ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި، މުބާރާތުގެ އެންމެ ކާމިޔާބު ކްލަބް ރެއާލް މެޑްރިޑާއި ލިވަޕޫލް ބައްދަލުކުރަން ޖެހިއްޖެއެވެ. މި ދެ ކްލަބް 2018 ވަނަ އަހަރުގެ ފައިނަލްގައި ވެސް ވާދަކުރިއިރު، އެ ފަހަރު ލިވަޕޫލް ބަލިކޮށް ތަށި އުފުލާލީ ރެއާލް މެޑްރިޑެވެ. އޭގެ ފަހުން ޖެހިގެން އައި އަހަރު ލިވަޕޫލުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު، ރެއާލް މެޑްރިޑް ކުއާޓާ ފައިނަލަށް ދަތުރު މި ކުރީ 2 އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ.
ތާރީޚަށް ބަލާއިރު، މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މި ދެ ކްލަބް ވަނީ 2 ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. 1981 ވަނަ އަހަރު ޕެރިސްގައި ކުޅުނު ފައިނަލް މެޗު ލިވަޕޫލް އިން 1-0 އިން ކާމިޔާބު ކުރީ އެލަން ކެނެޑީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ރެއާލްއިން ވަނީ 3-1 ގެ ނަތީޖާއިން ލިވަޕޫލް ބަލިކޮށް 13 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާފައެވެ. އަދި އެއީ ރެއާލް އިން ޖެހިޖެހިގެން 3 ވަނަ ސީޒަންގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ފަހަރު ވެސް މެއެވެ.
މި ދެ ކްލަބްގެ 2018 ގައި ކުޅުނު ފައިނަލް މެޗުގެ ނަތީޖާގެ އިތުރުން ދެން އެންމެ އަޑުގަދަކޮށް ދެކެވުނު ވާހަކައަކީ ރާމޯސް އާއި މުޙައްމަދު ސަލާހްގެ ވާހަކައެވެ. އެ މެޗުގެ ކުރީކޮޅު ދެ ކުޅުންތެރިން ބޯޅައަށް މަސައްކަތް ކުރުމުގައި ވެއްޓި، ސަލާހްގެ ކޮނޑު ހުޅަށް ލިބުނު އަނިޔާއާއެކު އޭނާ ޖެހުނީ އެހާ ހިސާބުން ދަނޑުން ފައިބާށެވެ. އެ ހާދިސާގައި ރެފްރީ ފައުލްއަކަށް ދައްކާފައި ނުވި ނަމަވެސް، ބައެއް މީހުން ދެކޭގޮތުގައި އެއީ ރާމޯސް ގަސްތުގައި ސަލާހްއަށް ކުރި ފައުލްއެކެވެ. 2018 ގެ ފައިނަލަށް ފަހުގައި ވެސް ރާމޯސް އާއި ސަލާހްގެ ގުޅުން ރަނގަޅު ނޫންކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާއިރު، މިއީ އެ މެޗުގެ ބަދަލު ހިފުމަށް ސަލާހް އާއި ލިވަޕޫލްއަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.
ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތައް އޮންނާނީ އޭޕްރިލް 6 އަދި 7 ގައެވެ. ދެ ވަނަ ލެގުގެ މެޗުތައް އޮންނާނީ އޭޕްރިލް 27 އަދި 28 ގައެވެ.
ލިވަޕޫލް އާއި ރެއާލް މެޑްރިޑް ކުޅޭ ކުއާޓާ ފައިނަލުން މޮޅުވާ ކްލަބެއް ސެމީ ފައިނަލްގައި ބައްދަލުކުރަން ޖެހޭނީ ޕޯޓޯ އާއި ޗެލްސީ ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް