ޤާނޫނު ބަދަލުނުކޮށް ބަރުލަމާނީއަށް ބަދަލުކުރަން ފަސޭހަވާނެތަ؟

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ކުރީގެ ރައީސް އަދި ވެރިކަން ކުރާ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާ ވާހަކައަކީ ކޯލިޝަންގ...

19 Apr 2021 | 06:13

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ކުރީގެ ރައީސް އަދި ވެރިކަން ކުރާ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާ ވާހަކައަކީ ކޯލިޝަންގެ މި ވެރިކަން އައި ހިސާބުން ފެށިގެން ވެސް އެކި ރާގުރާގަށް ދެކެވެމުން އައި ވާހަކައެވެ. އޭރު އެ ވާހަކަ ދެކެވެމުން ދިޔައި މާ އަޑު ހަރުކޮށް ނޫނެވެ. އެކަމަކު ރޭގެ ވަގުތެއްގައި ރާއްޖޭގެ ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލީހަށް ރައީސް ނަޝީދު ފޮނުއްވެވި މެސެޖާއެކު މުޅި ރަށު ތެރޭގައި މި ވާހަކައިގެ އަޑު ގަދަވެއްޖެއެވެ. ފަތުއަޑު ކިޔާފައި ރަށު ތެރޭގައި ފެތުރުނު މި ވާހަކައާއެކު "ރިޔާސީ - ބަރުލަމާނީ" ބަހުސް މި ވަނީ މީސްމީީޑިޔާގައި ވެސް ފެށިފައެވެ.

މި ވަގުތު ރާއްޖޭގައި މި އޮތް ވެރިކަން ހިންގާ ނިޒާމް (ރިޔާސީ ނިޒާމް) ބަަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް އެއް ބަޔަކު ތާއީދުކުރަމުން ދާއިރު އެ ނިޒާމްގެ ފައިދާތައް އެ މީހުން ދަނީ ހިއްސާކުރަމުންނެވެ. އަނެއް ބަޔަކު ދަނީ ގެއްލުންތައް ބުނެދީ އެކަމާ ދެކޮޅު ހަދަމުންނެވެ.

ބަރުލަމާނީ ނިޒާމަކީ ކޮބާ؟

ބަރުލަމާނީ ނިޒާމަކީ، އެ ނިޒާމްގައި ސަރުކާރު ހިންގާ އެންމެ އިސްފަރާތް ކަމަށްވާ ބޮޑުވަޒީރާއި ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ޕާޓީ އެކުވެ މަސްހުނިވެގެން އެކުލަވާލާ ވެރިކަމުގެ ނިޒާމަކައް ކިޔާ ނަމެކެވެ. ރިޔާސީ ނިޒާމެކޭ އެއް ގޮތަށް، ބަރުލަމާނީ ނިޒާމުގައި ވެސް ދައުލަތް ތަމްސީލު ކުރާ ފަރާތެއްގެ ގޮތުގައި ރައީސަކު ނުވަތަ ރަސްކަލަކު ހުރެއެވެ. ތަފާތަކީ މި މަގާމަކީ ބަރުލަމާނީ ނިޒާމެއްގައި މުޅިން ރަމްޒީ މަގާމެކެވެ. އެއީ ސިޔާށީ ނުފޫޒެއް އަދި ބާރެއް ހިންގޭނެ ފަރާތެއް ނޫނެވެ. ބަރުލަމާނީ ނިޒާމުގައި ސަރުކާރުގެ ހުރިހާކަމެއް ހިންގާނީ ދައުލަތުގެ ވެރިޔާ (ރައީސް ނުވަތަ ރަސްގެފާނު) ދެއްވާފައިވާ ބާރުތަކުގެ ތެރެއިން ބޮޑުވަޒީރެވެ.

މިސާލެއްގެ ގޮތުން ދަންނަވާނަމެވެ. ދުނިޔޭގައި އެންމެ ފުރިހަަމައަށް ބަރުލަމާނީ ނިޒާމެއް އޮންނަ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ އިނގިރޭސި ވިލާތުގައި އިންތިހާބުގައި ކާމިޔާބު ހޯދާ ޕާޓީގެ ލީޑަރު އެއީ ބޮޑުވަޒީ ރުކަމުގައި ހަމަޖައްސައި އެ ގައުމުގެ ރާނީ އަތުގައި ނަމެއްގެ ގޮތުގައި އޮތް ބާރުތައް ބޮޑުވަޒީރަށް ދެއްވައި ބޮޑުވަޒީރަކީ އެކަމަނާގެ އެންމެ އިސް ވަޒީރުކަމުގައި ހަމަޖައްސައެވެ. އަދި އެބޭފުޅާއަށް ވަކި މުއްދަތެއް ތެރޭ ޕާޓީ ކެބިނެޓް އެކުލަވާލުމަށް ރާނީ މުހުލަތެއް ދެއްވާނެއެވެ. އަދި މި މުއްދަތުގެ ތެރެއަށް ބޮޑުވަޒީރު އޭނާގެ ކެބިނެޓުގައި ހިމެނިވަޑައިންނަވާ ބޭފުޅުންގެ ނަންތައް ރާނީއަށް އަރުވާނެއެވެ. އެނަންތައް އެރުވުމުން އެއްވެސް ޝަކުވާއެއްނެތި އެނަންތައް ގަބޫލުކުރައްވާނެއެވެ. އެއީ ރާނީގެ ވަޒީރުން ކަމުގައި ހަމަޖެހިގެންދާނެއެވެ.

ރިޔާސީ ނިޒާމަކީ ކޮބާ؟

ރިޔާސީ ނިޒާމަކީ އެ ނިޒާމެއްގައި ރައްޔިތުން އިންތިހާބްކުރާ (ސީދާ ގޮތުން ވިޔަސް އަދި ނުސީދާ ގޮތުން ވިޔަސް) ރައީސަކު ދައުލަތުގެ ވެރިއެއްގެ ހައިސިއްޔަތުން، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭ ވެރިކަމުގެ އެންމެހައި ބާރުތައް މިލްކުރައްވައިގެން ހިންގަވާ ވެރިކަމުގެ ނިޒާމެކެވެ. ދިވެހިރާއްޖޭގައި މި ވަގުތޮ އޮތީ މި ނިޒާމެވެ. ފުރިހަމަ ރިޔާސީ ނިޒާމެއްގެ އަސްލު ބިނާވެފައި އޮންނާނީ މަޝްހޫރު ފިލޯސަފަރ މޮންޓެސްކޫގެ ތިންބާރު ވަކިކުރާ ނަޒަރިއްޔާ (ސެޕަރޭޝަން އޮފް ޕަވަރސް)ގެ މައްޗަށް ބިނާވެފައެވެ. ބަރުލަމާނީ ނިޒާމުގައި ވާ ގޮތަށް ދައުލަތުގެ އެންމެ އިސްވެރިޔާ އާއި އެ ބޭފުޅާގެ ވަޒީރުން ހުރިހާ ކަމެއްގައި ޤާނޫނު ހަދާ މަޖިލީހަށް ކިޔަމަންވެ ބަރޯސާވާކަށް ނުޖެހެއެވެ.

މި ނިޒާމުގައި ޤައުމުގެ ވެރިކަމުގައި ކަނޑައެޅިފައިވާ ވަކިމުއްދަތެއް ހަމަވަންދެން، ފުރިހަމަ ބާރާއެކު ދައުލަތުގެ އަދި ސަރުކާރުގެ އިސްވެރިއެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވާނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސްއެވެ. މިނިޒާމުގައި ރައީސަށް އޭނައަށް ލިބިފައިވާ ބާރުތަކުގެ މަތިން އޭނާގެ ވަޒީރުން އެއް މަގާމުން އަނެއް މަގާމަށް ބަދަލުކުރުމާއި އަދި ވަޒީރުން ވަޒީރުކަމަށް އައްޔަން ކުރުމާއި ވަޒީރުން ވަޒީރުކަމުން ވަކިކުރުން ހިމެނެއެވެ. އަދި ޤައުމީ ސިޔާސަތު އެކުލަވާލުމާއި ހަނގުރާމަ އިއުލާން ކުރުމާއި ޤައުމުގައި ކުއްލިހާލަތު އިޢުލާންކުރުމާއި އަދި ޤާނޫނާއި ގަވާއިދު ހިފަހައްޓަން ކުރަންޖެހޭ ހުރިހާކަމެއް ކުރުމުގެ ފުރިހަމަ ބާރު އޮންނާނީ ރައީސްގެ އަތްމަތީގައެވެ.

މިނިޒާމުގައި ރައީސާއި ވަޒީރުން ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ ގޮތުގައެއް ނުތިއްބެވޭނެއެވެ. މިގޮތުން ރައީސް ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކަށް ވަޒީރުކަން ދެއްވައިފި ނަމަ އެބޭފުޅަކު ޖެހިވަޑައިގަންނަވާނީ ޤާނޫނުހަދާ މަޖިލީހުގެ ގޮނޑި ދޫކޮށްލައްވާށެވެ. މިސަބަބާހުރެ ރައީސް އާއި އޭނާގެ ވަޒީރުން ޤާނޫނުހަދާ މަޖިލީހުގައި ހިނގާ ބަހުސްތަކުގައި ބައިވެރިއެއް ނުވާނެއެވެ. އަދި ނުވެސް ވެވޭނެއެވެ. ނަމަވެސް ބައެއްކަހަލަ މުހިއްމު މައްސަލަތަކުގައި ރައީސް ޤާނޫނު ހަދާމަޖިލީހުގައި ތަގުރީރު ކުރައްވައެވެ. އަދި ހަމައެހެންމެ އަނެއްބައި ފަހަރުތަކުގައި ރައީސް ޤާނޫނު ހަދާ މަޖިލީހަށް ހާޒިރުނުވެ އެމައްސަލައަކާއި ގުޅޭ "ބަޔާނެއް" ނުވަތަ 'ލިޔުމެއް" ވެސް ހުށަހަޅާފާނެއެވެ. މިގޮތަށް ރައީސް ފޮނުއްވަވާ "ބަޔާންތައް" ބަލައިގަތުމާއި ނުގަތުން ބިނާވެފައި އޮންނާނީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އަތްމަތީގައެވެ.

ބައެއް ހާލަތުތަކުގައި ވަޒީރުން ވެސް ޤާނޫނު ހަދާ މަޖިލީހުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. ނަމަވެސް މިއިން އެއްވެސް ވަޒީރަކަށް ޤާނޫނު ހަދާ މަޖިލީހުގައި ވޯޓު ދިނުމުގެ ހައްގެއް ނޯންނާނެއެވެ. އަހަރީ ބަޖެޓް ކަނޑައަޅައި ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާނީ ސީދާ ރައީސްއެވެ. ނަމަވެސް ޤާނޫނު ހަދާ މަޖިލީހަށް ފެންނަ ހިދެއްގައި އެއިން ބައިބައި އުނިކުރުމުގެ އިހްތިޔާރު އޮވެއެވެ. ހަމަ މިގޮތަށް ޤާނޫނު ހަދާ މަޖިލީހުން ފާސްކުރާ ބިލާ ދެކޮޅަށް ވީޓޯ ކުރުމުގެ ބާރު ރައީސަށް އޮވެއެވެ. މިގޮތުން ރައީސް ޤާނޫނު ހަދާ މަޖިލީހުން ފާސްކުރާ ބިލަކާ ދެކޮޅަށް ވީޓޯގެ ބާރު ބޭނުން ކުރައްވައިފިއްޔާ އަލުން އެބިލެއް އަނބުރާ ގެންގޮސް އިސްލާހު ކުރުމަށްފަހު ޤާނޫނު ހަދާ މަޖިލީހުގެ ހާއްސަ އަޣުލަބިއްޔަތަކުން ފާސްކުރެވިދާނެއެވެ.

ރައްޔިތުންގެ މަޖިލީހަށް ނުވަތަަ ރައީސަށް ނިޒާމް ބަދަލުކުރުމުގެ ބާރު އޮވޭތަ؟

ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ކަނޑައަޅާފައި ވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ވެރިކަމެއްތޯ ބެލުމަށް ރައްޔިތުންގެ މެދުގައި ނެގި ފެންނަން ނުފެންނަ ވޯޓަކުންނެވެ. ދިވެހިރާއްޖޭގެ ޤާނޫނު މި ވަގުތު އޮތް ގޮތުން ނަމަ އެ ނޫން ގޮތަކަށް ނިޒާމް ބަދަލުކުރެވޭކަށް ނެތެވެ. ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ގޮތް ބަދަލުކުރާ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޤާނޫނު އަސާސީގެ 262 ވަނަ މާއްދާގެ "ށ" ލާޒިމުކުރެއެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް ނުވަތަަ ރައީސަށް ނިޒާމް ބަދަލުކުރުމުގެ ބާރު އަދި ނޯވެއެވެ. އެކަމަކު ޤާނޫނު ބަދަލުކޮށްގެން މިހާރު ވެސް އެ ބާރު ހޯދިދާނެއެވެ.

ނަޝީދު ވިދާޅުވަނީ ރިޔާސީ ނިޒާމަކީ ރައްޔިތުން ބޭނުންވި ނިޒާމް ނޫން ކަމަށް!

ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ވެރިކަމެއްތޯ ބެލުމަށް ނެގި ފެންނަން ނުފެންނަ ވޯޓު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އޮޅުވާލެއްވި ކަމަށް ރައްޔިރުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރެއެވެ. މައުމޫންގެ ވެރިކަން ބަދަލުކުރެއްވި މޭސްތިރިކަމުގައި ގިނަ ބަޔަކު ގަބޫލު ކުރައްވާ ރައީސް ނަޝީދު މިހެން ވިދާޅުވީ ދިވެހި ރާއްޖޭގެ ސިޔާސީ އިޖްތިމާޢީ އިޤްތިޞާދީ ޙާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަން ކަށަވަރު ކަމަށް ރައީސް މައުމޫން ވިދާޅުވެފައި ވަނިކޮށެވެ. 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަޣްލަބިއްތަކުން ނިންމަވާފައި ވަނީ ވެސް ހަމަ އެހެން ކަމަށް ރައީސް މައުމޫން ވިދާޅުވެއެވެ. އެކަމަކު ނަޝީދު ވިދާޅުވަނީ ރިޔާސީ ނިޒާމަކީ ރައްޔިތުން ބޭނުންވި ނިޒާމް ނޫން ކަމަށެވެ.

ނިޒާމް ބަދަލުކުރާނެ ގޮތާއި މެދުގައި ރައީސް ނަޝީދުގެ ވިސްނުންފުޅަކީ ކޮބާ؟

2020 ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އަބަދުވެސް ތާއީދު ކުރަނީ ބަރުލަމާނީ ނިޒާމަށް ކަމަށާއި، ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ވެސް ބަރުލަމާނީ ނިޒާމް ކަމަށެވެ. ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމް ގެނައުމުގެ މަޝްވަރާތައް ކޮންމެ ރެއަކު ވެސް ކޮންމެ މެންދުރަކު ވެސް ކުރިއަށްދާ ކަމަށެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުން ގެނެސްދޭ 'އާސްކް ސްޕީކަރ' ޕްރޮގުރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނާނީ ދިވެހި ރައްޔިތުން ކަމަށެވެ. އަދި އެ ނިޒާމް ގެނައުމަށް މަސައްކަތް ކުރުމަކީ ވަކި ބަޔަކު ބޭނުން ވެގެން ކުރާ ބާވަތުގެ ކަމެއް ނޫން ކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެ މަސައްކަތް ކުރައްވާނީ ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީގެ ހުރިހާ މެމްބަރުން އެކަން ކުރަން ބޭނުންވާ ކަމުގައި ވާނަމަ ކަމަށެވެ.

ނިޒާމް ބަދަލުކުރަން ރައީސް ޞާލިޙްގެ ޝައުގެއް ނެތް؟

ރައީސްގެ ވިސްނުން ހުރީ ވައުދު ފުއްދުމަށެވެ. ފާއިތުވި 2020 ވަނަ އަަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަރުލަމާނީ ނިޒާމް ގެނައުމާއި ބެހޭ ގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން ރައީސް ސާލިޙް ވިދާޅުވީ،  ބަރުލަމާނީ ނިޒާމްގެ ވާހަކަ ދެއްކުމަކީ އެއީ އެއްވެސް ގޮތަކަށް އެމަނިކުފާނު ކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އަދި މި ސަރުކާރަކީ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެގެން އައި ސަރުކާރެއް ކަމަށް ވިދާޅުވެ ރައީސް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ. އަދި ވިދާޅުވީ، ހުރިހާ ވަގުތެއް ހުސްކުރަން ބޭނުންފުޅުވެ ވަޑައިގަންނަވަނީ ވައުދުތައް ފުއްދުމުގައި ކަމަށެވެ. އައު ގާނޫނު އަސާސީ އެކުލަވާލިއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި ރައީސް ޞާލީހް ވިދާޅުވީ، ގާނޫނު އަސާސީ އެކުލަވާލިއިރުގައި ނިޒާމްގެ ވާހަކައަކީ ރައްޔިތުން ކައިރިއަށް ގޮސް ރައްޔިތުންގެ އަޑު އަހައިގެން ނިންމާފައި އޮތް ނިންމުމެއް ކަމަށާއި، ބަރުލަމާނީ ނިޒާމެއް ގެނައުމާއި މެދުވެސް ގޮތެއް ނިންމާނީ ރައްޔިތުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް