ފިތުރު ޒަކާތް ބަލައި ގަތުމާއި ބެހުން މިއަހަރު ކުރިޔަށްދާނީ އޮންލައިންކޮށް

މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމާއި ބެހުން ކުރިޔަށް ގެންދާނީ އޮންލައިންކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމު...

18 Apr 2020 | 19:38

މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމާއި ބެހުން ކުރިޔަށް ގެންދާނީ އޮންލައިންކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ ބޭންކުތައް މެދުވެރިކޮށާއި އުރީދޫ އަދި ދިރާގު މެދުވެރިކޮށް ގޭގައި ތިބެގެން ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ. ބޭންކު މެދުވެރިކޮށް ޓްރާންސްފާ ކުރުމަށް މިނިސްޓްރީގެ ވަކި އެކައުންޓެއް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހަމަ އެގޮތަށް ފަގީރުންނަށް ޒަކާތް ބެހުމުގައިވެސް އަމަލު ކުރާނީ އެއް އުސޫލަކުން ކަމަށެވެ. ފަގީރުންނަށް ފައިސާ ހަވާލު ކުރާނީ އެމީހެއްގެ އެކައުންޓަށް ޖަމާކޮށްދީގެންނެވެ.

ޒާހިރު ވިދާޅުވީ ފަގީރުންގެ ދަފްތަރުގައި މިހާރު ހުރި މީހުންގެ މައުލޫމާތާއި އެކު އެމީހުންގެ ބޭންކް އެކައުންޓު ނަމްބަރުވެސް ހުންނާނެ އެވެ.

ކޯވިޑް-19 ގެ ހާލަތު މިގޮތަށް އޮވެއްޖެ ނަމަ އިތުރު ގޮތަކަށް ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަ ނުޖެއްސޭނެ އެވެ. މިނިސްޓަރު ވިދާޅުވީ ހާލަތުން އަރައިގަނެވިއްޖެ ނަމަ ގޮވާމުން ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.

ކޯވިޑް-19 ގެ ނުރައްކާ ބޮޑުވެ މިހާރު ރާއްޖޭގެ ހުރިހާ ރަށެއް ވަނީ ލޮކްޑައުން ކުރެވިފައި އެވެ. އެކަމަކު ބޭރަށް ނުކުމެ އުޅުން އެއްކޮށް މަނާކޮށްފައިވަނީ މާލެ ސަރަހައްދުގައި އެކަންޏެވެ.

އޮންލައިންކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަ ޖައްސާނީ މާލެ ސަރަހައްދުގައި އެކަނި ކަމެއް ނުވަތަ މުޅި ރާއްޖޭގައި ކަމެއް އަދި އިސްލާމިކް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް