ކޯވިޑް-19ގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައް ކުރާ ސިފައިން ތަމްރީން ކުރަނީ

ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ނުރައްކާތެރި ކޯވިޑް-19 ޖެހިގެން މީހަކު މަރުވެއްޖެ ނަމަ ކަށުކަމާކެމީގެ ކަންތައް ކުރާނީ ސީފައިން ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކަނޑައަޅައިފި ...

19 Apr 2020 | 15:02

ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ނުރައްކާތެރި ކޯވިޑް-19 ޖެހިގެން މީހަކު މަރުވެއްޖެ ނަމަ ކަށުކަމާކެމީގެ ކަންތައް ކުރާނީ ސީފައިން ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކަނޑައަޅައިފި އެވެ.

މިކަމަށް އެމްއެންޑީއެފްއިން ވަނީ ވަކި ސިފައިންތަކެއް ކަނޑައަޅާފައި އެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތް އެކަމަށް ކަނޑައަޅާފައިވާ ސިފައިންނަށް ކިޔައިދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މައުލޫމާތުތައް އެ ސިފައިންނަށް ދެމުންދަނީ އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިންނެވެ.

އެ މިނިސްޓްރީން ބުނީ މި މައުލޫމާތުތައް ދެމުންދަނީ ޑޮކްޓަރުންގެ ޓީމުގެ ލަފާގެ މަތިން ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ވިދާޅުވީ ކޯވިޑް-19 ނުވަތަ ނުރައްކާތެރި ބޮޑު ބައްޔެއްގައި މަރުވިކަމުގައި ވިޔަސް މުސްލިމުން ޖެހޭނީ ހިނަވާ ކަފުންކޮށް ވަޅުލާން ކަމަށެވެ. މިކަމުގައި ބައެއް ފަރާތްތަކުން ސުވާލު އުފައްދަން ފެށީ ބައެއް ގައުމުތަކުގައި މަރުވާ މީހުންގެ ގައިން ވައިރަސް ނުފިލާ ކަމަށް ބުނެ އަންދާލަން ނިންމާފައިވާތީ އެވެ. އެގޮތުން އެހެން ދީންތަކުގެ މެޖޯރިޓީ އޮންނަ އަވައްޓެރި ސްރީލަންކާގައި ވަނީ ކޯވިޑް-19 ޖެހިގެން މަރުވި މުސްލިމުން އަންދާލާފައި އެވެ.

https://twitter.com/MVIaffairs/status/1251876464045088769

ކޯވިޑް-19 މުޅި ރާއްޖޭގައި ފެތުރެން ފަށާފައިވާއިރު މިހާތަނަށް52 މީހަކު ވަނީ ޕޮސިޓިވް ވެފައި އެވެ. މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މިހާތަނަށް ބައްޔަށް މީހުން ޕޮސިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނާއި ހއ. އުލިގަމުގައި އެވެ. ދެން ޕޮސިޓިވް ވެފައިވަނީ ރިސޯޓުތަކުގައި ތިބި މީހުންނެވެ.

އެޗްޕީއޭއިން ބުނީ މިހާރު ކޮންމެ ދުވަހަކު ޕޮސިޓިވްވަމުންދާ މީހުންގެ އަދަދު ދަށް ނުކުރެވިއްޖެ ނަމަ ކުރިޔަށް އޮތް14 ދުވަސް ތެރޭގައި މި ބަލީގައި ރާއްޖެ ނުރައްކާތެރި ހާލަތަކަށް ވެއްޓޭނެ ކަމަށެވެ.

އެހާލަތުގައި ގިނަ ބަޔަކު މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެއީ ރާއްޖޭގައި ސިއްހީ ވަސީލަތްތައް މަދު ކަމުން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް