މައުލޫމާތުދޭން ދެކޮޅުހަދާ، ދޮގު ހަދާ މީހާއަށް ޕީޖީ ޝަމީމްގެ އިންޒާރެއް!

ކޯވިޑް-19 މާލެއިން ފުރަތަމަ ޕޮސިޓިވްވި މީހާއާއި ގުޅުން ހުރި މީހަކު އެމީހާ އާއި ގުޅުން ހުރި މީހުންގެ މައުލޫމާތު ދޭން ދެކޮޅު ހަދާކަން އެޗްޕީއޭއިން ހާމަ ކުރުމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޭނ...

19 Apr 2020 | 12:46

ކޯވިޑް-19 މާލެއިން ފުރަތަމަ ޕޮސިޓިވްވި މީހާއާއި ގުޅުން ހުރި މީހަކު އެމީހާ އާއި ގުޅުން ހުރި މީހުންގެ މައުލޫމާތު ދޭން ދެކޮޅު ހަދާކަން އެޗްޕީއޭއިން ހާމަ ކުރުމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޭނާއަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

ޝަމީމް ފޭސްބުކްގައި ވިދާޅުވެފައިވަނީ އެ މީހާ މައުލޫމާތު ދޭން ދެކޮޅު ހެދިޔަސް އޭނާ ދިޔަ ތަންތަނާއި އޭނާއާ ބައްދަލުވި މީހުންގެ މައުލޫމާތު ފުލުހުންނަށް ހޯދޭނެ ކަމަށެވެ. އަދި އޭނާ ދައްކާ ވާހަކައިން ތަހުގީގަށް ހޯދޭ މައުލޫމާތު ދިމާނުވާ ނަމަ، ގާނޫނުލް އުގޫބާތުގެ ދަށުން ގިނަ ދައުވާތަކެއް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދައުވާތަކަށް އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ ކަމަށެވެ. އަދި ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ކަންކަމުގައި އެއަށް ވުރެ އަދަބު ބޮޑު ކުރެވިދާނެ ކަމަށް ވިދާޅުވެ ޝަމީމް އިންޒާރު ދެއްވި އެވެ.

ޝަމީމް ވިދާޅުވީ އޭނާއަށް ދައުވާ ކުރަން ހަމައެކަނި ބޭނުންވާނީ ދޮގު ހެދިކަމުގެ ހެއްކެވެ. އެހެންވެ، އެއީ ވަރަށް ސާފު މައްސަލައެއް ކަމަށް ވިދާޅުވެ، އެ މީހާއަށް އޮތް ހަމައެކަނި ގޮތަކީ ތެދު މައުލޫމާތު ދިނުން ކަމަށާއި އެހެން ނޫންނަމަ ދާން ޖެހޭނީ ޖަލަށް ކަމަށް ވިދާޅުވި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ އެމީހާގެ މައުލޫމާތު ލަސްވެގެން މިރޭ އާންމު ކުރާނެ ކަމަށެވެ. އެޗްޕީއޭއިން މީގެ ކުރިން ބުނީ ގުޅުން ހުރި މީހުންގެ މައުލޫމާތު ދިނުން ލަސްކުރާ ކޮންމެ ވަގުތަކީ އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ހުޅުވިގެންދާ ކަމެކެވެ.

ޑައިރެކްޓާ ޖެނެރަލް އޮޕް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެއްބާރުލުން ނުދޭ މީހުންގެ ނަން ހާމަ ކުރަން ނިންމާފައިވަނީ އެމީހުންނާއި ގުޅުން ހުރި މީހުން ހޯދަން ވެގެންނެވެ. ނަން އާންމު ކުރުމާއި އެކު އެމީހާ އާއި ގުޅުން ހުރި ނުވަތަ އެޗްޕީއޭއިން ކަނޑައަޅާ މުއްދަތެއްގައި ދިމާވެ މުއާމަލާތް ކޮށްފައިވާ މީހުން އެޗްޕީއޭއަށް އަންގަން ޖެހެ އެވެ.

މިހާތަނަށް ރާއްޖެއިން52 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާއިރު މާލެއިން މިއަދު އެކަނިވެސް މިހާތަނަށް16 މީހަކު ވަނީ ޕޮސިޓިވް ވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް