"ރޭޑިއޯ" އެންޑްރޮއިޑް އެޕްލިކޭޝަން އާ އަދާހަމަ ތަކަކާއެކު ރީލޯންޗް ކޮށްފި

ދިވެހިން ތެރޭގައި މަގުބޫލު ރޭޑިޔޯ ވާހަކަތަކާއި، ޕްރޮގްރާމްތައް އޮންލައިންކޮށް އަޑުއަހާލެވޭގޮތަށް ތައްޔާރުކޮށްފައިވާ "ރޭޑިއޯ" އެންޑްރޮއިޑް އެޕްލިކޭޝަން އާ އަދާހަމަ ތަކަކާއެކު ރީލޯންޗް ކޮށްފިއެވެ. މި އެ...

19 Apr 2021 | 06:34

ދިވެހިން ތެރޭގައި މަގުބޫލު ރޭޑިޔޯ ވާހަކަތަކާއި، ޕްރޮގްރާމްތައް އޮންލައިންކޮށް އަޑުއަހާލެވޭގޮތަށް ތައްޔާރުކޮށްފައިވާ "ރޭޑިއޯ" އެންޑްރޮއިޑް އެޕްލިކޭޝަން އާ އަދާހަމަ ތަކަކާއެކު ރީލޯންޗް ކޮށްފިއެވެ.

މި އެޕްލިކޭޝަން އެންމެ ފުރަތަމަ ލޯންޗުކޮށްފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި ދިޔަ އަހަރު ޖުލައި މަހު ލޯންޗުކުރި މި އެޕްލިކޭޝަނަށް ލިބުނު ބޮޑު ތަރުޚީބާއެކު "ރޭޑިއޯ"ގެ ޓީމުން މިވަނީ އެޕްލިކޭޝަން އިތުރަށް ހަރަދުނާކޮށް، އިތުރު ކޮންޓެންޓްތަކާއެކު މި ރަމަޟާން މަހު އާންމުނަށް އަނެއްކާ ވެސް ދޫކޮށްލާފައެވެ.

މިއެޕާއި ގުޅޭގޮތުން "ދުވަސް" އަށް މައުލޫމާތު ދެމުން "ރޭޑިއޯ"ގެ ސީއީއޯ އަޙްމަދު އަނަސް ބުނީ މާމަމެންވެސް ބޭނުންވަނީ އަހަރެމެން ފޯނުން އެއްޗެހި އަޑު އަހާ ގޮތަށް، ސިޔަރަތާއި އެއްޗެހި އަޑު އަހަން ކަމަށާއި އެކަމަކު މާމައަށް/ކާފައަށް އެއެއްޗެހި އަމިއްލައަށް ހޯދައިގެން އަޑު އަހަން ނޭނގޭ ކަމަށެވެ.

"އެއީ މީގެ ތިން އަހަރު ކުރި. 2018 ވަނަ އަހަރުގެ ކުރީކޮޅު. ތަފާތު މޮޅު ކަމެއް ކުރާނަމޭ ހިތައި "ދިވެހި ސިޔަރަތު" އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތް ފެށީ. އެޕްލިކޭޝަނުގެ އިންޖީނުގަނޑުގެ ބޮޑުބައެއް ނިމުނުފަހުން، ދިވެހި ދިވެހިބަހުގެ އެކެޑަމީން، އެ އެކެޑަމީއާއި ގުޅިގެން އެޕްލިކޭޝަން ހަދަން އެދުނީ. އެ އެދުމުގެ މަތިން، އެކެޑަމީގެ ލޯގޯ ޖަހައި މުޅި އެޕްލިކޭޝަންގެ 90 އިންސައްތަ މަސައްކަތް ނިމުނު. އޭގެ ފަހުން އެ އެކެޑަމީން މާ ބޮޑު އެއްބާރުލުމެއް ނުލިބި، އެމަސައްކަތް އެހިސާބުން ހުއްޓުނީ. އޭގެ ދެ އަހަރު ފަހުން މިދިޔަ އަހަރު، "ސިޔަރަތު އެޕްލިކޭޝަން" ހެދުމަށް ދެކެވުނު ހުވަފެނުގައި މިވަނީ ހަގީގީ ކުލަޖެއްސިފަ. އޭރު "ކުޑަ ފޮތެއްގައި" ލިޔެ ރައްކާކޮށްފައިވާ "ސިޔަރަތު މެގަ ޕްލޭން" އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، "ރޭޑިއޯ" އެންޑްރޮއިޑް އެޕްލިކޭޝަން ލޯންޗުކުރެވުނީ" އަނަސް ބުނެފައިވެއެވެ.

"ދުވަސް" އަށް މަޢުލޫމާތު ދެއްވަމުން "ރޭޑިއޯ"ގެ ސީއޯއޯ ޝަފްނާ ޝަރީފް ބުނީ، މިއަހަރު މިއައި އަޕްޑޭޓުގައި "ރޭޑިއޯ އޮރިޖިނަލްސް"ގެ ނަން ދެވިފައިވާ ސެގްމެންޓްއެއް ހިމަނާފައިވާނެ ކަމަށެވެ. އަދި މި ސެގްމެންޓަގައި ހިމެނޭނީ ރޯޑިއޯގެ އަމިއްލަ އުފެއްދުންތައް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"މިއަހަރު އެންމެ ތަފާތު ކަމަށް މިއޮތީ "ރޭޑިއޯ އޮރިޖިނަލްސް". މި ސެގްމެންޓުގަ މި ގެނެސްދެނީ އަހަރެމެންގެ އަމިއްލަ އުފެއްދުންތައް. އޭގެ ތެރެގަ އުޅޭނެ ދީނީ ކޮންޓެންޓުތަކާ، ކުރު ވާހަކައާ ޕޮޑްކާސްޓް ވެސް." ރޭޑީއޯގެ ސީއޯއީ ޝަފްނާ ޝަރީފް ބުންޏެވެ.

ޝަފްނާ އިތުރަށް ބުނީ މި އަޕްޑޭޓުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގުރުއާނުގެ ސޫރަތްތަކެއް އަންހެން އަޑަކުން ރެކޯޑްކޮށް މި އެޕްލިކެޝަންގައި ހިމަނާފައި ވާނޭ ކަމަށެވެ.

"ސޫރަތުލް ޟުހާ އިން ފެށިގެން ނާސި ސޫރަތާ ހަމައަށް ރިކޯޑިންގ ހަދާފަ ވާނީ މިހާތަނަށް... މުޅި އަންމާ ފޮތް އެއްކޮށް ރިކޯޑް ކުރުމުގެ މަސައްކަތް މިހާރު އެބަ ކުރިޔަށްދޭ. ރިކޯޑިންގ ގަ ކިޔަވަނީ އުމުރުން 20 އަހަރުގެ ދިވެހި އަންހެން ކުއްޖެއް..." ޝަފްނާ ބުންޏެވެ.

ޝަފްނާ އިތުރަށް ބުނީ "ރޭޑިއޯ"ގެ ޓީމުން އައީ މި ރަމަޟާންމަހުގެ 1 ވަނަ ދުވަހު ބަދަލުތަކާއެކު އެޕްލިކޭޝަން އަލުން ލޯންޗް ކުރުމަށް ތައްޔާރުވަމުން ކަމަށެވެ. އެހެން ނަމަވެސް ދިމާވި ބައެއް ސަބަބުތަކާހުރެ އެކަން ނުކުރެވުނީ ކަމަށެވެ. އަދި އިތުރު ކޮންޓެންޓުތައް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޝަފްނާ ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް