މާލޭގައި ކޯވިޑް-19 ވެކްސިން ދޭ ބައެއް ސެންޓަރުތަކުގެ ވެކްސިން ކިއު އޮންލައިންކޮށް ބެލޭނެ ގޮތް އެޗްޕީއޭއިން ހަދައިފި އެވެ.
ވެކްސިން ކިއު އޮންލައިންކޮށް ބެލޭނެ އިންތިޒާމް ހަމަޖައްސާފައި މިވަނީ ވެކްސިން ޖަހަންދާ މީހުންގެ ކިއުތައް ދިގުވެ، އާންމުންގެ ޝަކުވާ ބޮޑުވެފަ ވަނިކޮށެވެ. މާލޭގައި އާންމުކޮށް ހުޅުވާލައިގެން ހަތް ސެންޓަރެއްގައި ދަނީ ކޯވިޑް-19 ވެކްސިން ޖަހައިދެމުންނެވެ.
އެޗްޕީއޭއިން ބުނީ އާންމުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ވެކްސިން ތިން ސެންޓަރެއްގެ ކިއު ނަމްބަރު މިހާރު އޮންލައިންކޮށް ބެލޭ ގޮތް ހަދާފައިވާ ކަމަށެވެ. އެ ތިން ސެންޓަރަކީ ސޯޝަލް ސެންޓަރާއި ނޭޝަނަލް އާޓް ގެލަރީ އަދި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރެވެ.
މި ތިން ސެންޓަރަކީ ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒު ޖަހައިދޭ ސެންޓަރުތަކެވެ. މި ދުވަސްވަރު މާލެ ސަރަހައްދުގައި އެންމެ ބާރު ބޮޑީ ކޮވިޝީލްޑް ދެވަނަ ޑޯޒު ޖަހާ ސެންޓަރުތަކެވެ.
އެޗްޕީއޭއިން ބުނީ އެ ތިން ސެންޓަރުގެ ކިއުގައި ޖެހޭ މީހުން ނަމްބަރު ނެގުމަށް ފަހު، އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރު ކޯޑް ސްކޭންކޮށްލުމުން، ހިދުމަތް ދެމުންދާ ނަންބަރު ފެންނާނެ އެވެ. އަދި އެމީހަކު ނަގާފައިވާ ނަމްބަރުގެ ކުރިޔަށް ތިބި މީހުންގެ އަދަދު ފަދަ މައުލޫމާތުތައް އެނގޭނެ އެވެ.
ސޯޝަލް ސެންޓަރާއި ނޭޝަނަލް އާޓް ގެލަރީ އަދި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ކޮވިޝީލްޑް ދެ ވަނަ ޑޯޒު ޖަހައިދެމުން ދަނީ ރައްޔިތުންގެ މަޖިލީހާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒުގެ އިތުރުން ސެނަހިޔަ އެވެ.
ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިދެމުން ދަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެވެ.
ރޯދަ މަހު މާލެ ސަރަހައްދުގައި ކޯވިޑް-19 ވެކްސިން ދެމުން ދަނީ ރޭގަނޑު 9:00 ން 11:45 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް