ކޯވިޑް-19 އަށް މާލެއިން ފުރަތަމަ ޕޮސިޓިވްވި ކޭސް21 އާއި ގުޅުން ހުރި މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ދޮގު މައުލޫމާތު ދޭތީ ނަން ހާމަ ކޮށް ގުޅުން ހުރި މީހުން ހޯދަން ނިންމައިފި އެވެ.
އެޗްޕީއޭއިން ބުނީ އެމީހާ އާއި ގުޅޭ މައުލޫމާތު އެންމެ ލަސްވެގެން މިރޭ އާންމު ކުރާނެ ކަމަށެވެ.
އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ މިހާތަނަށް މާލެއިން ޕޮސިޓިވްވި މީހުންނާއި ގުޅުން ހުރި މީހުން ހޯދުމުގައި އެންމެ އުނދަގޫވެފައިވަނީ ކޭސް21 އާއި ގުޅުން ހުރި މީހުން ހޯދުމުގައި އެވެ. އެގޮތުން މީގެ ކުރިންވެސް ފާހަގަކޮށްފައިވާ ގޮތަށް ނަޒްލާ ވިދާޅުވީ ގިނަ ވަގުތުތަކެއް ގުޅުން ހުރި މީހުންގެ މައުލޫމާތު ހޯދުމުގައި ހޭދަ ކުރަން ޖެހޭ ކަމަށެވެ.
ހާއްސަކޮށް ނަން ހާމަ ކުރަން ނިންމާފައިވާ މީހާގެ ފަރާތުން އޭނާ އާއި ގުޅުން ހުރި އެއްވެސް މީހެއްގެ މައުލޫމާތު ހޯދުން ވަރަށް ބޮޑަށް އުނދަގޫވެފައިވާ ކަމަށެވެ. އެކަމަކު ކޭސް21 އާއި ގުޅުން ހުރި އެހެން މީހުން މައުލޫމާތު ދިން ކަމަށް ވިދާޅުވި އެވެ.
އެޗްޕީއޭއިން މީގެ ކުރިން ބުނީ ގުޅުން ހުރި މީހުންގެ މައުލޫމާތު ދިނުން ލަސްކުރާ ކޮންމެ ވަގުތަކީ އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ހުޅުވިގެންދާ ކަމެކެވެ.
ޑައިރެކްޓާ ޖެނެރަލް އޮޕް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެއްބާރުލުން ނުދޭ މީހުންގެ ނަން ހާމަ ކުރަން ނިންމާފައިވަނީ އެމީހުންނާއި ގުޅުން ހުރި މީހުން ހޯދަން ވެގެންނެވެ. ނަން އާންމު ކުރުމާއި އެކު އެމީހާ އާއި ގުޅުން ހުރި ނުވަތަ އެޗްޕީއޭއިން ކަނޑައަޅާ މުއްދަތެއްގައި ދިމާވެ މުއާމަލާތް ކޮށްފައިވާ މީހުން އެޗްޕީއޭއަށް އަންގަން ޖެހެ އެވެ.
މިހާތަނަށް ރާއްޖެއިން52 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާއިރު މާލެއިން މިއަދު އެކަނިވެސް މިހާތަނަށް16 މީހަކު ވަނީ ޕޮސިޓިވް ވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް