޖެހޭ މަގުތަކަކަށް ވެފައި ޖާގައިގެ ދަތިކަމަކީވެސް މި މަސައްކަތަށް އިތުރު ގޮންޖެހުން ތަކެއްކުރިމަތިވާކެމެކެވެ.
އަދި މިއާއެކު، ނެޓްވޯރކް ބެލެހެއްޓުމާއި، ބޭނުންކުރެވޭ އާލާތްތަކަކީވެސަ އަގުބޮޑު، އަދި މިމަސައްކަތަކީ ތަޖުރިބާހުރި މީހުން ބޭނުންވާ ދާއިރާއަކަށްވުމީވެސް މިދާއިރާގެ ގޮންޖެހުން އިތުރަށް ފުޅާވެގެން ދާސަބަބުތަކުގެ ތެރޭގައިހިމެނޭ ކަމެކެވެ.
މިހުރިހާ ސަބަބުތަކާއި ހެދި ފައިބަރ ކޭބަލް ނެޓްވޯރކަކީ އިންތިހާޔަށް އަގުބޮޑު، އަދި އިންވެސްޓްމަންޓް ރިކަވަރ ކުރަން ގިނަދުވަސްތަކެއް ނަގާ މަސައްކަތެކެވެ.
މިހުރިހާ ކަމަކަށް ހައްލެއް ހޯދައިދީ ލުއިތަކެއް ހޯދައިދިނުމުގެ ގޮތުން މިއަދު އެޗްޑިސީން ހުޅުމާލޭގައި ގާއިމު ކުރަމުން އަންނަ ފައިބާ ނެޓްވޯކަކީ ، ޚިދުމަތްފޯރުކޮށްދޭ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމާއި، ޚިދުމަތުގެ އަގުކުޑަކުރަން ބާރުއަޅައިދޭނެ ވަރަށް މުހިއްމު ބިންގަލެކެވެ. ސަބަބަކީ މި ނެޓްވޯކް ގާއިމް ކުރަމުން ދަނީ އެޗް.ޑީ.ސީގެ އަމިއްލަ ޚަރަދުގައި ކަމަށް ވުމާއި، މިނެޓްވޯރކްގެ އެއްމެހާ ކަންތައްތައް ބަލަހައްޓާނީވެސް މިކުންފުނީގެ ވަކި ޙާއްޞަ ޔުނިޓަކުން ކަމަށް ވާތީއެވެ.
މިއާއެކު، މަގުތައް މިފަދަ ބޭނުންތަކަށް ކޮނުމަށް ހުއްޓުމެއް ގެނެވި ހިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކުން ވަކި ނެޓްވޯކެއް އެޅުމުގެ ބަދަލުގައި އެއްނެޓްވޯކެއްގައި ގިނަބަޔަކަށް އެއްފަހަރާ ޚިދުމަތްދިނުމުގެ މަގު ފަހިވެގެންދާނެއެވެ. މިނެޓްވޯރކްގެ ޒަރީއްޔާއިން، ތަފާތު ގިނަގުނަ ލުއިފަސޭހަތަކާއި، އެހެނިހެން ފައިދާތަކެއް ލިބިގެން ދާނެކަމަށް އެޗްޑީސީއިން ބުނެއެވެ.
މީގެއިތުރުންވެސް، އަލަށް މާކެޓަށް ވަންނަން ބޭނުންވާ ފަރާތްތަކަށްވެސް މިނެޓްވޯރކް ބޭނުންކުރުމުގެ ފުރުޞަތު އޮތުމަކީ މުވާޞަލާތީ ގުޅުމާއި ގުޅުންހުރި ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ އާއްމު ރައްޔިތުންނަށް ގިނަ އައު ޙިދުމަތްތަކެއް ލިބިގެންދާނެ ސަބަބެއް ކަމަށް އެޗްޑީސީއިން ބުނެއެވެ.
ހުޅުމާލެއަކީ ޒަމާނީ ފެންވަރަށް ފުރިހަމަ އަރބަން ސިޓީއެއްގެ ކުލަވަރު ޖެހިފައިވާ ސިޓީއަކަށް ހެދުމަށް އެޗްޑީސީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާ ކަމަށް އެ ކުންފުނިން ފާހަގަ ކުރެއެވެ.
ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ދެވޭ ޙިދުމަތްތަކަކީ ޓެކްނޮލޮޖީގެ ދާއިރާއިން ވެސް އެއްމެ ފަހުގެ އަދި އަތް ފޯރާފަށުގައި ދެވޭ ޙިދުމަތްތަކަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި އެޗްޑީސީއިން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް