ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް: އެންމެ ފަހުގެ ފައިނަލްގައި ވާދަކުރި ދެ ކްލަބްގެ ކުރިމަތިލުމެއް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ގުރުނެގުމުގެ ރަސްމިއްޔާތު ދާދިދެންމެ ކުރިއަށް ދިޔައިރު، ކުއާޓާ ފައިނަލްގެ 2 ވަނަ މެޗުގައި، ޗެމްޕިއަންސް ލީގުގެ މި ދިޔަ ސީޒަންގެ ފައިނަލްގައި ވާދަކުރި ޕީއެސ...

19 Mar 2021 | 11:29

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ގުރުނެގުމުގެ ރަސްމިއްޔާތު ދާދިދެންމެ ކުރިއަށް ދިޔައިރު، ކުއާޓާ ފައިނަލްގެ 2 ވަނަ މެޗުގައި، ޗެމްޕިއަންސް ލީގުގެ މި ދިޔަ ސީޒަންގެ ފައިނަލްގައި ވާދަކުރި ޕީއެސްޖީ އާއި ބަޔާން މިޔުނިކް ބައްދަލުކުރަން ޖެހިއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކުން މިދިޔަ ސީޒަންގައި ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، އެ ކްލަބަށް އެންމެ އުނދަގޫ ބޮޑުވި މެޗަކަށްވީ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗެވެ. ބަޔާން ޕީއެސްޖީ ބަލިކޮށް ތަށި އުފުލާލީ 1-0 ގެ ހަނި މޮޅަކާއެކުގައެވެ. އަނެއްކޮޅުން މި ސީޒަންގައި ޕީއެސްޖީން އަންނަނީ ފާއިތު ސީޒަނަށްވުރެ ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ކްލަބް ކުއާޓާ ފައިނަލަށް ދަތުރު ކުރީ އެމްބާޕޭ ގެ މޮޅު ކުޅުމާއެކު ސްޕެއިންގެ ގަދަބާރު ބާސެލޯނާ 5-2 ގެ އެގްރިގޭޓް ނަތީޖާއިން ބަލިކޮށްފައެވެ.

ބަޔާން މިޔުނިކާއި ޕީއެސްޖީގެ މީގެ ކުރީގެ ކުރިމަތިލުންތަކަށް ބަލާއިރު 2017/18 ސީޒަންގައި މި ދެ ކްލަބް ލައްވާލީ އެއް ގްރޫޕަކަށެވެ. އެ ފަހަރު ޕީއެސްޖީ ދަނޑުގައި ކުޅުނު މެޗު 3-0 އިން ޕީއެސްޖީ ކާމިޔާބު ކުރިއިރު، ބަޔާން މިޔުނިކްގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 3-1 އިން ބަޔާން މޮޅުވެގެންނެވެ.

ޕީއެސްޖީން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށްޓެއް ހޯދުމަށް ކުރި އުންމީދުގެ ހުރަހަކަށް މިދިޔަ ސީޒަންގައި ބަޔާން މިޔުނިކް ވިއިރު، މިއީ އެ މެޗުގެ ބަދަލު ހިފަން ޕީއެސްޖީއަށް ލިބޭނެ އެންމެ ރަނގަޅު އެއް ފުރުސަތެވެ.

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތައް އޮންނާނީ އޭޕްރިލް 6 އަދި 7 ގައެވެ. ދެ ވަނަ ލެގުގެ މެޗުތައް އޮންނާނީ އޭޕްރިލް 27 އަދި 28 ގައެވެ.

ޕީއެސްޖީ އާއި ބަޔާން މިޔުނިކް ކުޅޭ ކުއާޓާ ފައިނަލުން މޮޅުވާ ޓީމެއް ސެމީގައި ބައްދަލުކުރަން ޖެހޭނީ މެންޗެސްޓާ ސިޓީ އާއި ބްރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް