ރަމަޟާން މަހުގެ ފުރަތަމަ ހަފްތާ މިއަދަށް ނިމެންދާއިރު ބާޒާރުމަތިން ފެންނަ އެންމެ ތަފާތު އެއް ކަމަކީ މަޝްހޫރު ކަނޑޫދޫ މިރުހުގެ މައްޗަށް ލާމު މިރުސް ގަދަ ކުރާ މަންޒަރެވެ.
ކަނޑޫދޫ މިރުހުގެ އަގު ވެއްޓެމުންދާއިރު ފެންނަމުން މިދަނީ ލާމު މިރުހުގެ އަގު އުފުލޭ މަންޒަރެވެ.
މިއަދަށް ބަލާލާއިރުވެސް ކަނޑޫދޫ މިރުސް ކިލޯއެއް ބައެއް ގޮޅިތަކުން 75 ރުފިޔާއަށް އެބަ ވިއްކައެވެ. ނަމަވެސް ލާމު މިރުސް އުޅެނީ ކިލޯއެއް 250 ރުފިޔާ، 200 އަށެވެ.
ކޮންމެއަކަސް ކުރިން މާ ވަރަކަށް އަޑު ނީވުނު ލާމު މިރުހެއް ކަނޑޫދޫ މިރުސް މައްޗަށް ގަދަ މިކުރީ ކިހިނެއްތޯ ބަލައިލުމަށް ބައެއް ގޮޅިވެރިންނާ ވާހަކަ ދައްކާލީމެވެ. އެ ފަރާތްތަކުން ފާހަގަކުރީ ކަނޑޫދޫ މިރުހުގެ މުޑުވައް ހިފައިގެން ބައެއް ދަނޑުވެރިން ލާމު ގަމަށް ގޮސްފައިވާކަމަށެވެ. ބައެއް ދަނޑުވެރިން އާއިލާއާއެކު ހިޖުރަ ކުރީ ކަމަށްވެސް ބުނެއެވެ.
ގޮޅިއެއްގައި ހުރި ކަނޑޫދޫ ރައްޔިތަކު ބުނީ އެގޮތުން މިހާރުވެސް 14 ވަރަކަށް ދަނޑުވެރިން ލާމު ގަމަށް ގޮސް މިރުސް ހައްދަމުން އަންނަ ކަމަށެވެ. ލާމު ގަމުން ވާހަކަ ދެއްކި ބައެއް ދަނޑުވެރިންވެސް އެކަން ޔަގީންކޮށްދިނެވެ.
ތުންތުން މަތިން ބުނާގޮތުގައި ކަނޑޫދޫ ދަނޑުވެރިން މުޑުވަކާއެކު ލާމު ގަމަށް މި ދަތުރުކުރަނީ ގަމުގައި ބިންބޮޑުވެފައި ދަނޑުވެރިކަމަށް ބިންގަނޑު ފައްކާ ވީމައެވެ. އަދި ކަނޑޫދޫ ބިމުގައި އެ މުޑުވައް ހައްދާ ހައްދާ މިރުހުގެ ކޮލިޓީ މަޑުމަޑުން ވެއްޓޭކަމަށްވެސް ތުން ތުން މަތިން ބުނެއެވެ.
ކޮންމެއަކަސް މި އަހަރު ލާމު މިރުސް ގަދަކުރާއިރު އޭގެ ބޮޑު ބައެއް ހިއްސާ މި ކުރަނީ އޮށާއެކު ލާމަށް ދިޔަ ކަނޑޫދޫ ދަނޑުވެރިންކަން ފާހަގަކޮށްލަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް