ކޯވިޑް-19: އައިޖީއެމްއެޗް ހޮސްޕިޓަލުގައި މައްޔިތުންގެ މޫނު ދެއްކުން ވަގުތީގޮތުން ހުއްޓާލައިފި

އައިޖީއެމްއެޗް ހޮސްޕިޓަލުގައި މައްޔިތުންގެ މޫނު ދެއްކުން ވަގުތީގޮތުން ހުއްޓާލާފައިވާކަން އެ ހޮސްޕިޓަލުން އިއުލާނުކޮށްފިއެވެ. އެގޮތުން އެ ހޮސްޕިޓަލުން ބުނެފައިވަނީ ކޯވިޑް19ގެ އަލާމާތެއް ނުފެނި ގިނަ އަދ...

19 Apr 2020 | 12:57

އައިޖީއެމްއެޗް ހޮސްޕިޓަލުގައި މައްޔިތުންގެ މޫނު ދެއްކުން ވަގުތީގޮތުން ހުއްޓާލާފައިވާކަން އެ ހޮސްޕިޓަލުން އިއުލާނުކޮށްފިއެވެ.

އެގޮތުން އެ ހޮސްޕިޓަލުން ބުނެފައިވަނީ ކޯވިޑް19ގެ އަލާމާތެއް ނުފެނި ގިނަ އަދަދެއްގެ ބަޔަކު ތިބޭނެކަމަށް ކަމާބެހޭ ތަޖުރިބާކާރުން ދަނީ ތަކުރާރުކޮށް ވިދާޅުވަމުން ކަމަށާއި މިފަދަ ހާލަތެއްގައި ހޮސްޕިޓަލުގެ ތެރެއަށް މި ބަލި ވަދެ ޑޮކްޓަރެއް، ނަރުހެއް ނުވަތަ އެނޫންވެސް މުވައްޒަފަކަށް މި ބަލި ޖެހިއްޖެނަމަ އެއީ މުޅި މުޖްތަމައަށް ނުރައްކާތެރިކަން އެތައް ގުނައަކަށް އިތުރުވެންދާނެ ކަމަށެވެ.

"ކޮންމެހެން ވަންނަން ޖެހިގެން ފިޔަވައި ހޮސްޕިޓަލްތެރެއަށް އާންމުން ވަނުން އެދެވިގެންނުވާ އެއް ސަބަބަކީ މިއީއެވެ" އައިޖީއެމްއެޗުން ބުނެފައިވެއެވެ.

އެ ހޮސްޕިޓަލުގައި ނިޔާވުމުން، މީގެ ކުރީގައިނަމަ ގިނަ އަދަދެއްގެ ބަޔަކު މައްޔިތާގެ މޫނު ދެކިލުމަށް ހޮސްޕިޓަލަސް އަންނަ ކަމަށާއި މިއީ ހޮސްޕިޓަލުގެ މުވައްޒަފުންގެ އިތުރުން ހޮސްޕިޓަލަށް ޖަމާވާ އާންމުންނަށްވެސް ބަލި ފެތުރިދާނެފަދަ ކަމަށްވާތީ، އަދި ޖުމްލަ ގޮތެއްގައި މިވަގުތު މާލޭގައި ކޮމިއުނިޓީ ސްޕްރެޑް އޮތް ހާލަތަށް ބަލާއިރު ހަމަ އެއްގޮތަކަށްވެސް ކޮށްގެން ވާނޭ ކަމެއް ނޫންކަން އެންމެހައި ރައްޔިތުންވެސް ގަބޫލުފުޅުކުރައްވާނެ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފައިވެއެވެ.

އެހެންކަމުން އެ ހޮސްޕިޓަލުގައި މީހަކު ނިޔާވުމުން މައްޔިތާގެ މޫނު ދެކިލުމަށް ނުވަތަ އެނޫންވެސް ގޮތަކަށް މައްޔިތާ ދެކިލުމަށް އެދޭ ފަރާތްތަކުން، މާލޭ ސިޓީ ކައުންސިލުންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ސަހަރާގައި އެ އިންތިޒާމްތައް ހަމަޖައްސަވާ ގޮތަކަށް އަމަލުކުރުމަށް ދަންނަވާކަމަށާއި އަދި މިވަގުތު އޮތް ނުރައްކާ، ނާޒުކު ހާލަތުގެ ސަބަބުން މޫނު ބެލުމަށް ހޮސްޕިޓްގެ ތެރެއަށް އާންމުން ވަނުމަށް ހުއްދަ ދެވެން ނެތްކަމަށްވެސް އައިޖީއެމް ހޮސްޕިޓަލުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް