ކުރުވާހަކަ: ލޯބިވެވުން އެއީ ކުށަކަށްވާނަމަ......

ލިޔުނީ: ސަމާ އިސްމާޢީލް ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހުނު ވަރަކަށް ހީވަނީ ގިނަވާހެންނެވެ. ނަމަވެސް މިއީ އަހަރެންގެ އެންމެ ފަހު ނިންމުމެވެ. ދެން މި ނިންމުން ބަދަލެއް ނުވާނެއެވެ. ހިތަށް އެތައް އެއ...

19 Apr 2021 | 05:01

ލިޔުނީ: ސަމާ އިސްމާޢީލް

ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހުނު ވަރަކަށް ހީވަނީ ގިނަވާހެންނެވެ. ނަމަވެސް މިއީ އަހަރެންގެ އެންމެ ފަހު ނިންމުމެވެ. ދެން މި ނިންމުން ބަދަލެއް ނުވާނެއެވެ. ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުންދިޔަ ނަމަވެސް ހިތްވަރުކޮށްފައި ފޮށްޓަށް އެއްޗެހި އަޅަމުން ދިޔައީމެވެ. އޭރު ގަޑިން މެންދަމު ބާރަގަޑި ފަނަރައެވެ. އެއްގަޑި ބައިގައި ޗެކިން ފެށެއެވެ. އެހެންކަމުން ވަރަށް އަތްމަތި އަވަސްކޮށްލާފައި އަހަރެން ފޮށްޓަށް ހުރިހާ އެއްޗެއް އަޅާ ނިންމާލީމެވެ. އަދި ކޮޓަރި ތެރެއަށް އަވަސް ނަޒަރެއް ހިންގާލީމެވެ. އޭރުވެސް ހިތުގައި ގަދައަށް ވޭން އަޅަމުން ދިޔައެވެ. އެކޮޓަރި ތެރޭގައި ހުރި އެންމެ ކުދި އެއްޗެހިން ފެށިގެން އެންމެ ބޮޑެތި އެއްޗެއްސަކީ އަހަރެން ބޭނުންވި ގޮތަށް، އަހަންނަށް އެންމެ ކަމުދާ ކުލަކުލައިން ހޯދާފައި ހުރި އެއްޗެއްސެވެ. އެހެންނަމަވެސް މިއަދު އެހުރިހާ އެއްޗެއް ދޫކޮށްފައި އަހަރެން މިދަނީ ހިތުގެ އެއްބައި އެތަނުގައި ކަފުންކޮށް ވަޅުލާފައެވެ.

ކޮޓަރިން ނުކުމެ އަހަރެން ދޮރު ޖެހީ ވަރަށް މަޑުމަޑުންނެވެ. ފަހަރެއްގާވެސް ގޭގައި މިވަގުތު އުޅޭ އެއްވެސް މީހަކަށް އަހަރެން ކުރަން މިއުޅޭ ކަންތައް އެނގޭކަށް ބޭނުމެއް ނޫނެވެ. އޭރު ސިޓިންގ ރޫމަށް ވެރިވެފައި އޮތް ފަނޑު އަލީގައިވެސް އެތަނުގައި ހުރި ކޮންމެ އެއްޗެއް ހުރި ތަން ވަކިކުރަން އަހަންނަށް އެނގެއެވެ. އެހާވެސް އެގެއަށް އަހަރެން ފަރިތައެވެ.

ބޭރަށް ނުކުތުމަށްޓަކައި އަހަންނަށް ކުރިއަށް އެޅުނީ ދެފިޔަވަޅެވެ. ކިތަންމެ ހިތް ހަރުކޮށްގެން ހުރިނަމަވެސް އެންމެ ފަހު ފަހަރަށް ކުޑަކުޑަ މިޝާގެ މޫނު ދެކިލާފައި ނޫނީ ދާކަށް ހިތް އެއްބަހެއް ނުވިއެވެ. އެހެންކަމުން ފޮށި ބަހައްޓާފައި މިޝާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީމެވެ. ކޮޓަރީގެ ދޮރު ހުޅުވާލިއިރު އެކުއްޖާފުޅު އޮތީ ދޮރާ ދިމާއަށް އެނބުރިގެންނެވެ. އެމައުސޫމު މޫނު އޮތީ ރީތިކޮށް ފެންނާށެވެ. ލޯބިލޯބި ދެލޯ މެރިފައި އޮތްއިރު ނިދާއިރު މިޝާ އަބަދުވެސް ކައިރީގައި ބާއްވާ ކުޑަ ބާލީސް ކަނާތްފަރާތުގައި އޮތެވެ. އެމޫނު ފެނިފައި އަހަރެންގެ ޢަޒުމަށް ކުޑަކޮށް ގުޑުންއަރާގޮތްވިއެވެ. ފިރުމާލާ ލޯބިން ބޮސްދޭން ހިތް އެދި ގޮވައިގަތެވެ. ނަމަވެސް އެވަގުތު އެތެރެއަށް އެންމެ ފިޔަވަޅެއްވެސް އަޅައިފިނަމަ ދެން އެނބުރި ނުނިކުމެވިދާނެކަމުގެ އިންޒާރު ސިކުނޑިން ދޭންފެށިއެވެ. އެހެންކަމުން އަމިއްލަ ނަފްސަށް ހިތްވަރުދިނުމުގެ ގޮތުން ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު މަޑުމަޑުން ދޮރު ލައްޕާލާފައި ފޮށްޓާ ދިމާއަށް ހިނގައިގަތީމެވެ. ދެން އެންމެ ފަހަރަކުވެސް ފަހަތަށް އެނބުރި ބަލައެއްނުލަމެވެ.

ކާރަށް އަރާ ހަމަޖެހިލެވުމާއެކު އަނެއްކާވެސް ލޮލުން ކަރުނަ ފައިބަން ފެށިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އަހަރެން އެގެއަށް އައީ ހާދަ ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. ޢުމުރުގެ ބާކީ ބައި އެގޭގައި ހޭދަކުރުމުގެ އުންމީދުގައެވެ. ނަމަވެސް މިއަދު އަހަރެން ނުކުމެގެން މިދަނީ ދެން އެނބުރި އެގެއަށް ނުދާން ޢަޒުމު ކަނޑައަޅައިގެންނެވެ. އެވަގުތު ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަކުގެ ތެރެއިން މާޒީގެ މަންޒަރުތައް ކުރިމަތިން ސިފަވާންފެށިއެވެ.

އެއީ މީގެ ތިން އަހަރު ކުރިއެވެ. އޭލެވެލް ނިންމުމަށްފަހު އަހަރެން އުޅުނީ ރަށު ސްކޫލްގައި ވަގުތީ ޓީޗަރެއްގެ ވަޒީފާގައެވެ. އެދުވަސްވަރަކީ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރެވެ. އެމަސައްކަތް ކުރުމަށްޓަކައި ރަށަށް އައިސް އުޅޭ ގްރޫޕް ތިބެނީ އަހަރެންގެ ބޮޑުބެގެ ގޭގައެވެ. އެގެޔަކީ އާންމުކޮށް ރަށަށް އެހެން އަންނަ މީހުންނަށް ކުއްޔަށްދޭ ގެޔެކެވެ.

މިފްޒާލަކީ ބަނދަރު ހަދަން އައިސް ތިބި ގްރޫޕްގެ ޕްރޮޖެކްޓް މެނޭޖަރެވެ. ފުރަތަމަ ފެނުނު ވަގުތުވެސް އަހަރެމެން ދެމީހުންނަށް އެކަކު އަނެކަކު ކަމުދިޔައެވެ. އަހަރެންގެ ހިތުގެ ލަގަން ދޫވެގެންދިޔައީ ނުވެސް އެނގި ހުއްޓައެވެ. ޢުމުރުން ފަންސަވީސް އަހަރުގެ މިފްޒާލްގެ ރޫފަޔާއި އެއްވަރުގެ ވަރުގަދަ ހަށިގަނޑާއި، ފަން އިސްތަށިގަނޑު އަދި ފިރިހެންވަންތަކަމުން ފުރިގެންވާ ބަރު އަޑުގެ ޖާދޫގައި ނުޖެހޭ އެންމެ ޒުވާން އަންހެން ކުއްޖަކު ވެސް އޭރު ރަށަކު ނެތެވެ. ނަމަވެސް މިފްޒާލްގެ ހޮވުމަކަށްވީ އަހަންނެވެ. އެކަމާ އަހަރެން ވަރަށް ފަޚުރުވެރިވީމެވެ.

ދެމީހުންކުރެ އެކަކުވެސް މާގިނަ ދުވަހު ރަށްޓެހިވެގެން އުޅޭކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން ބައްދަލުވިތާ ދެމަސްތެރޭގައި ކައިވެނިކުރީމެވެ. ރަށުގައި ކުޑަ ޙަފްލާއެއް ބޭއްވުމަށްފަހު ގާތް ތިމާގެ މީހުންނާއި ރަށްޓެހިންނަށް ސަޔެއް ދިނީމެވެ. އެއަށްފަހު ފޮނި ހުވަފެންތަކެއް ދެކެމުން އަހަރެން މިފްޒާލާއެކު މާލެ ބަދަލުވީ އުފާވެރި ދިރިއުޅުމެއް އުޅުމުގެ އުންމީދުގައެވެ.

މިފްޒާލަކީ މާލޭގެ ރަށްވެއްސެކެވެ. މިފްޒާލްގެ ބައްޕަގެ ގެ ހުންނަނީ ރަނގަޅު ފެންވަރަކަށް ހަދާފައެވެ. ދިހަ ބުރީގެ އުސް ޢިމާރާތުގެ އެންމެ މަތީ ދެބައި ފިޔަވައި އެހެން ބައިތައް ހުންނަނީ ކުއްޔަށް ދީފައެވެ. އެންމެ މަތީބައިގައި އުޅެނީ މިފްޒާލްއާއި އޭނާގެ ބޭބެ މިފްރާހެވެ. އޭގެ ތިރިއަށް ހުންނަ ބަޔަކީ އެދެމީހުންގެ ދައްތަ އަފްރާގެ ބަޔެވެ. އަފްރާއާއި އޭނާގެ ފިރިމީހާ، އެމީހުންގެ ހަ އަހަރުގެ ދަރިފުޅާއެކު ދިރިއުޅެމުންދަނީ މެލޭޝިޔާގައެވެ. ބައްޕަ ނިޔާވުމުން މިފްޒާލްގެ މަންމަވެސް ދިރިއުޅުން މެލޭޝިޔާއަށް ބަދަލުކުރިއެވެ. ޢާއިލާގެ އެންމެންވެސް އަހަރެން ބަލައިގަތީ ލޯތްބާއެކުގައެވެ. އެހެންކަމުން އަހަންނަކީ ދުނިޔޭގައި ހުރި އެންމެ ނަސީބު ގަދަ އަންހެންކުއްޖާކަމުގައި ޤަބޫލުކުރެވުނެވެ.

ގެއަށް އައި ފުރަތަމަ ދުވަހު އަހަންނާ ބައްދަލުވި ހަތަރު އަހަރުގެ ކުޑަކުޑަ މިޝާ ވެގެން ދިޔައީ އަހަރެންގެ އެންމެ ގާތް ރަޙުމަތްތެރިޔާކަމުގައެވެ. މިޝާއަކީ މިފްޒާލްގެ ބޭބެ މިފްރާހުގެ ދަރިފުޅެވެ. މިޝާ ވިހެއުމަށްފަހު ލޭ މަނާ ނުވެގެން މިފްރާހުގެ އަންހެނުން މިދުނިޔެ ދޫކުރި ފަހުން އޭނާ އިތުރު ކައިވެންޏެއް ނުކުރެއެވެ. މަންމަ އެތައް އާދޭހެއް ކުރުމުންވެސް މިޝާ މެލޭޝިޔާއަށް ފޮނުވާކަށް މިފްރާހު އެއްގޮތަކަށްވެސް އެއްބަހެއް ނުވިއެވެ.

ބޭރުފުށުގެ ސިފަތައް ކިތަންމެ އެއްގޮތް ނަމަވެސް މިފްޒާލާ މިފްރާހުގެ މިޒާޖު އުޑާއި ބިމާހާ ތަފާތެވެ. މިފްޒާލާ ޚިލާފަށް މިފްރާހަކީ މަޑުމައިތިރި މިޒާޖެއްގެ ބަސް މަދު މީހެކެވެ. ކޮންމެހެން ބުނަންވާ އެއްޗެއް ނޫނީ އޭނާގެ ދުލަކުން ބޭރެއް ނުވެއެވެ. އެއީ އަހަރެން ވަރަށް ފޫހިވާ މިޒާޖެކެވެ. އެމީހުންގެ ބައްޕަ ދުނިޔޭގައި ކޮޅަށް ޖަހާފައި ހުރި ވިޔަފާރި ހިންގުމާ ޙަވާލުވީ މިފްރާހެވެ. މިފްޒާލަކީ އަބަދުވެސް އަމިއްލަ ގޮތްގަނޑެއް ގެންގުޅޭ މީހެކެވެ. ޕްރޮޖެކްޓް މެނޭޖްމެންޓްގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށްފަހު ޢާއިލީ ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުން ނުވާތީ މިފްޒާލް ގުޅުނީ ކޮންސްޓްރަކްޝަންސް މަސައްކަތްކުރާ ކުންފުންޏަކާއެވެ. އެއްތާކު އިށީނދެ އިނދެގެން ކުރާ މަސައްކަތްތައް އޭނާއަށް ކަމުނުދާތީއާވެސް އެކުގައެވެ.

ކައިވެންޏަށްފަހު ދެހަފްތާގެ ޗުއްޓީއެއް ނަގައިގެން އަހަރެންނާއެކު މިފްޒާލް އުފާވެރި ވަގުތުކޮޅެއް ހޭދަކުރިއެވެ. މާމުއި ހަނދުގެ ދުވަސްތައް ރިސޯޓެއްގައި ހޭދަކޮށްލުމަށްފަހު އެނބުރި އައި ދުވަސް ނޫން އަނެއް ދުވަހު މިފްޒާލް އަނެއްކާވެސް މަސައްކަތަށް ނުކުންނަންފެށިއެވެ. ދިރިއުޅުމުގެ ހިތި ޙަޤީޤަތާ އަހަންނަށް ކުރިމަތިލާންޖެހުނީ އެހާހިސާބުންނެވެ. ވަޒީފާގެ ގޮތުން ގިނަ ފަހަރު މިފްޒާލް އުޅެންޖެހެނީ ރަށުން ބޭރުގައެވެ. ބައެއް ފަހަރު ދެ މަހެވެ. އަނެއްބައި ފަހަރު ފަސް ހަ މަހަށްވެސް ދިގު ދެމިގެންދެޔެވެ.

ގޭގައި ކޮންމެ ކަމަކަށް ނޯކަރުން ތިބެއެވެ. އަހަރެން ވަޒީފާއަކަށް ދާކަށް މިފްޒާލް އެއްގޮތަކަށްވެސް އެއްބަހެއްނުވިއެވެ. އެހެންކަމުން އަހަރެން ކުރާނެ އެއްވެސް ކަމެއް ނޯވެއެވެ. އަބަދު ފޫހިވެފައި ހުންނަންޖެހޭތީ އެކަމަށް ޙައްލެއް ހޯދުމުގެ ނިޔަތުގައި މިފްޒާލްގެ އެހީގައި މިފްރާހު ގާތުގައި އެދިގެން އަހަރެން މިޝާގެ ހުރިހާ ކަމަކާ ޙަވާލުވީމެވެ.

މިފްރާހުވެސް ގިނަ ވަގުތު އުޅެނީ އޮފީހުގައެވެ. މިޝާ ސްކޫލަށް ދިއުމުން ނުވަތަ ނިދުމުން އަހަރެން ވާހަކަ ދައްކާލާނެ އެކަކުވެސް ނުހުރެއެވެ. ގޭގައި އުޅޭ ވަގުތުތަކުގައިވެސް މިފްރާހު ވާހަކަ ނުދައްކާތީ އަހަންނަށް އިސްވެ އޭނާއާ ވާހަކަ ދައްކާކަށް ނުކެރެއެވެ. އެކަމުގެ ސަބަބުން އަހަރެންގެ ހަލަބޮލި މިޒާޖަށް ވަރަށް ބޮޑަށް ބަދަލު އަންނަންފެށިއެވެ. އެކަނިވެރިކަން އިޙުސާސްވާންފެށީ އިންތިހާއަށެވެ. ބައެއް ވަގުތުތަކުގައި ރޮވެންވެސް ފެށިއެވެ.

ވިއްސާރަ ދުވަހެކެވެ. މިޝާގެ ސްކޫލް ގަޑިކަމުން އަހަރެން އިނީ ކުރާނެ ކަމެއް ނެތިފައެވެ. ގޭގެ ޓެރެސްގައި ހުރި އުނދޯލީގައި އަހަރެން އިނީ ކޮފީއެއް ބޯށެވެ. އެހެން އިންދާ ވީނުވީއެއް ނޭނގި ލޮލަށް ކަރުނަ ޖަމާވާންފެށިއެވެ. އެގޮތުގައި ހަމަހިމޭންކަމާއެކު ކަރުނަ އޮހޮރަން އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައީ ބާރު ގުގުރިއެއްގެ އަޑުއިވިގެންނެވެ. އޭރު ވިދަންވެސް ފަށައިފިއެވެ. ބިރުވެރިކަން ހިތަށް ވަނުމުން އަވަހަށް އެތަނުން ދާންވެގެން ތެދުވި ވަގުތު ދެން ފެނުނު މަންޒަރަކުން މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އަހަންނާ ދިމާއަށް ބަލަހައްޓައިގެން ޓެރެސްއަށް ވަންނަ ދޮރުމަތީގައި އެހުރީ މިފްރާހެވެ. އޭނާ އެތާ ހުންނަތާ ވީ އިރެއްވެސް ނޭނގެއެވެ. އަހަރެން ރުއި މަންޒަރު އޭނާއަށް ފެނުނުކަމެއް ނުވަތަ ނުފެންނަކަމެއްވެސް ނޭނގެއެވެ. އެކަމާ އަހަރެން ލަދުގަންނަ ގޮތްވިއެވެ. އޭރު މިފްރާހުގެ ތޫނު ދެލޮލުން ފެންނަން ހުރި ބަހުރުވަ އަހަންނަށް އެއްގޮތަކަށްވެސް ތަރުޖަމާ ކުރާކަށް ނޭނގުނެވެ. އަހަރެން ތެދުވިތަން ފެނިފައި އޭނާ އާދައިގެ މަތިން އެއްވެސް އެއްޗެއް ނުބުނެ ނުކުމެގެން ދިޔައީއެވެ.

އޭގެ ފަހުން މިފްރާހު ގޭގައި އުޅޭ ވަގުތު ގިނަވާން ފެށިއެވެ. މިޝާގެ އެކި ކަންކަމާއި ގޭތެރޭގެ ކަންކަމުގައި އެހީތެރިވެދިނުން އިތުރުވާން ފެށިއެވެ. އަހަރެން ބަލިވެއްޖެނަމަ ޑޮކްޓަރަށް ދައްކައިދޭން ދިއުމާއި ބޭނުންވަނީ ކޮންކަމެއްތޯ ބަލަންފެށިއެވެ. ވީހާވެސް އަހަރެން އެކަނިވެރިވިޔަ ނުދީ ވޭތޯ މަސައްކަތްކުރަންފެށިއެވެ. ނަމަވެސް މިފްރާހު އަބަދުވެސް އަހަރެމެންގެ ދޭތެރޭގައި ދުރުކަމެއް ބެހެއްޓޭތޯ ބަލާކަން އަހަންނަށް ފާހަގަކުރެވުނެވެ. ވާހަކަ ދައްކާއިރުވެސް ހަތަރު ކަޅި ހަމަނުކޮށް ވޭތޯ އޭނާ ބަލައެވެ. އޭގެ ސަބަބެއް އަހަންނަކަށް ނޭނގެއެވެ.

އެގޮތުގައި ދުވަސްތައް ހޭދަވާންފެށިއެވެ. ނޭނގިހުއްޓާ މަޑުމަޑުން މިފްރާހު ފެންނަ ވަގުތުތަކުގައި މުޅިން އައު ގޮތަކަށް އަހަރެންގެ ހިތުގައި ވިންދުޖަހަން ފެށިއެވެ. އެ މަޑުމައިތިރި، ބަސް މަދު މިޒާޖު ކުއްލިއަކަށް އަހަންނަށް ކަމުދާންފެށިއެވެ. މިފްޒާލް ހުންނަ މަދު ވަގުތުކޮޅުގައިވެސް އަހަންނަށް މިފްރާހާމެދު ވިސްނެންފެށިއެވެ. ނުވިސްނަން ކިތަންމެ މަސައްކަތްކުރި ނަމަވެސް އެ އިޙުސާސްތައް ދިޔައީ ކުރިލާ ފޯދެމުންނެވެ.

ކައިވެންޏަށް ދެ އަހަރު ވީއިރު އަހަރެން ހުރީ ހަދާނެ ގޮތް ހުސްވާވަރުވެފައެވެ. މިފްރާހާމެދު އަހަރެންގެ ހިތުގައި އުފެދި ވަރުގަދަވަމުން އައި އިޙުސާސްތަކަށް ދޭނެ ނަމެއް އަހަންނަކަށް ނޭނގުނެވެ. މިފްޒާލް ގޯހީކީ ނޫނެވެ. ނަމަވެސް ލޯތްބާއި އަޅާލުން އެންމެ ބޭނުންވާ ވަގުތުތަކުގައި އަހަރެންގެ އެންމެ ކައިރީގައި ހުންނަނީ މިފްރާހެވެ. އޭގެ ސަބަބުން މިފްރާހާ ކިތަންމެ ދުރުވާން މަސައްކަތްކުރި ނަމަވެސް އިދިކޮޅަށް ދަމާ ބާރެއް ހުންނަހެން ހީވާންފެށިއެވެ. އަދި އެކަންވީ ހިތުގައިވާ އިޙުސާސްތައް އިތުރަށް ފުންވެގެންދިޔަ ކަމަކަށެވެ.

އަމިއްލަ ސިކުނޑިއާއި ހިތާ ދެމެދު ކުރެވެމުން ދިޔަ ވަރުގަދަ ހަނގުރާމަ ހުއްޓުވޭނެ މަގެއް ފެނޭތޯ އަހަރެން ދިޔައީ ގަދައަޅާ މަސައްކަތްކުރަމުންނެވެ. އެގޮތުން ދަރިޔަކު ހޯދައިފިނަމަ އެކަމަށް ޙައްލެއް ލިބިދާނެއޭ އަހަރެންގެ ޒަމީރު ގޮވަންފެށިއެވެ. ނަމަވެސް އެކަންވީ ވުމަށްވުރެ ނުވުން ގާތް ކަމަކަށެވެ. ކައިވެންޏަށް ދެއަހަރަށްވުރެ ގިނަ ދުވަސްވެފައިވީއިރުވެސް ރަށުގައި ހުރެވޭ ދުވަސްތައް މަދުވެފައިވާތީ އެފަދަ ކަމަކަށް މިފްޒާލް އަދި ތައްޔާރު ނޫންކަން ފާޅުގައި ދިޔައީ ބުނަމުންނެވެ. ނަމަވެސް އަލަތު ކައިވެނި ދެމެހެއްޓުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް ކުރަން އަހަރެން ހުރީ އަތުކުރި އޮޅާލައިގެންނެވެ. އެހެނަސް އިންސާނަކަށް ކެތް ކުރެވޭނީވެސް ވަކި ވަރަކަށްނޫންހެއްޔެވެ؟  ބެދިފައިވާ މަގެއްގެ މެދުގައި ތާށިވެފައި އަހަރެން ހުންނަންވީ ކިހާ ދުވަހެއްވާންދެންހެއްޔެވެ؟ އަމާން އައްސޭރިއަކަށް ވާސިލުވެވޭނެ އެއްވެސް ގޮތެއް ފެންނަން ނެތްކަން އެނގޭއިރުވެސް ހަމަ ތެޅިތެޅި ހުންނަންވީހެއްޔެވެ؟

ޖެހެމުން ދިޔަ ގަދަ ވަޔާ ދެކޮޅަށް ހިނގޭތޯ އަހަރެން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލާފައި އެންމެފަހުން އަމާންދޭން ނިންމީ ވަރުބަލިވުމުންނެވެ. ފިރިމީހާގެ ބޭބެދެކެ ލޯބިވުމަކީ ކުރެވުނު ބޮޑު ކުށެއްކަމުގައި އިޙުސާސްވާންފެށިއެވެ. މުޅި ދުނިޔެވެސް އަހަރެންނަށް މަލާމާތްކުރަމުންދާހެން ހީވާންފެށިއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވެންފެށީ އިންތިހާއަށެވެ. ވަރިއަށް އެދެން ނިންމީ އެހާ ހިސާބުންނެވެ. އޭރު މިފްޒާލް ހުރީ ރާއްޖެތެރޭ ރަށަކަށް ފުރަން ދިއުމަށްޓަކައި ދަބަސް ތައްޔާރުކުރާށެވެ. އުންމީދުކުރިފަދައިން އެތައް ސުވާލުތަކަކާ ކުރިމަތިލާން ޖެހުނެވެ. ޖަވާބުގައި އަހަރެން ބުނީ ހަމަ އެންމެ ޖުމްލައެކެވެ. އެއީ އަހަންނަށް އެހެން މީހަކުދެކެ ލޯބިވެވިއްޖެކަމެވެ. އިތުރު އެއްވެސް ތަފްޞީލެއް ނުދެމެވެ. މިފްޒާލް ވަރަށް ރުޅި އައެވެ. އެއީ ކާކުކަން އޮޅުންފިލުވުމަށްޓަކައި ތަކުރާރުކޮށް ސުވާލު ކުރިއެވެ. ނަމަވެސް އެ ސުވާލަށް ޖަވާބުދީފިނަމަ ނުކުންނާނެ ނަތީޖާ އެނގޭތީ އަހަރެން ޚިޔާރުކުރީ ހަނުހުރުމެވެ. މިފްޒާލްގެ ލޮލުން ކެތްކުރަން ދަތި ވޭނެއް އަހަންނަށް އެވަގުތު ފެނުނެވެ. ނަމަވެސް އަހަންނަކީވެސް އިންސާނެކެވެ. ކައިވެނި ސަލާމަތްކުރުމަށްޓަކައި އަހަރެން ކުރި މަސައްކަތް ދެނެވޮޑިގެންވާނީ ހަމައެކަނި އަހަރެންގެ ވެރި އިލާހެވެ. އެންމެފަހުން މިފްޒާލް އައި ރުޅީގައި ނުކުމެންދިޔައީ ގެއިން ނުކުމެގެން ދިއުމަށް އަމުރުކޮށްފައެވެ.

އަހަރެންނަށް ޚިޔާލުތަކުން ނުކުމެވުނީ ޓެކްސީ ޑްރައިވަރު ދެފަހަރަކު ގޮވާލުމުންނެވެ. އޭރު ލޮލުން ފައިބަމުންދިޔަ ކަރުނަތައް ވަނީ ހުއްޓިފައެވެ. ކާރުވެސް އޮތީ އެއަރޕޯރޓުގައެވެ. އަވަހަށް އަގު އަދާކުރުމަށްފަހު ނުކުމެ ފުރާ މީހުން ވަންނަ ދޮރާ ދިމާއަށް އަހަރެން ހިނގައިގަތީމެވެ.

------------------------------------------------------------------------------------------------------------------------------

"ޒާރާ! ދަރިފުޅު ހޯދަން މީހަކު އައިސް އެބަހުރި." އަހަރެން ބަދިގޭގައި ހަނޑޫ ހޮވަން އިންދާ އިވުނީ މަންމަގެ އަޑެވެ.

ރަށަށް އައިތާ މަހެއް ވެގެންދިޔައިރު މިފްޒާލްގެ އެއްވެސް ޚަބަރެއް ނުވެއެވެ. މިޝާއާ މިފްރާހުގެ ޙާލު ބަލާލާހިތުން ކެތް މަދުވިނަމަވެސް އަހަރެން ބެލީ އަމިއްލަ އެދުންތަކަށް ބީރު ކަންފަތެއް ދެވޭތޯއެވެ. ކުރެވުނު ކުށަށް އަދިވެސް އަމިއްލަ ނަފްސަށް މަޢާފްނުކުރެވޭތީއެވެ.

ދޮލަނގު ބަހައްޓާފައި ގޯތި ތެރެއަށް އަހަރެން ނުކުތީ ޚިޔާލުތަކަށް ގެއްލިފައި ހުރެއެވެ. އޭރު ގޯތި ތެރޭގައި ހުރި ޖޯލިފަތި ކައިރީގައި ފުރަގަސްދީގެން ފިރިހެނަކު ހުއްޓެވެ. އަހަރެންގެ ފިޔަވަޅުގެ އަޑު އިވިގެން އެމީހަކު އެނބުރިލިއެވެ. އެވަގުތު ހީވީ އަހަރެންގެ ދެފައިގައި މީހަކު ކަސްތޮޅު އެޅިހެންނެވެ. ދެލޯ ބޮޑުވެ ބޭރަށް ލަމުންދިޔަ ނޭވާވެސް އެތެރޭގައި ތާށިވިއެވެ.

"ކީއްވެ ނުބުނީ؟" މިފްރާހުގެ އަޑުގައި ހުރީ ޝަކުވާއެވެ. އެ ތޫނު ދެލޮލުން ބަލަންފެށި ގޮތުން އަހަރެންގެ ހުރިހާ ހިއްސުތަކަކަށް އެނގުންވެގެންދިޔައެވެ.

"ނުބުންޏަސް ހޯދައިގެން އަހަރެން މިއައީ. އައި ލަވް ޔޫ ޓޫ." ދެން އެއަޑު އިވުނީ އަހަރެންގެ ކަންފަތާ ދާދި ކައިރިންނެވެ. އޭރު މިފްރާހު ހުރީ އަހަރެންގެ ސީދާ ކުރިމަތީގައި، ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ.

"ސޮރީ." އަޑު ކެނކެޑިގެން އަހަރެންގެ ދުލުން ނުކުތީ ހަމައެކަނި އެލަފްޒެވެ.

"އެންމެ ފަހަރަކުވެސް ބުނެލިނަމަ. އަހަރެންގެ ހިތުގައި ތި ސޫރަ ބިންވަޅު ނެގުނީ ނުވެސް އެނގި ހުއްޓާ. ޒާރާގެ ހިތާމަތަކުގައި ބައިވެރިވެ ތި ދެލޮލުން ފޭބި ކަރުނަތައް މިދެއަތުން ފޮހެލަދޭން ބޭނުންވި އެތައް ވަގުތެއް ދިޔަ. އެކަމަކު އެއީ ރަނގަޅު ގޮތެއްކަމުގައި ނުވާތީއާ ޒާރާ ހީކޮށްފާނެ އެއްޗެއް ނޭނގޭތީ އަހަންނަށް ފަސްޖެހެވުނީ." އަހަރެންނާ ހަތަރުކަޅި ހަމަކޮށްގެން ހުރެ މިފްރާހު ބުންޏެވެ.

"ޒާރާ ވަކިވެގެން ދިޔަ ސަބަބު އަހަންނަށް އެނގުނީ މީގެ ދުވަސްކޮޅެއް ކުރިން. އެވާހަކަ މިފްޒާލް ހަމަ ބުނި ހިސާބުން އަހަންނަށް އެނގިއްޖެ ވީގޮތް. މިޝާވެސް ޒާރާ ނުފެނިގެން ވަރަށް ރުއި. އެކަމަކު ނަންބަރުވެސް ބަދަލުކުރީމަ އަހަރެން ކިހިނެއް ގުޅާނީ؟ ދިޔަ ސަބަބު ނޭނގޭތީ މިހާ ދުވަހުވެސް ނައިސް މި މަޑުކުރީ." މިފްރާހުގެ ބަރު އަޑު އެވަގުތު އިތުރަށް ބަރުވެފައިވާހެން ހީވިއެވެ. އެއަޑުގައިވަނީ އިންތިހާ ލޯތްބާއި އަޅާލުމެވެ.

"ކިހިނެއް އަހަރެން ބުނާނީ؟ އަހަންނަށް އަދިވެސް މިއުޅެނީ ކުރެވުނު ކުށަށް އަމިއްލައަށްވެސް މަޢާފު ނުކުރެވިގެން." އެހިސާބަށް ބުނެވުނު އިރު އަހަރެންގެ ލޮލުން ކަރުނަ ފައިބަން ފަށައިފިއެވެ.

"އަހަރެންވެސް އަދި މިޝާވެސް ޒާރާ ވަރަށް ބޭނުން." އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަމުން މިފްރާހު ބުންޏެވެ. އަދި އަހަރެންގެ ދެކޮނޑުގައި ހިފާ ކައިރިކޮށްލުމަށްފަހު ނިތް ކުރީގައި ބޮސްދިނެވެ.

"އެކަމަކު މިފްޒާލްއޯ؟ މަންމަމެން ހީކުރާނީ ކީކޭ؟" ފުލުފުލުގައި އަހަރެންގެ ހިތުގައިވާ ސުވާލުތައް ބަންޑުންކޮށްލީމެވެ.

"މިފްޒާލް މިހާރު އަމިއްލައަށް ކުރެވުނު ކުށް ޤަބޫލުކޮށްފި. އިޙުސާސް އުފެދުނީ ޒާރާގެ ހިތުގައި އެކަނި ނޫންކަމާ އެކަން އެހެން ވާންޖެހުނީ މިފްޒާލަށްވެސް ހެދުނު ގޯސްތަކަކުންކަން އަހަރެން ވިސްނައިދިނިން. އޭނަ މެލޭޝިޔާއިން ވަޒީފާއެއް ހޯދައިގެން ދެން އެނބުރި ރާއްޖެ ނާންނަގޮތަށް ބަދަލުވެއްޖެ. މަންމަމެންނަށްވެސް އަހަރެން ވިސްނައިދިނީ މިފްޒާލަށް ވިސްނައިދިން ގޮތަށް. އެމީހުން އަދި މިގުޅުމާ އެހާ ޤަބޫލުނުވިޔަސް ދުވަސްކޮޅަކުން ހަމަޖެހިދާނެ. އެކުގައި އުޅެން މިތިބީ އަހަރެމެން ދެމީހުންނެއްނު. މަންމަމެން އަބަދުވެސް ބޭނުންވަނީ އަހަރެން އުފަލުގައި އުޅެން." ކަންތައް ގޮސްފައި އޮތް ހިސާބު މިފްރާހު ވަރަށް ރަނގަޅަށް އޮޅުންފިލުވައިދިނެވެ.

ލޯބިވާން ނުޖެހޭ މީހަކުދެކެ ލޯބިވެވުމަކީ ކުށެއްކަމުގައި އަހަރެން ދެކުނީމެވެ. އަދި ލޯބިވާ މީހާއާ ދުރަށްދާން އަހަރެން ނިންމީ އެކުށުގެ ސަޒާއެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު މިފްރާހު އަހަންނަށް ވިސްނައިދީފިއެވެ. ލޯތްބަކީ ވާ އެއްޗެއް ނޫނެވެ. ވެވޭ އެއްޗެކެވެ. އަދި އެއީ ކުށެއްވެސް ނޫނެވެ. އެހެންނޫންނަމަ މިދުނިޔޭގައި އެކުށް ނުކުރާ ހަމަ އެކަކުވެސް ނުހުންނާނެއެވެ.

(ނިމުނީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް