މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް ހުއްޓާލައިފި، ކެންސަލްވި ދަތުރުތައް ފަހުން އޮންނާނެ!

ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީ ލޮކް ޑައުން ކުރުމާއި ގުޅިގެން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް މެދުކަނޑާލައިފި އެވެ. މާލޭ ސިޓީގެ އިތުރުން ރާއްޖޭގެ އެއްވެސް ރަށަކަށް އަރާ ފޭބުން ޑައިރެކްޓާ ޖެނެރަ...

19 Apr 2020 | 07:24

ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީ ލޮކް ޑައުން ކުރުމާއި ގުޅިގެން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް މެދުކަނޑާލައިފި އެވެ.

މާލޭ ސިޓީގެ އިތުރުން ރާއްޖޭގެ އެއްވެސް ރަށަކަށް އަރާ ފޭބުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމަކުން ވަނީ މަނާކޮށްފައި އެވެ. އެއީ އާންމުންގެ މެދުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށެވެ.

މޯލްޑިވިއަންއިން ބުނީ އެތެރޭގެ އުދުހުންތައް އަލުން ފަށާނީ މާލޭ ސިޓީގެ ލޮކް ޑައުންގެ ހާލަތު ނިމުމުން ކަމަށެވެ.

ހާލަތު ބަދަލުވެ ދަތުރުތައް ފެށުމާއި އެކު މި މުއްދަތުގައި ކެންސަލްވި ދަތުރުތައް އަލުން ޝެޑިއުލްކޮށް ކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަންއިން މައުލޫމާތުދެ އެވެ. އަދި އެ ދަތުރުތައް ރޭވިފައިވާ ގޮތް ދަތުރު ކުރަން ފެށުމާއި އެކު ކަސްޓަމަރުންނަށް އަންގަމުންދާނެ ކަމަށެވެ.

މީގެ އިތުރުން ދުރާލާ ޓިކެޓު ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ފަހުގެ ތާރީހެއްގައި ދަތުރު ކުރަން ބޭނުން ނުވާ ފަރާތްތަކަށް ރިފަންޑު ދޫކުރާނެ ކަމަށެވެ. އެކަމަކު ކުރިން އެއް ދުވަހުން ރިފަންޑުގެ ކަންކަން ހަމަޖެހުނަސް މިދުވަސްވަރު އެހާ އަވަހަށް ނުވާނެ ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފަ އެވެ.

https://twitter.com/MaldivianAero/status/1251733844400594944

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމާއި ގުޅިގެން މޯލްޑިވިއަންއިން ކުރާ ބައިނަލްއަގުވާމީ ދަތުރުތައް ހުއްޓާލަން ޖެހުމުން މިހާރު ބާއްވަމުން ދަނީ ބައިނަލްއަގުވާމީ ކާގޯ ފްލައިޓުތަކެއް އެކަންޏެވެ.

ދެން ކުރަމުންދަނީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ބާއްވަމުންދާ ޗާޓާޑް ފްލައިޓުތަކެކެވެ. މީގެ އިތުރުން ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ ޓޫރިސްޓުން މާ ދުރުނޫން ގައުމުތަކަށް ގެންދަން މޯލްޑިވިއަންއިން ދަނީ ޗާޓާޑް ފްލައިޓުތައް ބާއްވައިދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް