ކޮރޯނާ ވައިރަސް ރާޢްޖެއިން ފެނުނު ފަހުން އިއްޔެ އަކީ ހިތްދަތި ދުވަހެކެވެ.
މާލެއަށް ބަލި ފެތުރިފައިވާކަން އެނގުނުތާ އަދި މިއަދަކީ ފަސް ވަނަ ދުވަހެވެ. އިއްޔެ އެކަނި މި ބަލި އަލަށް ހަތް މީހަކަށް ޖެހިފައިވެ އެވެ. އޭގެ ތެރެއިން ހަ މީހުންނަކީ ދިވެހިންނެވެ.
އިއްޔެ އަލަށް ބައްޔަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި ކުރިން މާލެއިން ބައްޔަށް ޕޮސިޓިވްވި އެއްވެސް މީހަކާއި ގުޅުން ނެތް މީހަކު ހިމެނެ އެވެ. އެމީހާ އާއި ގުޅުން ހުރި މީހުން ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭއިން ކުރިޔަށް ދާއިރު މީގެ ކުރީގެ އެއްވެސް ޕޮސިޓިވް މީހަކާއި ގުޅުން ނެތް ހަތަރު މީހަކަށް މާލެއިން ވަނީ ބަލި ޖެހިފައިވެ އެވެ.
ދެން އިއްޔެ ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ27 ވަނައަށް ރާއްޖެއިން ޕޮސިޓިވްވި މީހާ އާއި ސީދާ ގުޅުން ހުރި ތިން މީހެކެވެ. އެއީ29،30 އަދި34 ވަނައަށް ރާއްޖެއިން ޕޮސިޓިވްވި މީހުންނެވެ.
މީގެ ތެރެއިން30 ވަނައަށް ޕޮސިޓިވްވި މީހާއާއި ސީދާ ގުޅުން ހުރެގެން ޓެސްޓު ކުރުމުން 32 ވަނައަށް ބަންގްލަދޭޝްގެ ރައްޔިތަކު ވަނީ ބައްޔަށް ޕޮސިޓިވްވެފައި އެވެ. އެެއީ އެ އަންހެން މީހާގެ ފިރިމީހާ އެވެ.
މީގެ އިތުރުން އިއްޔެ ޕޮސިޓިވްވެފައިވާ މީހުންގެ ތެރޭގައި ހިމެނޭ 31 އަދި33 ވަނައަށް ޕޮސިޓިވްވި މީހުންނަކީ28 ވަނައަށް ޕޮސިޓިވްވި މީހާ އާއި ސީދާ ގުޅުން ހުރި މީހުންނެވެ.
އެޗްޕީއޭއިން ބުނީ ކޯވިޑް-19 އާންމުންގެ ތެރޭގައި ފެތުރެމުންދާއިރު ބަލިޖެހުމަކީ މައްސަލައެއް ނޫން ކަމަށެވެ. މައްސަލަ ދިމާވާ ހިސާބަކީ ގުޅުން ހުރި މީހުން ދެނެގަންނަން ސުވާލު ކުރުމަށް އެތައް ގަޑިއިރެއް އެކަމަށް ހޭދަ ކުރާ ފަހުން ގުޅުން ހުރި މީހުންގެ މައުލޫމާތާއި ދިޔަ ތަންތަނުގެ މައުލޫމާތު ދޭތީ ކަމަށެވެ.
އެޗްޕީއޭއިން ބުނީ އެގޮތަށް ބޭކާރުވާ ކޮންމެ ވަގުުތަކީ އެހެން މީހުންނަށް ބަލި ޖެހުމުގެ ދޮރު ހުޅުވިގެންދާ ވަގުތެއް ކަމަށެވެ. ރާއްޖޭގައި ފެތުރެމުންދާ ވަރުން ބަލި ކޮންޓްރޯލް ކުރެވެނެ ކަމުގެ އުންމީޑު އެބައޮތް ކަމަށް އެޗްޕީއޭއިން ކުރިން އެވެ.
އެކަމަކު އިއްޔެ ރޭ އެޗްޕީއޭއިން ބުނީ ބައްޔަށް ޕޮސިޓިވްވާ މީހުން ދިމާވެފައިވާ މީހުންގެ އަދަދު ގިނަ ކަމުން މިސްރާބު ހުރީ ބަލީގެ ނުރައްކާތެރި ހާލަތަކަށް ރާއްޖެ ވެއްޓުމާއި ދިމާލަށް ކަމަށެވެ. އެގޮތުން ޕޮސިޓިވްވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު އިތުރުވަމުންދާ ނަމަ ކުރިޔަށް އޮތް14 ދުވަސް ތެރޭގައި ރާއްޖެ ކޯވިޑް-19 ގައި އެންމެ ނުރައްކާތެރި ހާލަތަށް ދާނެ ކަމަށެވެ.
އެޗްޕީއޭއިން މިހާރު ލަފާ ކުރާގޮތުގައި އެންގުން ތަކަށް ބޯލަނބައިގެން ގޭގައި ނުތިބެއްޖެ ނަމަ މިހާރު ޕޮސިޓިވްވާ ރޭޓުން 98،0000 މީހުންނަށް ރާއްޖެއިން މި ބަލި ޖެހޭނެ އެވެ. އަދި ޕޮސިޓީވްވާ މީހުންގެ އަދަދުގެ ހަ ގުނަ އިތުރަށް އަބަދުވެސް ޕޮސިޓިވްވެ ވެފައިތިބޭނެ ކަމަށް ލަފާކޮށް އެޗްޕީއޭއިން ބުނީ ރާއްޖޭގައި މިހާރު100 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާނެ ކަމަށެވެ.
މިހާތަނަށް ޖުމްލަ35 މީހަކަށް ރާއްޖެއިން ކޯވިޑް-19 ޖެހިފައިވާއިރު އޭގެ ތެރެއިން16 މީހުންނަކީ ބިދޭސީންނެވެ. އަނެއް 19 މީހުންނަކީ ދިވެހިންނެވެ.
މީގެ ތެރެއިން އިއްޔެ ޕޮސިޓިވްވި ބަންގްލަދޭޝް މީހާ ފިޔާ ހުރިހާ ބިދޭސީންނަށް ފަރުވާ ދިނުމަށް ފަހު ރަނގަޅުވެގެން ވަނީ ދޫކޮށްލާފައި އެވެ. އަދި ރާއްޖެއިން ބޭރުން އައި ދިވެހިންގެ ތެރެއިން ބަލި ޖެހުނު ތިން މީހަކުވެސް ވަނީ ރަނގަޅުވެފައި އެވެ.
މިހާތަނަށް މާލެއިން އެކަނިވެސް15 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވެ އެވެ.
މިހާރު ރާއްޖޭގެ ކަރަންޓީން ފެސިލިޓީތަކުގައި1085 މީހުން އެބަތިއްބެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގެ ގޮތުގައި65 މީހުން އެބަ ތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް